މި އަހަރުގެ ބާއްވާ ރިޔާސީ އިންތިހާބު އެއްބުރުން އެމްޑީޕީއަށް ކާމިޔާބު ކުރެވޭނެކަން ޔަގީންވާ ސަބަބަކީ ރައީސް މައުމޫން އަބްދުލްގައްޔޫމް ސިޔާސީ މައިދާނުން ދުރަށް ވަޑައިގެންނެވުމުން ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އދ.މަހިބަދޫ ގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ރައީސް މައުމޫން ސިޔާސީ ކަންކަމުން ދުރަށް ވަޑައިގެންނެވުމުން މިއަހަރުގެ ރިޔާސީ އިންތިހާބު އެމްޑީޕީއަށް "އެއްބުރުން" ކާމިޔާބުވާ ސަބަބަކީ ރައީސް މައުމޫން ވެރިކަމަށް ވަޑައިގެންނެވުމަށް މަހިބަދޫގެ ވޯޓު ވަރަށް ބޮޑު ދައުރެއް އަދާކޮށްފައިވާތީ ކަމަށެވެ.
" ރައީސް މައުމޫންއަށް ރަށުގެ ދޮށީ އުމުރުގެ ބޭފުޅުންނާއި ރަށުގެ ރައްޔިތުން ވޯޓު ދެއްވާފައިވަނީ މައުމޫން އެބޭފުޅުންނަށް އިހުލާސްތެރި ވުމުން. ނަމަވެސް މިހާރު ރައީސް މައުމޫނު ރިޔާސީ އިންތިހާބުގައި ވާދަ ނުކުރައްވާ ސިޔާސީ މައިދާނުން އެއްފަރާތައް ޖެހިވަޑައިގެންނެވުމުން މަހިބަދޫ އިން ރައީސް މައުމޫންއަށް ވޯޓު ދެއްވި ބޭފުޅުންގެ ވޯޓު މިހާރު އަޅުގަނޑަށް ލިބޭނެކަމާ މެދު ޝައްކު ނުކުރަން،" ރައީސް ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީން ސިޔާސީ ހަރަކާތް ހިންގޭވަރާ ގާތަށްވެސް އެހެން ޕާޓީއަކަށް ސިޔާސީ ހަރަކާތް ނުހިންގޭ ކަމަށާއި އަދި ކެމްޕެއިން ކުރުމާއި ރައްޔިތުން ގާތަށް ދަތުރު ކުރާމިންވަރާ ގާތަށްވެސް އެހެން ޕާޓީތަކަށް ކެމްޕެއިން ކުރުމާއި ރައްޔިތުންގެ ގާތަށް ދަތުރުވެސް ނުކުރެއްވޭނެ ކަމަށެވެ.
"މަހިބަދޫއަށް މިއަދު އެންމެ ބޮޑަށް ބޭނުންވާ އެއް ހިދުމަތަކީ އަޅުގަނޑަށް ޔަގީން މަގުތަކުގައި ފެންނުހެދޭނެ ގޮތަކަށް ހެދުން. އަޅުގަނޑު މަހިބަދޫ އަށް އަންނަ ކޮންމެ ފަހަރަކު މަހިބަދޫ މަގުތަކުން ހިނގާފައިދާ ކޮންމެ ފިޔަވަޅެއްގައި އެބަފެނޭ މަގުގެ ދެ ކައިރީގައި ސްޓޭޖަކަށްވުރެ އުސްކޮށް ހަދާފައި ހުންނަ ޕޭމަންޓެއް. އަޅުގަނޑަށް އިނގޭ އެއީ ފެނަށް ނޭރި އިސްޓަކީނު ނުތެއްމާ ރީތި ބޫޓާ އެކީގައި ހުދުކޮށް ދަރިފުޅު މަދަސާއަށް ގެންދަން ކޮންމެހެން ބޭނުންތެރި ޕޭމަންޓެއްކަން. މައިން އެއްގޮތަކަށްވެސް ކަންބޮޑުވެލައްވާނެ ކަމެއްނެތް، އިރާދަ ކުރެއްވިއްޔާ އަޅުގަނޑުމެން މިދަންނަވަނީ 2015 ނެމޭންވާއިރަށް ތިޔަބޭފުޅުންގެ ދަރިން މަދަރުސާއަށް ގެންދާނީ ފެނަށްނާރުވާ،" އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓް ރައީސް ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދު ވިދާޅުވީ މަހިބަދޫގެ ތަރައްގީއަކީ އެރަށުގެ ގޮނޑުދޮށާ ހިސާބުން ނިމޭ ތަރައްގީއެއް ނޫންކަން މިއަދު މަހިބަދޫ ފިހާރަ ތަކަށް ސާފުވާނެ ކަމަށާއި ދަތުރުފަތުރުގެ ނިޒާމުގެ ކުރީގައި 5000 ރުފިޔާ ވިކުރާއަށް ޖެހުނު ފިހާރައިގެ ވިޔަފާރި މިހާރު 15000 ރުފިޔާ ޖެހޭނެ ކަން ޔަގީން ކުރައްވާ ކަމަށެވެ.
ދަތުރުފަތުރުގެ ނިޒާމު ފެށުމުން މަހިބަދޫއަށް މީހުން އަންނަ އަދަދު ގިނަވެ، އަދި ހާއްސަކޮށް ހޮނިހިރު ދުވަހު މަހިބަދޫ ހޮސްޕިޓަލަށް ދައްކަން އަންނަ މީހުން ގިނަވުމުން ވިޔަފާރިއަށް ވަރަށް ބޮޑުތަން ކުރިއަރާފައިވާ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދު ވިދާޅުވިގޮތުގައި ހަފްތާއަކު ދެ ފަހަރު މަހިބާދޫއާއި މާލެއާ ދެމެދު ފެރީގެ ދަތުރުތައް ހަމަޖެހިފައި އޮންނާތީ އަދި ރައްޔިތުންގެ އެކިއެކި ބޭނުންތަކަށް އެއްރަށުން އަނެއްރަށަށް ފަސޭހަކަމާއެކު ދަތުރު ކުރެވޭތީ ރައްޔިތުންނަށް ހިތްހަމަޖެހުން ލިބެއެވެ. އަދި ކުރިއަށްއޮތް އެމްޑީޕީގެ ސަރުކާރުގައި ދަތުރުފަތުރުގެ ނިޒާމު އިތުރަށް ތަރައްގީކޮށް ފެރީގެ ނިޒާމުން ރައްޔިތުން ދަތުރު ކުރާމިންވަރު ދެ ގުނަ އިތުރު ކުރައްވާނެ ކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.
އެއްބުރުން ކާމިޔާބުވާނެކަން ޔަގީންވަނީ ރައީސް މައުމޫނު ރޭހުގައި ނެތުމުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ