ކެނދިކުޅުދޫ ދާއިރާގެ އެމްޑީޕީ ރައީސްކަމުން މެމްބަރު އީސަ އިސްތިއުފާ ދެއްވައިފި

ކެނދިކުޅުދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު އަހުމަދު އީސަ، އެ ދާއިރާގެ އެމްޑީޕީ ރައީސް ކަމުން އިސްތިއުފާ ދެއްވައިފިއެވެ.
އީސަ މި މަޤާމުން އިސްތިއުފާ ދެއްވުމަށް ހުށަހެޅުއްވީ މިއަދުއެވެ.
މިކަން ހާމަކުރައްވާ އީސަ އެމްޑީޕީއަށް ފޮނުއްވި ސިޓީއެއްގައި ވިދާޅުވެފައި ވަނީ، ދާއިރާގެ އެމްޑީޕީ ރައީސްގެ މަޤާމަކީ ޒިންމާ ބޮޑު މަޤާމެއް ކަމަށާއި، އެ މަޤާމުގައި ހުންނަވާއިރު އެކަމަށް ވަގުތުދޭން ޖެހޭނެކަން ޤަބޫލުކުރައްވާ ކަމަށެވެ. އީސަ ވިދާޅުވީ، އޭނާ މަޤާމުން އިސްތިއުފާ ދެއްވަނީ ދާއިރާގެ މެމްބަރުންނަށް ވަގުތު ދެވެން ނެތުމުން ކަމަށެވެ.
އީސަގެ ސިޓީގައި ވިދާޅުވެފައި ވަނީ، މި ވަގުތަކީ އެދާއިރާގެ މެމްބަރުންނަށް ވީހާވެސް ގާތުން މަސައްކަތް ކުރަން ޖެހޭ ވަގުތެއްކަމަށް ވުމާއެކު، މިއީ ވަގުތު ދެވޭނެ ފަރާތެއް އެމަގާމަށް އައްޔަން ކުރުމަށް އެންމެ މުނާސަބު ވަގުތުކަން ދެކެވަޑައިގަންނަވާތީ އެ މަޤާމުން އިސްތިއުފާ ދެއްވާފައިވާ ކަމަށެވެ.
އީސަ އިތުރަށް ވިދާޅުވީ، މި މަޤާމު އަދާކުރުމުގެ ފުރުސަތު ކެނދިކުޅުދޫ ދާއިރާގެ ރައްޔިތުން އޭނާއަށް ދެއްވުމަކީ ލިބިވަޑައިގެންނެވި ފަޚުރެއް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ