ރައްޔިތުންގެ މަޖިލީހުގެ ހުސްވެފައިވާ ރ.އުނގޫފާރު ދާއިރާގެ ގޮނޑި ޕްރޮގްރަސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ގެ ކެންޑިޑޭޓު ކާމިޔާބުކޮށްފި އެވެ.
މިދިޔަ އޮކްޓޯބަރު މަހުގެ 1 ވަނަ ދުވަހުގެރޭ މިގޮނޑި މީގެކުރިން ފުރުއްވި ޑރ.އަފްރާޝީމް އަލީ ވަރަށް އަނިޔާވެރި ގޮތަކަށް އަވަހާރަކޮށްލުމާއި ގުޅިގެން މިއަދު ބޭއްވި ބައި އިލެކްޝަން ޕީޕީއެމްގެ ކެންޑިޑޭޓު އަދި އަފްރާޝީމްގެ ކޮއްކޮ އިބްރާހިމް އަމީން މިގޮނޑި ކާމިޔާބުކޮށްފައިވަނީ އެމްޑީޕީގެ ކެންޑިޑޭޓު އަހުމަދު އަޝްރަފަށްވުރެން އެންމެ 81 ވޯޓުގެ ތަފާތުންނެވެ.
މިއީ ޕީޕީއެމްއިން މިގޮނޑި ދިފާއުކުރި ދެވަނަ ފަހަރެވެ. މީގެކުރިން އެމްޑީޕީގެ ޓިކެޓުގައި އެގޮނޑިއަށް ވާދަކުރީ ވެސް އަޝްރަފެވެ. އެފަހަރު އަފްރާޝީމް އާއި ވާދަކޮށްގެން މިގޮނޑި އަފްރާޝީމް ކާމިޔާބުކުރީ 47 ވޯޓު ތަފާތުންނެވެ. އެހެންކަމުން މިއީ އަޝްރަފްގެ ދެވަނަ ބައްޔެވެ.
އިލެކްޝަންސް ކޮމިޝަންގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން އަމީންއަށް ލިބިވަޑައިގަތީ ޖުމްލަ 1159 ވޯޓެވެ. އަޝްރަފްއަށް 1078 ވޯޓު ލިބިލެއްވިއިރު ވޯޓުލީ މީހުންގެ ޖުމްލަ އަދަދަކީ 2282 އެވެ. އަދި ވޯޓު ލެވޭ މީހުންގެ އަދަދަކީ 3221 އެވެ. މިބައި އިލެކްޝަންގައި 37 ބާތިލް ވޯޓު ލިބިފައިވެ އެވެ.
ވަކި ވަކި ރަށްތަކުގެ ވަގުތީ ނަތީޖާތަކަށް ބަލާއިރު އުނގޫފާރުގައި ބެހެއްޓި ފޮއްޓަށް އަމީންއަށް 450 ވޯޓު ލިބިލެއްވިއިރު އަޝްރަފަށް ލިބިލެއްވީ 308 ވޯޓެވެ. ބާތިލް ވޯޓުގެ ގޮތުގައި 12 ވޯޓު ލިބިފައިވެ އެވެ. އެރަށުގައި ވޯޓުލީ މީހުންގެ އަދަދަކީ 772 އެވެ.
ރ.ހުޅުދުއްފާރުގައި ބެހެއްޓި ވޯޓު ފޮށީގެ ވަގުތީ ނަތީޖާއަށް ބަލާއިރު އަމީންއަށް ލިބިވަޑައިގަތީ 329 ވޯޓެވެ. އަޝްރަފްއަށް 368 ލިބިވަޑައިގެންއިރު ބާތިލް 9 ވޯޓު ލާފައިވެ އެވެ. އެރަށުގައި ވޯޓުލީ މީހުންގެ ޖުމްލަ އަދަދަކީ 710 އެވެ.
މާކުރަތުގައި ބެހެއްޓި ވޯޓު ފޮށީގެ ވަގުތީ ނަތީޖާއަށް ބަލާއިރު ޕީޕީއެމްގެ އަމީންއަށް ލިބިވަޑައިގަތީ 250 ވޯޓެވެ. އެމްޑީޕީގެ އަޝްރަފްއަށް 240 ވޯޓު ލިބިވަޑައިގަތްއިރު ބާތިލް ވޯޓުގެ ގޮތުގައި 12 ވޯޓު ލިބިފައިވެ އެވެ. އެރަށުގައި ވޯޓުލީ މީހުންގެ ޖުމްލަ އަދަދަކީ 298 އެވެ.
މާލޭގެ ތާޖުއްދީން ސްކޫލުގައި ބެހެއްޓި ވޯޓު ފޮށީގެ ވަގުތީ ނަތީޖާއަށް ބަލާއިރު ޕީޕީއެމްގެ އަމީންއަށް 130 ވޯޓު ލިބިލެއްވިއިރު އަޝްރަފްއަށް 162 ވޯޓު ލިބިވަޑައިގަތެވެ. ބާތިލް ވޯޓުގެ ގޮތުގައި 4 ވޯޓު އިންއިރު މުޅި ޖުމްލަ 298 ވޯޓު އެވޯޓު ފޮއްޓަށް ލާފައިވެ އެވެ.
ޕީޕީއެމް ގޮނޑި ކާމިޔާބު ކުރުމުން ސޯޝަލް މީޑިއާތަކުގައި ސަރުކާރުގެ ވަޒީރުންނާއި މަޖިލިސް ގިނަ މެމްބަރުންގެ އިތުރުން ޕީޕީއެމްގެ ސަޕޯޓަރުން ދަނީ މެސެޖްތައް އޮއްސަމުންނެވެ. އަދި މި އެމްޑީޕީއަށް ލިބުނު ބޮޑު ނާކާމިޔާބެއް ކަމަށް ދަނީ ބުނަމުންނެވެ.
ޓުއަރިޒަމް މިނިސްޓަރު އަހުމަދު އަދީބު ޓުވިޓާ މެދުވެރިކޮށް ވިދާޅުވީ މިއަދު ލިބުނު ކާމިޔާބީއަކީ ޑރ.އަފްރާޝީމްއަށް ލިބުނު ކާމިޔާބީއެއް ކަމަށާއި އަފްރާޝީމް އާއި އަފްރާޝީމްގެ އާއިލާގެ ހުވަފެންތައް ހަގީގަތަކަށް ހަދާދޭނެ ކަމަށެވެ.
އުނގޫފާރުގެ ބައި އިލެކްޝަނުން ދައްކުވައިދެނީ އެމްޑީޕީގެ ޕޮލިސީތަކާއި ލީޑާޝިޕް ފެއިލްވެފައިވާކަން ކަމަށް ހޯމް މިނިސްޓަރު މުހައްމަދު ޖަމީލު އަހުމަދު ވެސް ވަނީ ވިދާޅުވެފައެވެ. ޓުވިޓާ މެދުވެރިކޮށް ޖަމީލް ވަނީ ޕީޕީއެމްގެ ކެންޑިޑޭޓަށް މަރުހަބާ ވިދާޅުވެފައެވެ.
ހައުސިންގ މިނިސްޓަރު އަހުމަދު މުއިއްޒު ޓުވިޓާ މެދުވެރިކޮށް އަމީންއަށް މަރުހަބާ ވިދާޅުވެ ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ ބޭބެ (އަފްރާޝީމް) ގޮތަށް މަޖިލީހުގައި އިސްލާމްދީނުގެ ހައްގުގައި މަސައްކަތްކުރާނެ ކަމަށް އުއްމީދުކުރައްވާ ކަމަށެވެ.
އުނގޫފާރު ދާއިރާގެ ގޮނޑި ކާމިޔާބުކުރެއްވި ޑރ.އަފްރާޝީމްގެ ކޮއްކޮ އިބްރާހިމް އަމީން މިރޭ ވިދާޅުވީ އުނގޫފާރު ދާއިރާގެ ގޮނޑިއަކީ ހަގީގަތުގައި ހުސްވި ގޮނޑިއެއް ނޫން ކަމަށާއި އެއީ ބަޔަކު އޭނާގެ ބޭބެ އަވަހާރަކޮށްލައިގެން ހުސްކޮށްލި ގޮނޑިއެއް ކަމަށެވެ. އަމީން އިތުރަށް ވިދާޅުވީ އިންތިހާބު މި ބޭއްވީ ގޮންޖެހުންތަކާއި ގިނަ މަސައްކަތްތަކެއް ވެސް ކުރިމަތީގައި ހުރި ދުވަސްވަރެއްގައި ކަމަށާއި އިޚްލާސްތެރިކަމާ އެކު ހެވާއި ލާބަ އަށް މަސައްކަތްކުރައްވާނެ ކަމަށެވެ.
އޭނާއަށް އިދިކޮޅަށް ވޯތުދެއްވީތީ އެއްވެސް ފަރާތަކާއި ހިތް ބަރު ކަމެއް ނެތް ކަމަށާއި އޭނާއާ އިދިކޮޅަށް ވޯޓު ދިނީތީ އުފާވާ ކަމަށް އަމީން ވިދާޅުވި އެވެ. އަފްރާޝީމްގެ ގާތިލުން ވީ އެންމެ އަވަހަކަށް އިއުލާންކުރެވި ޝަރީއަތުގެ ކުރިމައްޗަށް ގެނެސް އަދަބު ދޭނެ ކަމަށް އުއްމީދުކުރައްވާ ކަމަށް ވެސް އޭނާ ވަނީ މިރޭ ވިދާޅުވެފައެވެ.
އުނގޫފާރު ދާއިރާގެ ގޮނޑި ޕީޕީއެމްއިން ކާމިޔާބުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ