ކުޑަކުދިންނަށް އަނިޔާކުރުމުގެ މައްސަލަތައް މިދިޔަ މަހު އިތުރުވެ، 92އަށް

ކުޑަކުދިންނަށް އަނިޔާކުރުމުގެ މައްސަލަތައް ފެމިލީ މިނިސްޓްރީއަށް ރިޕޯޓުކުރި މިންވަރު މިދިޔަ މަހު އިތުރުވެ، 92އަށް އަރައިފިއެވެ. ފެމިލީ މިނިސްޓްރީން އާންމުކުރި ތަފާސްހިސާބުން ދައްކާ ގޮތުގައި، މިދިޔަ މަހު ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާ ގުޅޭ 92 މައްސަލައެއް ރިޕޯޓުކޮށްފައިވެއެވެ. އެއީ އަންހެން ކުދިންނާ ގުޅުންހުރި 60 މައްސަލައަކާއި ފިރިހެން ކުދިންނާ ގުޅުންހުރި 32 މައްސަލައެވެ. އެއާ އަޅައިބަލާއިރު ފެބްރުވަރީ މަހު ރިޕޯޓުކޮށްފައިވަނީ އެފަދަ 74 މައްސަލައެކެވެ. ފެމިލީ މިނިސްޓްރީން ބުނީ، މިދިޔަ ފެބްރުވަރީ މަހާ އެއްގޮތަށް މިދިޔަ މަހު ވެސް އެންމެ ގިނައިން ރިޕޯޓުކޮށްފައިވަނީ އިހުމާލުވުމުގެ މައްސަލަތައް ކަމަށެވެ. އެގޮތުން އެ ބާވަތުގެ 24 މައްސަލައެއް ހުށަހަޅައިފައިވާއިރު އޭގެ ތެރޭގައި ހިމެނެނީ ފިރިހެން ކުދިންނާ ގުޅޭ އަށް މައްސަލައަކާއި އަންހެން ކުދިންނާ ގުޅޭ 16 މައްސަލައެކެވެ. ކުޑަކުދިންނަށް ކޮށްފައިވާ އެހެން ބާވަތްތަކުގެ އަނިޔާތަކަށް ބަލާއިރު، ގެވެށި އަނިޔާގެ އަމަލެއް ކުރާތަން ކުއްޖަކަށް ދެއްކުން ނުވަތަ ފެނުމުގެ 19 މައްސަލައާއި، ޖިސްމާނީ ހާނިއްކައިގެ 18 މައްސަލަ ވެސް ރިޕޯޓުކޮށްފައިވެއެވެ. https://x.com/MoHmv/status/2046437914318606764 މީގެ އިތުރުން ޖިންސީ ހާނިއްކައިގެ 13 މައްސަލައާއި ނަފްސާނީ ހާނިއްކައިގެ ހަ މައްސަލައާއި ޖިންސީ ގޮތުން "ގްރޫމް" ކުރުމުގެ ފަސް މައްސަލަ ވެސް ފެމިލީ މިނިސްޓްރީއަށް ހުށަހަޅައިފައިވެއެވެ. އަދި އެހެންކުދިންގެ ފަރާތުން ގަނާ ލިބުމުގެ ދެ މައްސަލައާއި އިންޓަނެޓް މެދުވެރިކޮށް ޖިންސީ ގޮތުން "ގްރޫމް" ކުރުމުގެ މައްސަލައަކާއި، ކުޑަކުދިންގެ ބަދުއަހުލާގީ އަމަލު ހިންގާ ވީޑިއޯގެ މައްސަލައެއް ވެސް ރިޕޯޓުކޮށްފައިވެއެވެ. ފެމިލީ މިނިސްޓްރީން އާންމުކުރި އިތުރު ތަފާސްހިސާބުގައި ވަނީ، ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާ އާއި ގެވެށި އަނިޔާގެ ޖުމްލަ 50 މައްސަލަ ރިޕޯޓުކޮށްފައިވާ ކަމަށެވެ. އެ ބާވަތުގެ މައްސަލަތަކުގެ ތެރެއިން އެންމެ ގިނައިން ރިޕޯޓުކޮށްފައިވަނީ ޖިސްމާނީ އަނިޔާކުރުމުގެ މައްސަލަ ކަމަށް ތަފާސްހިސާބުން ދައްކައެވެ. އެގޮތުން، އެ ބާވަތުވެ 24 މައްސަލައެއް ވަނީ މިދިޔަ މަހު ރިޕޯޓުކޮށްފައެވެ. އޭގެ ތެރޭގައި ހިމެނެނީ އަންހެނުންނާ ގުޅޭ 18 މައްސަލައަކާއި ފިރިހެނުންނާއި ގުޅޭ ހަ މައްސަލައެކެވެ. ދެވަނައަށް އެންމެ ގިނައިން ރިޕޯޓުކޮށްފައިވާ މައްސަލައަކީ ނަފްސާނީ އަނިޔާކުރުމާއި އަނގަބަހުން ކުރެވޭ އަނިޔާގެ މައްސަލަތަކެވެ. އެގޮތުން އެ ބާވަތުގެ 12 މައްސަލައެއް ރިޕޯޓުކޮށްފައިވެއެވެ. އޭގެ ތެރޭގައި ހިމެނެނީ އަންހެނުންނާ ގުޅޭ މައްސަލަތަކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ