ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި މެމްބަރުންގެ ދާއިރާތަކުގެ ރައްޔިތުންނާ ބައްދަލުކުރެވޭ ގޮތަށް ހަމަޖައްސާފައިވާ ކަަމަށް މަޖިލީހުގެ އިދާރާ އިން މިއަދު ބުނެފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި ބޭއްވި ނިއުސް ކޮންފަރެންސެއް ގައި، އަމީން އާންމު ފާތިމަތު ނިއުޝާ ވިދާޅުވީ، ދާއިރާތަކުގެ ރައްޔިތުންނާ މެމްބަރުން ބައްދަލުކުރެއްވުމުގެ ކަންތައްތައް މަޖިލީހުގެ މެމްބާ ސާވިސަސް ސެކްޝަނުން އިންތިޒާމް ކޮށްދޭނެ ކަމަށެވެ. ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ އާ އިމާރާތް ބޭނުން ކުރަން ފެށުމުން އެ އިންތިޒާމް ހަމަޖެހޭނެ ކަމަށް މަޖިލީހުން ކުރިން ވެސް އޮތީ ބުނެފަ އެވެ.
"މިއީ ވެސް މެމްބަރުންނާ ރައްޔިތުންނާ ދެމެދު އޮންނަ ގުޅުން ވަރުގަދަވާނެ ކަމެއް ކަމަށް އަޅުގަނޑުމެން ދެކެން،" ނިއުޝާ ވިދާޅުވި އެވެ.
މަޖިލީހުގެ އިދާރާގެ އާ އިމާރާތް ބޭނުން ކުރަން ފެށުމުން މަޖިލީހުގެ މަސައްކަތަށް ބޮޑު ފަސޭހައެއް ވާނެ ކަމަށާއި އެގޮތުން ކޮމިޓީތަކުގެ ބައްދަލުވުންތައް ބޭއްވުމަށާއި މެމްބަރުން ބާއްވަން ޖެހޭ އެކި ބައްދަލުވުންތަކަށް އެތައް ގުނައަކަށް އިތުރު ޖާގަ ލިބޭނެ ކަމަށް ކުރިން ބުންޏެވެ.
މަޖިލީހުގެ އިދާރާގެ އާ އިމާރާތުގެ މަސައްކަތް ރަޝީދު ކާޕެންޓްރީ އެންޑް ކޮންޓްރެކްޓާސް (އާރްސީސީސީ) އާ ހަވާލުކުރީ ސެޕްޓެމްބަރު 14، 2011 ގަ އެވެ. ނަމަވެސް އެކި ސަބަބުތަކާ ހެދި އެ މަސައްކަތް ފެށުން އެތައް ދުވަހަކަށް ލަސްވި އެވެ. އެ އިމާރާތް ނިމި ބޭނުންކުރަން ފެށީ މި އަހަރު އެވެ.
މަޖިލީހުގެ އިދާރާގައި މެމްބަރުން ދާއިރާގެ ރައްޔިތުންނާ ބައްދަލުކުރެވޭ ގޮތަށް ހަމަޖައްސައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ