ޗައިނާ ކުންފުނިން ކަރަންޓު މަސައްކަތް ނިންމާ ހަވާލުކޮށްފި

ހިޔާ މަޝްރޫއުގެ ދަށުން އަޅާފައިވާ ފްލެޓްތަކަށް ޗައިނާގެ ސީއެމްއީސީ ކުންފުނިން ކަރަންޓު ސަޕްލައި ކުރުމުގެ މަސައްކަތް ނިންމައިލުމަށްފަހު އެޗްޑީސީ އާއި ހަވާލުކޮށްފި އެވެ.
އެޗްޑީސީ އިން މިއަދު ބުނީ ހިޔާގެ 7000 ފްލެޓަށް ކަރަންޓް ސަޕްލައި ކުރުމަށްފަހު ޗައިނާ ކުންފުނިން މިހާރު އެ ޕްރޮޖެކްޓް އެ ކޯޕަރޭޝަނާއި ހަވާލުކޮށްފައިވާ ކަމަށެވެ. އެ މަސައްކަތް ކޮށްފައި ވަނީ ސްޓެލްކޯގެ އެހީއާއިއެކު ކަމަށް ވެސް ވަނީ ފާހަގަކޮށްފަ އެވެ.
ކަރަންޓު ފޯރުކޮށްދިނުމުގެ މަސައްކަތުގެ އެންމެ ފަހުގެ މަސައްކަތްތައް މިހާރު ކުރަމުން އަންނައިރު ކަނެކްޝަންތަކުގެ މަސައްކަތް އެކީ ނިންމައިލެވޭނީ އަންނަ މަހުގެ 17 ވަނަ ދުވަހު ކަމަށްވެސް އެޗްޑީސީ އިން ވަނީ ބުނެފަ އެވެ.
މި މަސައްކަތުގައި ސްޓެލްކޯއިން ކުރަންޖެހޭ ކަންކަން ވެސް ވަނީ ނިންމާލައިފަ އެވެ.
ހިޔާ މަޝްރޫއުގައި 16 ޓަވަރު އިމާރާތް ކޮށްފައިވާ އިރު ކޮންމެ ޓަވަރަކަށް އެއް ޓްރަންސްފޯމަރާއެކު އިތުރު ޓްރާންސްފޯމަރެއް ވެސް ހިމެނޭ ގޮތަށް 17 ޓްރާންސްފޯމަރު ސީއެމްއީސީން ބަހައްޓައި ވަނީ ނިންމައިފަ އެވެ.
ހިޔާ ފްލެޓްތަކުގައި ސީއެމްއީސީން ސްމާޓް މީޓަރުތަކެއް ބަހައްޓާފައިވާއިރު، އެ މީޓަރުތަކުން ކަރަންޓަށް ރިއަލް ޓައިމްގައި ކުރާ ހޭދަ އާއި އަދި ކަނޑައަޅާ ލިމިޓަށްވުރެ އިތުރަށް ހަރަދު ކުރާނަމަ އެކަން ވެސް އެނގޭނެ އެވެ.
ހިޔާ މަޝްރޫގެ ދަށުން އިމާރަތް ކޮށްފައިވަނީ 25 ބުރީގެ 16 ޓަވަރެވެ. ފްލެޓްތައް ލިބުނު މީހުނަށް މިމަހުގެ 14 ވަނަ ދުވަހުގައި ވަނީ ތަޅުދަނޑި ހަވާލުކުރަން ފަށައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ