ނައިފަރު ދާއިރާގެ މެމްބަރު ހައްޔަރުކޮށްފި

އިދިކޮޅު ފަރާތްތަކުން މިރޭ މާލޭގައި ކުރިޔަށްގެންދާ މުޒާހަރާގެ ތެރެއިން، ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު، އަހުމަދު ޝިޔާމް ހައްޔަރުކޮށްފިއެވެ.
އިދިކޮޅު ފަރާތްތަކުން މިރޭ ކުރިޔަށްގެންދާ މުޒާހަރާއަކީ ޕީޕީއެމްގެ ރައީސް އަދި ކުރީގެ ރައީސް، އަބްދުﷲ ޔާމީން ހައްޔަރުކުރުމާއި ގުޅިގެން އެކަމާއި ދެކޮޅު ހެދުމުގެ ގޮތުން ކުރިޔަށްގެންދާ މުޒާހަރާއެކެވެ. މިރޭ މުޒާހަރާ ފެށުމާއެކު ފުލުހުން ދަނީ މުޒާހަރާ ރޫޅާލުމުގެ މަސައްކަތް ކުރަމުންނެވެ.
ރައީސް ޔާމީން ހައްޔަރުކުރުމާއި ދެކޮޅަށް މިރޭ ކުރިޔަށްގެންދާ މުޒާހަރާގެ ތެރެއިން މެމްބަރު ޝިޔާމްގެ އިތުރުން ވެސް ބައެއް މީހުން ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. އޭގެތެރޭގައި ހޯރަފުށީ ދާއިރާގެ ކުރީގެ މެމްބަރު، މުޙައްމަދު އިސްމާއިލް އާއި އަބްދުﷲ މުހައްމަދު (މަދަނީ އަބްދުﷲ) ހިމެނެއެވެ.
ރޭ ވެސް އިދިކޮޅު ފަރާތްތަކުން މި މުޒާހަރާ ކުރިޔަށް ގެންގޮސްފައިވާއިރު، ރައީސް ޔާމީން މިނިވަންކުރަންދެން ސިލްސިލާ ގޮތެއްގައި މުޒާހަރާ ކުރިޔަށްގެންދާނެ ކަމަށް އިދިކޮޅު ފަރާތްތަކުން ވަނީ އިއުލާނުކޮށްފައެވެ. ރޭގެ މުޒާހަރާގެ ތެރެއިން ވެސް ތިން މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވެއެވެ. އަދި ފުލުހުން މުޒާހަރާ ރޫޅާލުމުގެ ތެރެއިން، ނޫސްވެރިއަކާއި އަންހެނަކު ހިމެނޭހެން، ތިން މީހަކަށް އަނިޔާވެފައި ވެއެވެ.
ރައީސް ޔާމީން ފަސް އަހަރަށް ޖަލަށްލާން ހުކުމް ކޮށްފައިވާއިރު، އެމަނިކުފާނު މިހާރު ހުންނެވީ މާފުށީ ޖަލުގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ