އަލިފާނުންނަށް ރައްކާތެރިވުމުގެ ޕްރޮގްރާމެއް މާރަންދޫ ސްކޫލް ދަރިވަރުންނަށް

މާރަންދޫ ސްކޫލުގެ ދަރިވަރުންނަށް އަލިފާނުން ރައްކާތެރިވުމުގައި ފަސޭހައިން ޢަމަލު ކުރެވޭނެ ގޮތުގެ މަޢުލޫމާތު ދިނުމުގެ ޕްރޮގްރާމެއް ހިންގައިފިއެވެ. ހއ. އިހަވަންދޫ ޕޮލިސް ސްޓޭޝަނުން އިސްނަގައިގެން ދަބީޗް އެޓް އިރުވެލި މޯލްޑިވްސް (މަނަފަރު ރިސޯރޓް) އާއި ގުޅިގެން އެސްކޫލު ގުރޭޑް 7، 8، 9 ގެ ދަރިވަރުންނަށް ވަނީ މިޕްރޮގްރާމު ހިންގައި ދީފައެވެ.
2012 އޮކްޓޫބަރ 13 ވަނަ ދުވަހުގެ ހެދުނުންފެށިގެން މިޕްރޮގުރާމު ކުރިއަށް ގެންގޮސްފައިވަނީ ދެދަންފަޅިއަކަށް ބަހައިލައިގެންނެވެ. މިގޮތުން މެންދުރު ކުރީގެ ދަންފަޅީގައި ކުރިއަށް ގެންގޮސްފައިވަނީ އަލިފާނާއި ބެހޭގޮތުން މައުލޫމާތު ދިނުމުގެ ސެޝަނެކެވެ.
މިސެޝަންގައި ދީފައިވާ މަޢުލޫމާތުގެ ތެރޭގައި އަލިފާނުގެ ނުރައްކާތެރިކަމާއި، އަލިފާން ރޯވާން ދިމާވާ ސަބުބަތަކާއި އަލިފާން ރޯވެއްޖެނަމަ ކާމިޔާބުކަމާއެކު އަލިފާން ނިވާލުމަށް ކުރެވިދާނެ ކަންތައްތައް ހިމެނެއެވެ. މީގެ އިތުރުން އެކިއެކި ޙާލަތްތަކުގައި އަލިފާން ނިންވުމަށް ބޭނުންކުރާ އާލާތްތަކާއި އަލިފާންނިވި ބޭނުންކުރާނެ ގޮތުގެ މަޢުލޫމާތު ދީފައި ވެއެވެ.
މިޕްރޮގުރާމުގެ ދެވަނަ ސެޝަންގައި ކުރިއަށް ގެންގޮސްފައިވަނީ އަލިފާން ނިއްވުމުގައި ޢަމަލީ ގޮތުން ޙަރަކާތްތެރިވާނެ ގޮތްތަކެވެ. މިގޮތުން އަލިފާން ނިވި ފުޅި ބޭނުންކޮށްގެންނާއި ފަޔަރ ބްލެންކެޓް ބޭނުންކޮށްގެން އަލިފާން ނިއްވުމުގެ ފުރުސަތު ބައިވެރިންނަށް ދީފައިވެއެވެ.
މިޕްރޮގުރާމުގެ ނިންމާލާފައިވަނީ ބައިވެރިންނަށް ސެޓްފިކެޓް ދިނުމުގެ ރަސްމިއްޔާތާއެކުގައެވެ. ޕްރޮގުރާމުގައި ބައިވެރިވި53 ދަރިވަރުންނަށް ވަނީ ސެޓްފިކެޓް ދީފައެވެ.
އިހަވަންދޫ ޕޮލިސް ސްޓޭޝަނާއި ދަ ބީޗްހައުސް އެޓް އިރުވެލި މޯލްޑިވްސް (މަނަފަރު ރިޒޯޓް) އާއި ގުޅިގެން ހއ.އިހަވަންދޫ މަދަރުސާގެ ސުކައުޓް ދަރިވަރުންނަށްވެސް މިފަދަ ޕރޮގުރާމެއްވެސް މީގެ ކުރިން ވަނީ ހިންގައިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ