ޕީޕީއެމް އިން މަސައްކަތްކުރަނީ ކޯލިޝަން އެއްބަސްވުން އުވާލަން – ގާސިމް

ޕީޕީއެމް އިން މަސައްކަތްކުރަނީ ޖުމްހޫރީ ޕާޓީއާއެކު ހަދާފައިވާ ކޯލިޝަން އެއްބަސްވުން އުވާލަން ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.
19 ވަނަ ރައްޔިތުންގެ މަޖިލީހަށް ހޮވިވަޑައިގެންނެވި މެމްބަރުންނަށް ހާއްސަކުރައްވާ ޕެރަޑައިސް އައިލެންޑް ރިސޯޓްގައި މިރޭ ބޭއްވި ފަރިއްކޮޅެއްގައި ވާހަކަ ދައްކަވަމުން ގާސިމް ވިދާޅުވީ ޖޭޕީ އަކީ ކޯލިޝަންގެ ބައިވެރިއަކަށް ވާއިރު ވެސް ސަރުކާރާއި ކޯލިޝަންގެ ކަންކަމުގައި އެ ޕާޓީއާ އެއްވެސް ވަރަކަށް ޕީޕީއެމް އިން މަޝްވަރާކުރަމުން ނުދާކަމަށެވެ.
ޕީޕީއެމް އިން ޖޭޕީއާއެކު ހަދާފައިވާ އެއްބަސްވުމާ ހިލާފުވެފައިވާ ކަން ފާހަގަކުރައްވަމުން ގާސިމް ވިދާޅުވީ ޕީޕީއެމް އިން މަސައްކަތްކުރަނީ އެ ޕާޓީއާއެކު ހަދާފައިވާ އެއްބަސްވުން ވެސް އުވާލާ ކޯލިޝަންގެ ތެރެއިން ޖޭޕީ ބޭރުކޮށްލަން ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ.
ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ޤާސިމް ބައްދަލުކުރެއްވުމުން އެކަމާ ކޯފާވެގެން ރައީސް މައުމޫނު ސިޓީފުޅެއް ފޮނުއްވިކަމަށާއި އެސިޓީގައި ޖުމްހޫރީ ޕާޓީން ކޯލިޝަން އެއްބަސްވުމާއި ހިލާފުވެއްޖެކަމަށް ރައީސް މައުމޫނު ވިދާޅުވި ކަމަށްވެސް ޤާސިމް ވިދާޅުވިއެވެ. ނަމަވެސް ކުރީގެ ރައީސްއަކާއި ބައްދަލުކުރެއްވުމަކީ ކޯލިޝަން އެއްބަސްވުމާއި ހިލާފުވީކަމަށް ދެކެވަޑައިނުގަންނަވާ ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ.  ި
ސަރުކާރު ކޯލިޝަންގައި ހިމެނޭ ޕީޕީއެމް އާއި ޖުމްހޫރީ ޕާޓީއާ ހިޔާލު ތަފާތުވުންތަށް އުފެދިފައިވާއިރު އަންނަ ބުދަދުވަހު ހުވާކުރާ 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމަށް މި ދެ ޕާޓީން ވެސް ވަނީ ބޭފުޅުން ނެރުމަށް މިހާރު ނިންމާފަ އެވެ.
އެގޮތުން ޖުމްހޫރީ ޕާޓީން މަޖިލީހުގެ ރައީސް ކަމަށް ގާސިމް ނިކުންނަވާނެކަން އިއުލާންކުރައްވާފައިވާއިރު ޕީޕީއެމް އިން ވަނީ އެ ޕާޓީން މަޖިލީހުގެ ރައީސްކަމަށް ފުވައްމުލަކު ދެކުނު ދާއިރާގެ މެމްބަރު މަސީހު އަދި މަޖިލީހުގެ ނައިބްރައީސް ކަމަށް ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ ނެރުމަށް ނިންމާ އެކަން އިއުލާންކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ