އަތޮޅު ކައުންސިލްތައް ރުޖޫއަ ކުރަން ބިލެއް ހުށަހަޅައިފި
މި ސަރުކާރުގައި އަތޮޅު ކައުންސިލްތައް އުވާލަން ގާނޫނުއަސާސީއަށް ގެނައި އިސްލާހު، ކުރިން އޮތް ގޮތަށް ބަދަލުކުރަން އެދި، ވެރިކަން ކުރާ ޕީއެންސީގެ ސުޕަމެޖޯރިޓީ އޮންނަ ރައްޔިތުންގެ މަޖިލީހަށް މިއަދު ބިލެއް ހުށަހަޅައިފި އެވެ.އެ ބިލު ހުށަހެޅުއްވީ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދި އިބްރާހީމް (ކުޑޫ) އެވެ. އޭނަ ހުށަހެޅުއްވި ބިލުގައި ވަނީ އަތޮޅު ކައުންސިލްތައް މި ސަރުކާރުން އުވައިލީ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމަށްޓަކައި 2010 ގައި އަމަލުކުރަން ފެށި ގާނޫނުގައިވާ ގޮތަށް ލާމަރުކަޒީ ނިޒާމު ހަރުދަނާ ކުރަމުން ދަނިކޮށް ކަމަށެވެ. އެހެންވެ އެ މަސައްކަތް ކުރަމުން ދަނިކޮށް، އެ ނިޒާމުގައި ހިމެނޭ މުހިންމު ބައެއް ކަމަށްވާ އަތޮޅު ކައުންސިލްތައް އުވާލުމުގެ ސަބަބުން ގާނޫނުއަސާސީ ތަސައްވުރުކުރި ނިޒާމަށް އުނިކަން ލިބިފައިވާ ކަމަށް ބުނެފައިވެ އެވެ.މަޖިލީހުން އަތޮޅު ކައުންސިލްތައް އުވާލީ، ގާނޫނުއަސާސީގެ 231 ވަނަ މާއްދާއިން އަތޮޅު ކައުންސިލްތަކުގެ ބައި އުނިކޮށްގެން ކަމަށްވާއިރު، ކުޑޫގެ ބިލުގައި ވަނީ، އެ ބައި 231 ވަނަ މާއްދާގައި އަލުން ހިމެނުމަށް ހުށަހަޅުއްވައިފަ އެވެ.އަތޮޅު ކައުންސިލްތައް އުވާލުމާ ދެކޮޅަށް އިދިކޮޅު އެމްޑީޕީން މީގެ ކުރިން ޚިޔާލު ފާޅުކޮށް، އެ ބަދަލުގެ ބޭނުމަކީ ސަރުކާރުން ބޭނުންވާ ބަޔަކު އަތޮޅުތަކުގެ ވެރިންނަށް ހަދައިގެން، އަތޮޅުތައް ހިންގުން ކަމަށް ބުނެފަ އެވެ. ނަމަވެސް ރައީސް ވަނީ، އަތޮޅު ކައުންސިލްތައް އުވާލައިގެން ސަލާމަތްވާ ފައިސާ ރަށު ކައުންސިލްތަކަށް ބަހާނެ ކަމަށާއި، އެއާއެކު ރަށު ކައުންސިލްތަކުގެ ބަޖެޓު ބޮޑުވާނެ ކަމަށް ވިދާޅުވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ