އޭވައިލްގެ މައްޗަށް ކުރި ހޯދާ އީގަލްސް ލީގުގެ އެއްވަނައަށް

0-4 ގެ ނަތީޖާއަކުން އޯލް ޔޫތް ލިންކޭޖް (އޭވައިއެލް) ގެ މައްޗަށް ކުރި ހޯދާ ކްލަބް އީގަލްސް ލީގުގެ އެއްވަނައަށް ޖެހިލައިފި އެވެ.
މި މޮޅާއެކު އީގަލްސް އޮތީ ކުޅުނު 3 މެޗުން މޮޅުވެ ލިބުނު 9 ޕޮއިންޓާއެކީގަ އެވެ. ނަމަވެސް ލީގުގައި ނިއު ދެން ކުޅޭ މެޗުން އެޓީމް މޮޅުވެއްޖެނަމަ ލީގުގެ އެއްވަނަ އަލުން އަނެއްކާވެސް އެޓީމަށް ލިބޭނެ އެވެ.
އީގަލްސްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ ފުރަތަމަ ގޯލް އެޓީމަށް މެޗުގެ 19 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ މުހައްމަދު ތަސްނީމް އެވެ. އަދި ފުރަތަމަ ހާފް ނިމުމުގެ ކުރިން އީގަލްސްގެ ޒުވާން ފޯވާޑް ހަސަން އަދުހަމް (ސަޑޭ) ވަނީ އެޓީމުގެ ދެވަނަ ގޯލްޖަހާ ލީޑް ފުޅާކޮށްލާފަ އެވެ.
އީގަލްސްގެ ތިންވަނަ ގޯލް ކާމިޔާބުކޮށްދިނީ މި މެޗުގައި މޮޅު ކުޅުމެއްދައްކާ މި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި އިސްމާއިލް އީސާ (މެސީ) އެވެ. އީގަލްސްގެ ހަތަރުވަނަ ގޯލް ކާމިޔާބުކޮށްދިނީ އެޓީމުގެ ސްޕެއިންގެ ފޯވާޑް އަންހެލް އެވެ.
މެޗަށްފަހު ވާހަކަދައްކަމުން އީގަލްސްގެ ކޯޗު އިހުސާން އަބްދުލް ޢަނީ (ސާންތި) ބުނީ މިރޭގެ މެޗުގައި ރީތި ކުޅުމެއް ކުޅެ 0-4 ގެ ނަތީޖާއަކުން އީގަލްސް މޮޅުވީ ހުރިހާ ކުޅުންތެރިން ކުރި ބުރަ މަސައްކަތުން ކަމަށެވެ.
މެޗަށްފަހު ވާހަކަދައްކަމުން މި މެޗުން ބަލިވި އޭވައިއެލްގެ ކޯޗު އަހުމަދު ނާޝިދު (ނާދު) ބުނީ މި މެޗުގައި އޭވައިއެލް ޓީމުން ދެއްކި ކުޅުމާ މެދު ހިތްހަމަޖެހޭ ކަމަށާއި ނަމަވެސް މައްސަލައަކީ ހަރަދުނުކުރެވޭތީކަން ފާހަގަކުރަމުން ނާދު ބުނީ އޭގެ ސަބަބުން ޓީމަށް ރަނގަޅު ފޯވާޑެއް ވެސް ގެނެވިފައި ނުވާކަމަށެވެ. އަދި ކުރިއަށް ހުރި މެޗުތަކުގައި ކުޅުން ރަނގަޅުކޮށް 3 ޕޮއިންޓް ހޯދުމަށް މަސައްކަތްކުރާނެ ކަމަށް ވެސް ނާދު ބުންޏެވެ.
ލީގުގައި މާދަމާ ރޭ ކުޅޭ މެޗުގައި ބައްދަލުކުރާނީ ބީޖީ ސްޕޯޓްސް އަދި ކްލަބް ވެލެންސިޔާ އެވެ. މި މެޗު ކުޅޭނީ މާދަމާ ރޭ 22:00 ގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ