އިންތިހާބު "ވަގަށް ނެގުމަށް" ސުޕްރީމް ކޯޓުން ދަނީ ތައްޔާރުވަމުން: ނަޝީދު

ފަނޑިޔާރުންނަށް ސިޔާސީ ބައެއް ފަރާތްތަކުން ރިޝްވަތު ދީފައިވާ ކަމަށާއި ކުރިއަށް އޮތް ކައުންސިލް އިންތިހާބު "ވަގަށް ނެގުމަށް" ސުޕްރީމް ކޯޓުން މިހާރު ތައްޔާރުވަމުންދާ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު އެހެން ވިދާޅުވީ ލޯކަލް ކައުންސިލް އިންތިހާބުގައި ހެންވޭރުން ވާދަކުރާ ކެނޑިޑޭޓުންނަށް ތާއީދު ހޯދުމަށް ހެންވޭރު ދަނޑުގައި ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ނަޝީދު ވިދާޅުވީ ސިޔާސީ ބައެއް ފަރާތްތަކުން ފަނޑިޔާރުންނަށް ރިޝްވަތު ދީފައިވާކަން ފަނޑިޔާރުންގެ ވާހަކަތަކުންވެސް އިނގޭ ކަމަށެވެ. އަދި އެ ފުރުސަތު އެއްވެސް ފަރާތަކުން ނުދިނުމަށް ތަކުރާރު ގޮވާލެއްވިއެވެ.
ސުޕްރީމް ކޯޓަށާއި ފަނޑިޔާރުންނަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ ވާހަކަފުޅު ދައްކަވަމުން ނަޝީދު ވިދާޅުވީ އުއްތަމަ ފަނޑިޔާރު އިސްވެ ހުންނަވައިގެން ސުޕްރީމް ކޯޓުން ރާއްޖޭގެ ރައްޔިތުންގެ ވޯޓުތަކަށް އަރައިގަންނަމުންދާ ކަމަށެވެ. އަދި ރާއްޖެ ހަލާކުކޮށްލީ ސުޕްރީމް ކޯޓުން ކަން ރާއްޖޭގެ ތާރީހުގައި ވެސް ލިޔާނެ ކަމަށާއި ސިޔާސީ ބައެއް ފަރާތްތަކުން ފަނޑިޔާރުންގެ ދަރިންނަށް ކިޔަވައިދީ ގޯތި ގަނެދިނުމުގެ އިތުރުން ބައެއް ފަނޑިޔާރުން ލަންކާ އަށް ފޮނުވައިގެން "އެކި ބާވަތް ބާވަތުގެ އުފާވެރިކަން" ހޯދައިދެމުންދާ ކަމަށްވެސް ނަޝީދު ވިދާޅުވި އެވެ.
މިއަދު އެގޮތަށް ވާހަކަ ދައްކައިފިނަމަ އަންނާނީ "ކުޑަ ހުކުމެއް" ކަމަށާއި ނަމަވެސް ފަހުން ވާހަކަ ދައްކައިފިނަމަ އަންނާނީ "ބޮޑު ހުކުމެއް" ކަމަށާއި މިއަދު އަތުވެދާނެ ހުކުމަކަށް ބަލާފައި ފަހަތައް ނުޖެހުމަށް ނަޝީދު ގޮވާލެއްވިއެވެ. އަދި ޖަލަށް ދާން ޖެހޭތީ ފަސް ޖެހިއްޖެނަމަ ރާއްޖެ ސަލާމަތްކޮށް އެމްޑީޕީން ހޯދަން އުޅޭ ތަރައްގީ ހޯދަން އުނދަގޫވާނެ ކަމަށާއި ސުޕްރީމް ކޯޓުގެ ބެލުމުގެ ދަށުން ބާއްވާ އިންތިހާބެއްގައި ބައިވެރި ނުވުމަށްވެސް އެ މަނިކުފާނު ގޮވާލެއްވި އެވެ.
ނަޝީދު ވިދާޅުވީ ސުޕްރީމް ކޯޓުން މަޖުބޫރު ކުރުވައިގެން ޑީއެންއާރުގެ ޑާޓާ ބޭހަށް ބިނާކޮށް ވޯޓާސް ލިސްޓު އެކުލަވާލައިގެން ނިމިދިޔަ ރިޔާސީ އިންތިހާބު ބޭއްވިއިރު އެ ލިސްޓުގައި ވުޖޫދުގައި ނުވާ 12،000 މީހުން ތިބި ކަމަށެވެ. އަދި އޭގެ ތެރެއިން 5،000 އެއްހާ މީހުން ވޯޓުލާފައިވާ ކަމަށެވެ.
ވޯޓާސް ލިސްޓުގައި ސޮއިކުރަން ޕީޕީއެމުން ދެކޮޅު ހަދަނީ އިންތިހާބުން ބަލިވާނެކަން އިނގޭތީ ކަމަށާއި އެ ޕާޓީން މަސައްކަތް ކުރަނީ އެ ޕާޓީން ބޭނުންވާ ގޮތަށް އިންތިހާބުގެ ކަންކަން ބަދަލުކުރަން ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ