އުމަރު ގުޅުމަކީ އިދިކޮޅު އިއްތިހާދަށް ހުރަސް އެޅޭ ކަމެއް ނޫން: ޕާޓީތައް

އުމަރު ނަސީރު ޖޭޕީއާ ގުޅިވަޑައިގަތް ނަމަވެސް ޖޭޕީއިން ސަރުކާރާ އިދިކޮޅު ކޯލިޝަންގައި އަދާކުރަމުން އަންނަ ދައުރަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށާއި އިދިކޮޅު އިއްތިހާދަށް ވެސް އޭގެއިން އަސަރެއް ނުކުރާނެ ކަމަށް ޖުމްހޫރީ ޕާޓީ އާއި އެމްޑީޕީ އިން ބުނެފި އެވެ.
އިދިކޮޅު އިއްތިހާދުގައި ހިމެނޭ ހަތަރު ޕާޓީއިން އިއްޔެ ކުނޫޒްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން ޖުމްހޫރީ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް އަހްމަދު ސަމީރު ވިދާޅުވީ ޖުމްހޫރީ ޕާޓީގެ އުސޫލުތަކާއި ވިސްނުމާއި ފިކުރާއި އެ ޕާޓީގެ ނިންމުންތައް ގާބޫލު ކުރާ ކޮންމެ ދިވެހި ރައްޔިތަކަށް ވެސް އެ ޕާޓީއާ ގުޅުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ. އަދި އުމަރު އެ ޕާޓީއާ ގުޅިވަޑައިގަންނަވާނީ ވެސް ޖުމްހޫރީ ޕާޓީގެ އުސޫލުތަކާއި އެ ޕާޓީގެ ނިންމުންތަކާއި ހަމަތައް ގަބޫލު ކުރައްވާތީ އެ ޕާޓީގެ ފިކުރުގައި ކުރިއަށް ދިޔުމަށް ކަމަށް ވެސް ސަމީރު ވިދާޅުވި އެވެ. އެހެން ކަމުން ޖޭޕީއާ ގުޅޭ ކޮންމެ ބޭފުޅަކު ވެސް ގުޅޭނީ އިދިކޮޅު އިއްތިހާދާ އެކު އެ ޕާޓީ އިން ކުރާ މަސައްކަތަށް އިހުތިރާމްކޮށް އެ މަސައްކަތުގައި އެއްބާރުލުމަށް ރުހޭތީ ކަމަށް ވެސް ސަމީރު ވިދާޅުވި އެވެ.
އަޅުގަނޑުމެން މި ބަލަނީ ވަކި މީހަކު މިތަނުން ޕާޓީއަކާ ގުޅުނަސް މި އެއްބަސްވުމަށް އިހުތިރާމް ކޮށްގެންނޭ ކުރިއަށް ދާނީ. އެހެންވެ، މިހާތަނަށް ވެސް މި އިއްތިހާދު ބަދަހިކޮށް މި އޮތީ
އަނަސް އަބްދުއްސައްތާރު، އެެމްޑީޕީގެ އެސްޖީ
"އުމަރު ނަސީރުވެސް އެހެން ފަރާތެއްވެސް ޖުމްހޫރީ ޕާޓީއަށް ވަދެވަޑައިގަންނަވާއިރު ޖުމްހޫރީ ޕާޓީއާ ގުޅިފައިވާ ޕާޓީތަކުން ކުރައްވާ މަސައްކަތްޕުޅުތަކަށް އެއްވެސް ހީނަރުކަމެއް އަތުވެދާނެ ކަމަކަށް، އެއްވެސް ބަދަލެއް އަތުވެދާނެ ކަމަކަށް ގަބޫލެއް ނުކުރެވޭ. އަޅުގަނޑުމެން އުންމީދު ކުރަންވާނީ ކޮންމެ ބޭފުޅަކު ވެސް އަޅުގަނޑުމެންނާ ގުޅިވަޑައިގަންނަވާނީ އަޅުގަނޑުމެންނާ އެކު ކުރިއަށް ދިޔުމުގެ އުންމީދުގައޭ. މާޒީގެ ކަންކަން ހުންނަ ގޮތަށް ވުރެ ބޮޑަށް މުސްތަގުބަލަށް ކަންކަން ވިސްނާފައޭ އެންމެ ރަނގަޅަށޭ ކަންކަން ނިންމާނީ،" ސަމީރު ވިދާޅުވި އެވެ.
ކުރީގެ ނައިބު ރައީސް މުހައްމަދު ޖަމީލް އަހުމަދާ އެކު ކުރެއްވި މަޝްވަރާތަކަށް ފަހު، އުމަރު ޖޭޕީއާ ގުޅިވަޑައިގަތް ކަމަށް ވާހަކަ ދެކެވޭތީ ސަމީރު ވިދާޅުވީ ކޮންމެ ބޭފުޅަކު ވެސް ޖޭޕީއާ ގުޅިވަޑައިގަންނަވާނީ އަމިއްލަ ހައިސިއްޔަތުން ކަމަށާއި ވަކި ބޭފުޅަކާ އުމަރު މަޝްވަރާކުރިކަން އެނގިވަޑައިގެންފައި ނެތް ކަމަށެވެ. އަދި ސިޔާސީ ގޮތުން އެބޭފުޅެއްގެ ކުރިމަގު ޖުމްހޫރީ ޕާޓީގައި ބައްޓަން ކުރާނެ ގޮތް އެނގޭނީ އެބޭފުޅަކަށް ކަމަށް ވެސް ސަމީރު ވިދާޅުވި އެވެ. ސަމީރު ވިދާޅުވި ގޮތުގައި އެކަން ވެސް ވާން ޖެހޭނީ ޕާޓީގެ އުސޫލުތަކުގެ ތެރެއިން ކުރާ ކަމަކަށެވެ.
އެމްޑީޕީގެ ސެކެޓަރީ ޖެނަރަލް އަނަސް އަބްދުއް ސައްތާރު -- އަވަސް ފޮޓޯ: އަހުމަދު ޝުރާއު
އެ ޕްރެސް ކޮންފަރެންސްގައި އެމްޑީޕީގެ ސެކްރެޓަރީ ޖެނެރަލް އަނަސް އަބްދުއްސައްތާރު ވިދާޅުވީ އުމަރު ނަސީރާއި އެމްޑީޕީގެ ވިސްނުން ވަރަށް ތަފާތު ކަމަށާއި އެހެން ނަމަވެސް ކޮންމެ ދިވެހި ރައްޔިތަކަށް ވެސް ކޮންމެ ސިޔާސީ ޕާޓީއަކާ ގުޅުމަކީ އޮންނަ ފުރުސަތެއް ކަމަށެވެ. އަދި ވަކި ބޭފުޅަކު ސިޔާސީ ޕާޓީއަކާ ގުޅުމަކީ، އިދިކޮޅު ފަރާތްތަކުން ގުޅިގެން ކުރާ މަސައްކަތަށް ބަދަލު އަންނާނެ ކަމެއް ނޫން ކަމަށް ވެސް އަނަސް ވިދާޅުވި އެވެ.
"އެނގިވަޑައިގަންނަވާނެ އިދިކޮޅު ޕާޓީތަކުން ގުޅިގެން މި ކުރާ މަސައްކަތަކީ 24 މާޗް 2017 ގައި ވެފައިވާ އެއްބަސްވުމެއްގެ ދަށުން ކުރަމުން އަންނަ މަސައްކަތެއް. އަޅުގަނޑުމެން މި ބަލަނީ ވަކި މީހަކު މިތަނުން ޕާޓީއަކާ ގުޅުނަސް މި އެއްބަސްވުމަށް އިހުތިރާމް ކޮށްގެންނޭ ކުރިއަށް ދާނީ. އެހެންވެ، މިހާތަނަށް ވެސް މި އިއްތިހާދު ބަދަހިކޮށް މި އޮތީ،" އަނަސް ވިދާޅުވި އެވެ.
އުމަރު ނަސީރު ވިދާޅުވެފައިވާ ގޮތުގައި އޭނާ ޖޭޕީއާ ގުޅެން ނިންމީ އަންނަ ރިޔާސީ އިންތިހާބަށް ޖޭޕީ އިން ތައްޔާރުވުމަށް ކުރާ މަސައްކަތަށް އެހީތެރިވުމަށެވެ. އަދި ޖޭޕީގެ ޓިކެޓްގައި އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްއަށް އަންނަ ރިޔާސީ އިންތިހާބުގައި ވާދަ ނުކުރެވޭ ނަމަ، އޭނާ ޖޭޕީގެ ޓިކެޓްގައި ރިޔާސީ އިންތިހާބަށް ނިކުންނަން ވިސްނަވާ ކަމަށް ވެސް އުމަރު ވަނީ ވިދާޅުވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ