ރައީސް މައުމޫނު ވެރިކަމުގެ ހުވާ ކުރެއްވި ދުވަހު ރައީސް ނާސިރު ކުރެއްވީ ކީއްކަން އެނގޭތަ؟

ރައީސް ނާސިރު ރަސްމީ ގޮތުން ރާއްޖޭގެ ވެރިކަމުން ދުރުވެވަޑައިގަތީ 1978 ވަނަ އަހަރުގެ ނޮވެމްބަރު 11 ވަނަ ދުވަހުގައެވެ. އަދި އެ ދުވަހު ރައީސް މައުމޫން އަބްދުލް ޤައްޔޫމް ރާއްޖޭގެ ވެރިކަމާއި ހަވާލުވެވަޑައިގެންނެވިއެވެ.ރައީސް މައުމޫން ވެރިކަމާއި ހަވާލުވެވަޑައިގެންނެވި ދުވަހުގެ ހަވީރު، ރައީސް ނާސިރު 21 އަހަރުތެރޭގައި ފުރަތަމަ ފަހަރަށް ފުޓުބޯޅަ މެޗެއް ބައްލަވަން ވަޑައިގެންނެވިއެވެ. އެމަނިކުފާނުގެ ދިގު ވެރިކަމުގައި، ފުރަތަމަ ބޮޑު ވަޒީރަކަށް އަދި ފަހުން ރައީސަކަށް އުޅުއްވި އިރުގައި މިފަދަ އެއްވެސް ކަމަކަށް ވަގުތު ދެވިފައި ނުވެއެވެ. މި މައުލޫމާތު ރައީސް ނާސިރު ހާމަކުރައްވާފައި ވަނީ 12 ނޮވެމްބަރު ގައި ދިވެހިރާއްޖެއަށް އައި އެމެރިކާގެ އިސް އޮފިޝަލަކާއި ދެކެވުނު ވާހަކަތަކެއްގައެވެ. ރައީސް މައުމޫން ހުވާ ކުރެއްވި ދުވަހު ފަހު ދުވަހު، އޭރު ލަންކާގައި ހުންނަ އެމެރިކާ ސަފީރު ވިލިއަމް ހޮވާޑް ރިގިންސް ވަނީ ވަނީ ރާއްޖެއަށް މަންދޫބެއް ފޮނުއްވާފައެވެ. ލެވިން ޗާޖު ނަމަކަށް ކިޔުއްވި މި ބޭފުޅާ ރާއްޖެ ވަޑައިގެން ރައީސް މައުމޫން އަދި ރައީސް ނާސިރާއި ބައްދަލުކޮށްފައިވެއެވެ. ރައީސް ނާސިރާއި ބައްދަލު ކުރެއްވީ އެމަނިކުފާނުގެ ގެ ކޮޅުގައެވެ. 90 މިނިޓަށް ދެމިގެން ދިޔަ ބައްދަލުވުމުގައި ނާސިރު ގިނަ ވާހަކަތަކެއް ހިއްސާކުރެއްވިއެވެ. އެގޮތުން ސަރުކާރަށް 30 އަހަރު ހިދުމަތް ކުރައްވާ ސަރުކާރުގެ ހިދުމަތަށް އަލްވަދާއު ކިޔަނީ ވަރަށް އުފަލާއި އެކުގައިކަން ނާސިރު ފާހަގަކުރެއްވިއެވެ. އަދި އޭގެ ކުރީ ދުވަހު 21 އަހަރު ތެރޭ ފުރަތަމަ ފަހަރަށް ފުޓުބޯޅަ މެޗެއް ބައްލަވަން ވަޑައިގަތް ވާހަކަ ހިއްސާކުރެއްވިއެވެ. މީގެ އިތުރުން ނާސިރު ވަނީ، ރައީސް މައުމޫން އެދިލައްވައިފިނަމަ ރައީސް މައުމޫނަށް ލަފާ ދެއްވާ ކަންކަމުގައި އެހީތެރިވެވަޑައިގަންނަވަން ތައްޔާރަށް ހުންނެވިކަންވެސް ހާމަކުރައްވާފައެވެ. މީގެ އިތުރުން ރައީސް ނާސިރު ކުރެއްވި ހުދުމުހުތާރު ވެރިކަމެއް ނޫންތޯ ލެވިން ޗާޖު ސުވާލު ކުރެއްވުމުން ނާސިރު އެކަމަކާއި ދެކޮޅެއް ނަހައްދަވައެވެ. ނަމަވެސް އެމަނިކުފާނުގެ ވެރިކަމާއި ހަވާލުވެވަޑައިގަތް އިރު ރާއްޖެ އޮތް ހާލަތާއި އޭގެ ފަހުން 21 އަހަރު ތެރޭ އައި ބަދަލު ތަކަށް ބަލާއިރު އޭރުގެ މީހުންނަށް ޤައުމުގެ ހާލަތު ވަޒަން ނުކުރެއްވޭނެކަމަށް ނާސިރު ވިދާޅުވިކަމަށްވެއެވެ. ނަމަވެސް ބޭރުން ކިޔަވައިގެން އައިސް ތިއްބެވި ޒުވާން ބޭފުޅުންތަކެއްގެ އަތް މައްޗަށް ޤައުމު ދޫކޮށްލެވޭތީ އުފާ ކުރައްވާ ކަމަށް ނާސިރު ވިދާޅުވިއެވެ. ޒާތީ ބައެއް ވާހަކަފުޅުތައް ހިއްސާ ކުރައްވަމުން ނާސިރު ވަނީ އެމަނިކުފާނުގެ ސިއްހީ ހާލުކޮޅުވެސް ރަނގަޅުކަމަށް ވިދާޅުވެފައެވެ. އޭރު ރައީސް ނާސިރުގެ ސިއްހީ ހާލުކޮޅު ގޯސް ކަމަށާއި ވެރިކަން ދޫކުރައްވަނީވެސް އެހެންވެކަމަށް މާލޭގައި އަޑު ފެތުރުނެވެ. އަދި ރައީސް ނާސިރު ގިނަގިނައިން ސިންގަޕޫރަށް ވަޑައިގަންނަވަނީ އެހެންވެކަމަށްވެސް ބައެއް މީހުން ތުހުމަތު ކުރިއެވެ. އެ ވާހަކަތަކަށް އަލިއަޅުއްވާލަމުން ނާސިރު ވިދާޅުވީ ސިންގަޕޫރަށް ދަނީ މެޑިކަލް ޗެކްއަޕް ހައްދަވަން ކަމަށާއި ސިންގަޕޫރުގައި ވަރަށް ގިނަ ރަހުމަތްތެރިންވެސް ތިބޭ ކަމަށެވެ. އައި ސިންގަޕޫރުގައި ގެކޮޅެއް ވެސް ހުންނަ ކަމަށާއި ނަމަވެސް މާލެ އަކީ އަދިވެސް އަމިއްލަ ވަޒަން ކަމުގައި ނާސިރު ވިދާޅުވިއެވެ. ނާސިރުގެ މިވާހަކަ ތަކުން އެމަނިކުފާނު ރާއްޖޭ ދޫކޮށް ދިޔުމުގެ ވިސްނުމެއް ގެންގުޅުއްވާކަން އެމެރިކާ އޮފިޝަލަށް އަންގަން ބޭނުންފުޅު ނުވާކަން އެނގެއެވެ. އެ ބައްދަލުވުން ބޭއްވުމުގެ މާކުރިންވެސް ނާސިރުގެ ވިސްނުންފުޅު ހުރީ ސިންގަޕޫރަށް ވަޑައިގަންނަވަން ކަން އެނގޭ ހެކިތަކެއްވެސް އެބަހުއްޓެވެ. މިގޮތުން ރައީސް ނާސިރުގެ ނައިބު ރައީސްކަންވެސް ކުރައްވާފައިވާ ދައުލަތަށް ގިނަ ދުވަހު ހިދުމަތްކުރެއްވި އަލީ އުމަރު މަނިކު (ކޮލި އަލި އުމަރު މަނިކު) ލިޔުއްވާފައިވާ "އަޅުގަނޑުގެ ދުވަހު ފޮތް" ގައި ވާގޮތުން ރައީސް ނާސިރު ވަނީ ވެރިކަން ދޫކޮށްލައްވަން ގަސްތުކުރެއްވި ހިނދު ސިންގަޕޫރުގެ ރެޒިޑެންޓް ޕާމިޓް ހޯއްދަވަން ހުށަހަޅުއްވާފައެވެ. އަދި އެކަމާއި ގުޅޭ ލިޔުންތައް ސިންގަޕޫރުގެ ކަމާއި ބެހޭ އިދާރާތަކަށް ހުށަހަޅުއްވައި ކުރަން ޖެހޭ ކަންކަން ކުރެއްވި އަލި މަނިކެވެ. އެމެރިކާގެ އޮފިޝަލާއި މިވާހަކަ ހިއްސާ ނުކުރެއްވި ނަމަވެސް، އެ ބައްދަލުވުމަށް މަހެއްވެސް ނުވެ 7 ޑިސެމްބަރު 1978 ގައި ރައީސް ނާސިރު ރާއްޖެ ދޫކޮށް ސިންގްޕޫރަށް ވަޑައިގެންނެވިއެވެ.އޭގެ ފަހުން އެމަނިކުފަނު ރާއްޖެ ވަޑައިގެންފައި ނުވެއެވެ. އަދި ސިންގްޕޫރުގައި އުޅުއްވި ދުވަސްވަރުވެސް ދުވަހަކުވެސް ރާއްޖޭގެ ސިޔާސީ ކަންކަމާއި ގުޅޭ ގޮތުން ވާހަކަދައްކަވާފައި ނުވެއެވެ. ރައީސް ނާސިރު ރާއްޖެ ދޫކުރައްވާ ވަޑައިގެންނެވިތާ 3 އަހަރު ފަހުން އެމަނިކުފާނުގެ ޢައިރު ހާޒިރުގައި ސަރުކާރު ވައްޓަން އުޅުމާއި ކޮރަޕްޝަންގެ ތުހުމަތުކޮށް ދައުވާ ކުރެވި ޖަލަށް ހުކުމް ކުރެވުނެވެ. ނަމަވެސް މިއިން އެއްވެސް ކަމެއް ސާބިތެއް ނުވެއެވެ. ފަހުން ރައީސް މައުމޫން ވަނީ ރައީސް ނާސިރަށް މާފު ދެއްވާފައެވެ. ރައީސް ނާސިރު އަވަހާރަވީ 22 ނޮވެމްބަރު 2008 ގައި ސިންގަޕޫރުގައެވެ. ނަމަވެސް ރައީސް ނާސިރުގެ ހަށިކޮޅު ވަނީ މާލެ ގެނެވި ރަސްމީ އިއްޒަތުގައި ފަސްދާނުވަޑުވާފައެވެ. ނޯޓް: މިލިޔުމުގައި ވާ މައުލޫމާތު ހޯދާފައިވަނީ ލަންކާގައި ހުންނަ އެމެރިކާގެ އެމްބަސީ އިން 20 ނޮވެމްބަރު 1978 ވަނަ އަހަރު އެމެރިކާގެ ބިއުރޯ އޮފް ނިއާ އީސްޓަން އެންޑް ސައުތު އޭޝިއަން އެފެއަރސް އަށް ފޮނުވި ކޭބަލް އަކުންނެވެ. މި ކޭބަލް އަކީ މީގެ ކުރިން ކްލެސިފައި (ސިއްރު ކުރެވިފައ) އޮތް ކޭބަލްއެކެވެ. އަދި ޑިކްލެސިފައި ކުރެވިފައ ވަނީ 2014 ވަނަ އަހަރުގައެވެ. 
މިލިޔުން ކިޔާލުމުން
15 %
އުފާވި
7 %
ދެރަވި
11 %
ރުޅިއައި
67 %
މައުލޫމާތު މުއްސަނދިވި
ކިޔުންތެރިންގެ ހިޔާލު
ފޮނުވާ
ކަރަންކާ
ވަރަށް މައުލޫމާތު ހުރި ލިޔުމެއް. ދިޔަރެސް އިން އަދިވެސް މިކަހަލަ ލިޔުންތައް ގެނެސްދޭނެ ކަމަށް އުންމީދުކުރަން
REPLY
ޢަބްދުއްސައްތާރު.
ރައީސް ނާޞިރަކީ ފާހަގަކޮށްލެވޭފަދަ އަގުހުރި ލީޑަރެއް. ރައްޔިތުންގެ ކުރިއެރުމަށާއި ޤައުމުގެތަރައްޤީއަށް ނުހަަނުގިނަގުނަ މަސައްކަތްތަކެއް އެ މަނިކުފާނު ކުރެއްވި. އެމަނިކުފާނަށް ރަޙުމަތް ލައްވާށި! އާމީން.
REPLY
ާކެޕްްޓަން
ޥަރަަަަައްފުރިހަމަ
REPLY
AruArusha އަރުޝަމް އަރޭ
ދިރިއުޅުމުގައި އަދިއަދަށް ދާންދެން އަޑުނުއިވޭ ވަހަކައެއް އަޑުއަހާލަން ބޭނުންވަންޔާ ދިޔަރެސް އޮންލައިން ހިޔާލު ކުރަށްވާ މި ލިޔުންވެސް ވަރަށް ފުރިހަމަ އިންގޭ. ދިޔަރެސް އޮންލައިން އަކީ މިކަހަލަ ލިޔުން ތަކައަ އެެއްވަނަ އޮންލައިން .
REPLY
މައުމޫނު
ނާސިރު ގެނައި ތަރައްގީ ކޮބާ؟ ދުނިޔޭގެ އެންމެ ފަގީރު ގައުމުން ގައުމެއްގައި ވެރިކަމުގައި ހުރެފައި ގޮސް ސިންގަޕޯރ ގެ އެންމެ ބޮޑުވިޔަފާރިވެރިޔަކަށް ނާސިރުވީ މިތަރައްގީގައިތަ؟
REPLY
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ