241 ކޮމިޓީ އާއި މާލިއްޔަތު ކޮމިޓީން ނާޒިމް ވަކިކޮށްފި

ރައްޔިތުންގެ މަޖިލީހުގެ އެންމެ ބާރުގަދަ ކޮމިޓީތަކުން އެ މަޖިލީހުގެ ނައިބު ރައީސްކަން ވެސް ކުރައްވާ ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް ވަކިކޮށްފި އެވެ. ކޮމިޓީތަކަށް އައްޔަންކޮށްފައިވާ މެންބަރުން ބަދަލު ކުރަނީ، އެ ޕާޓީގެ ޕާލިމަންޓްރީ ގްރޫޕް (ޕީޖީ)ން މަޖިލީހަށް އެންގުމުންނެވެ. އަދި އެ ގޮތަށް ގެންނަ ބަދަލެއް ރިޔާސަތުން މަޖިލީހުގެ ޖަލްސާގައި އިއުލާން ކުރަން ޖެހެ އެވެ.އޭނާ ވަކިކުރިކަން ފެންމަތިވީ މިއަދެވެ. އެކަމަކު، ނާޒިމް ރިޔާސަތު ބެލެހެއްޓެވި މަޖިލީހުގެ މިއަދުގެ ޖަލްސާ ނިންމާލިއިރު ވެސް އެ ފަދަ ބަދަލެއް ގެނައިކަން އިއުލާނުކޮށްފައެއް ނުވެ އެވެ. ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް ކަމުން ވެސް ނާޒިމް ވަކިކުރުމުގެ މަސައްކަތް ޕީއެންސީ ތެރެއިން ފަށާފައިވާކަމުގެ އަޑުތަކެއް ވެސް މިއަދު ވަނީ ގަދަވެފަ އެވެ. މިފަދަ ކުއްލި ބަދަލެއް ގެނައީ ކީއްވެގެންކަމެއް އަދި ނޭނގެ އެވެ.މަޖިލީހުގެ ރަސްމީ ވެބްސައިޓުން އެނގޭ ގޮތުގައި މާލިއްޔަތު ކޮމިޓީއާއި ސަލާމަތީ ޚިދުމަތްތަކާ ބެހޭ (241) ކޮމިޓީން ވެސް ނާޒިމް ވަނީ ވަކިކޮށްފައެވެ. އޭނާގެ ބަދަލުގައި 241 ކޮމިޓީއަށް އައްޔަންކޮށްފައިވަނީ ފުވައްމުލަކު އުތުރު ދާއިރާގެ މެންބަރު ޙަމަދު އަބްދުﷲއެވެ. އަދި، އޭނާގެ ބަދަލުގައި މާލިއްޔަތު ކޮމިޓީއަށް އައްޔަންކޮށްފައިވަނީ މައްޗަންގޮޅި މެދު ދާއިރާގެ މެންބަރު އަހުމަދު ޟަމީރެވެ.މި މަހު 4 ވަނަ ދުވަހު ބޭއްވި ހިޔާލު ހޯދުމުގެ ވޯޓާއި ކައުންސިލް އިންތިހާބުގައި ސަރުކާރަށް ލިބުނު ނާކާމިޔާބީއާ އެކު، ސަރުކާރަށާއި ޕީއެންސީއަށް ބަދަލުތަކެއް ދަނީ ގެންނަމުންނެވެ. މިއީ އެގޮތުގެ މަތިން ގެނައި ބަދަލެއް ކަމެއް ކަށަވަރެއް ނޫނެވެ. މިކަމާ ގުޅޭ ގޮތުން ބަހެއް ހޯދުމަށް ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހިމް ފަލާހަށް ގުޅުމުން ފޯނަށް ޖަވާބު ނުދެއްވާތީ އަދި ކޮމެންޓެއް ނުލިބެ އެވެ.މަޖިލީހުގެ ބާރުގަދަ ދެ ކޮމިޓީއަކުން ނާޒިމް ނާޒިމް ވަކިކޮށްފައިވާއިރު، އޭނާ މެންބަރުކަން ކުރައްވާ ދިއްގަރު ދާއިރާގައި ހިމެނޭ ފަސް ރަށުގެ ތެރެއިން ގިނަ ރަށްތަކުން ޕީއެންސީ ވަނީ ބަލިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ