މާފަންނުގައި ހުރި ގެޔަކުން ފިޔާ ބަސްތާއެއް ވަގަށް ނެގި މީހަކު 27،000 ރުފިޔާއިން ޖޫރިމަނާކޮށްފި އެވެ.
މ. ނަރަމް ގެއަށް ވަދެ ފިޔާ ބަސްތާއެއް ވަގަށް ނެގި މައްސަލާގައި ދައުލަތުން ވަނީ މ. ވަނޮޅު، މުހައްމަދު ރިޔާޒްގެ މައްޗަށް ދެ ދައުވާއެއް އުފުލާފަ އެވެ. އެއީ އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫން ގޮތެއްގައި ބާރު ހިންގުމުގެ ކުށުގެ ދައުވާގެ އިތުރުން އެނގި ހުރެ ހުއްދަ ނޫން ތަނަކަށް ވަނުމުގެ ކުށުގެ ދައުވާ އެވެ.
ކްރިމިނަލް ކޯޓުން ވަނީ މި ދެ ދައުވާ ވެސް ރިޔާޒްގެ މައްޗަށް ސާބިތުވާ ކަމަށް ހުކުމްކޮށްފަ އެވެ. އެކަން ސާބިތުވެފައި ވަނީ ރިޔާޒްގެ އިއުތިރާފުން ކަމަށް ކްރިމިނަލް ކޯޓުގެ ހުކުމުގައި ވެއެވެ.
އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫން ގޮތެއްގައި ބާރު ހިންގުމުގެ ކުށުގައި ރިޔާޒް ވަނީ 5400 ރުފިޔާ އިން ޖޫރިމަނާކޮށްފަ އެވެ. އަދި އެނގި ހުރެ ހުއްދަ ނޫން ތަނަކަށް ވަނުމުގެ ކުށުގައި 21،600 ރުފިޔާ އިން އޭނާ ޖޫރިމަނާ ކުރި އެވެ.
ރިޔާޒްގެ މައްޗަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފައި ވަނީ އިއްޔެ އެވެ. ޖޫރިމަނާ ފައިސާ ދެއްކުމަށް ކޯޓުން ދީފައިވާ މުއްދަތަކީ އިއްޔެ އިން ފެށިގެން ތިންމަސް ދުވަހެވެ. ޖޫރިމަނާ ފައިސާ ދައްކަން ޖެހޭނީ މޯލްޑިވްސް އިންލެންޑް ރިވެނިއު އޮތޯރިޓީ (މީރާ) އަށެވެ.
ފިޔާ ބަސްތާއެއް ވަގަށް ނެގި މީހަކު 27،000 ރުފިޔާ އިން ޖޫރިމަނާ ކުރަން ކްރިމިނަލް ކޯޓުން ހުކުމްކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ