ކުރީ ސަރުކާރުން ޖީއެމްއާރާއެކު ވެފައިވާ އެއްބަސްވުމުން ދިވެހިންނަށް ގެއްލުންވޭ - މައުމޫން

ކުރީގެ ރައީސް ނަޝީދުގެ ސަރުކާރުން އިންޑިއާގެ ޖީއެމްއާރަށް އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓުދިން މައްސަލައިގައި ހަދާފައިވާ އެގްރީމެންޓްގެ ސަބަބުން ދިވެހިންނަށް ވަރަށް ގިނަ ދަތިތަކަކާއި ގެއްލުން ވަމުން އަންނަ ކަމަށް ކުރީގެ ރައީސް މައުމޫން ވިދާޅުވެއްޖެ އެވެ.
މައުމޫނު އިންޑިއާ އަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އެއާޕޯޓުގައި ހުންނަވައިގެން ނޫސްވެރިންނަށް މައުލޫމާތުދެއްވަމުން މައުމޫން ވިދާޅުވީ ޖީއެމްއާރު މައްސަލާގައި ދިވެހިންނަށް އެއްވެސް ގެއްލުމެއް ނުވާނެހެން ކުރިއަށް ގެންދިއުމަށް އިންޑިއާގެ ބޮޑުވަޒީރު މަންމޯހަން ސިންގް އެދިވަޑައިގެންނެވި ކަމަށެވެ.
""އަޅުގަނޑަށް އިންޑިއާގެ ބޮޑު ވަޒީރާ ބައްދަލު ކުރުމުގެ ފުރުސަތު ލިބުނު، ބޮޑުވަޒީގެ އަރިހުގައި އަޅުގަނޑު ދެއްނެވިން އިންޑިއާ ސަރުކާރުން ރާއްޖެ އަށް ވެދެއްވަމުން ގެންދަވާ އެހީތަކަށް ޝުކުރު ދަންނަވާ ވާހަކަ އާއި، ކުރިއަށް އޮތް ތާނަގައި ވެސް އެ ގާތްކަން ބަހައްޓަވާނެ ކަމަށް އުއްމީދު ކުރާ ކަމަށް." މައުމޫން އިތުރަށް ވިދާޅުވި އެވެ.
ރައީސް މައުމޫން ވިދާޅުވީ އިންޑިއާ ސަރުކާރާއި މެދު އެއްވެސް މައްސަލައެއް ނެތް ކަމާއި، އިންޑިއާގެ އެއްވެސް ކުންފުންޏަކާއި މެދުވެސް އަޅުގަނޑުމެންގެ އެއްވެސް މައްސަލައެއް ނެތް ކަމަށް ވިދާޅުވެފައިވާނެ ކަމަށާއި މައްސަލަ މި އޮތީ ކުރީގެ ސަރުކާރުން އެކަން ކުރި ގޮތާއި ދޭތެރޭގައި ކަމަށެވެ.
"ދިވެހި ސަރުކާރުން ޖީއެމްއާރު އެގްރީމެންޓް އޭރު ކުރެއްވީ ގާނޫނު އަސާސީ އާއި ގާނޫނުތަކާއި ހިލާފަށޭ. ރައްޔިތުން މަޖިލީހަކަށް ނުވެސް އަންގަވައޭ. ދިވެހި ރައްޔިތުންނަކަށް ވެސް އޭގެ ތަފްސީލް ތަކެއް ނޭނގޭ. މިއޭ އަޅުގަނޑުމެންގެ މައްސަލަ އަކީ،" ރައީސް މައުމޫނު ވިދާޅުވިއެވެ.
މައުމޫން ވިދާޅުވީ ޖީއެމްއާރުގެ ވެރިޔާ ޖީ.އެމް ރާއޯ ބައްދަލުކުރެއްވީ ރޭވިގެން ކުރެވުނު ބައްދަލުވުމެއް ނޫން ކަމަށާއި އެ އެގްރިމަންޓުގައި ހުރި ދިވެހި ރައްޔިތުންގެ ކަންބޮޑުވުންތައް ރާއޯއާ ހިއްސާކުރެއްވި ކަމަށެވެ. އަދި އެއާޕޯޓް ހިންގަމުން އަންނަނީ އެ ކުންފުނިން ކަމަށް ވާތީ، އެކަން ވީހާވެސް ރަނގަޅަކަށް ކުރިއަށް ގެންދަން ބޭނުންވާ ކަމަށް ރާއޯ ވިދާޅުވި ކަމަށް ވެސް މައުމޫން ވިދާޅުވި އެވެ.
"ދެން ވިދާޅުވީ މިހާރު ރާއްޖޭގެ ވައިގެ ބަނދަރު ހިންގަނީ އެމީހުންނޭ، އެހެންވީމާ ބޭނުން ވަނީ އެ މައްސަލަ ވީހާ ވެސް ސުލްހަވެރި ކޮށް ނިންމާށޭ. ދެން އަޅުގަނޑު ދެންނެވިން، އަޅުގަނޑުމެންނާއި އިންޑިއާޔާ އެއްވެސް މައްސައެއް ނެތޭ، އިންޑިއާ އިން ރާއްޖެ އަށް ވަމުންދާ އެހީތަކަށް ރާއްޖެ އަބަދުވެސް ޝުކުރުވެރި ވަމޭ. އެއްވެސް ދިވެއްސަކު އިންޑިއާ އަށް ދެރަ އަކަށް ނޭދޭނޭ،" މައުމޫނު ވިދާޅުވިއެވެ.
ޕީޕީއެމްގެ ރިއާސީ ޕްރައިމަރީގައި ވާދަކުރައްވަންތޯ ނޫސްވެރިޔަކު ސުވާލުކުރެއްވުމުން މައުމޫން ވިދާޅުވީ ޕާޓީގެ ޕްރައިމަރީ އޮންނާނެ ތާރީހެއް އަދި ޕާޓީން ނުނިންމާ ކަމަށާއި ޕީޕީއެމްގެ ރިއާސީ ޕްރައިމަރީއާ މެދު އަދި ޚިޔާލުނުކުރައްވާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ