ސާފުތާހިރު ކަމަށް ސަމާލުވެ ސިއްހީ ދާއިރާގެ އިރުޝާދާ އެއްގޮތަށް އަމަލުކުރަން ރައީސް އިލްތިމާސްކުރައްވައިފި

އާއްމު ސާފުތާހިރު ކަމަށް ސަމާލުވެ، ސިއްހީ ދާއިރާ އިން ދޭ އިރުޝާދާ އެއްގޮތަށް އަމަލުކުރުމަށް ރައީސް އަބްދުﷲ ޔާމީން މިއަދު އިލްތިމާސްކުރައްވައިފި އެވެ. މާލެ އާއި ރަށްރަށުގައި ފެތުރެމުންދާ ޑެންގީ ހުމާއި ބޭރަށް ހިންގުމުގެ ރޯގާއާ ގުޅިގެން ރައީސް ނެރުއްވި ބަޔާނުގައި، ބަލިތަކުން ރައްކާތެރިވުމަށް ފަރުދީ ފެންވަރުގައި މަސައްކަތް ކޮށް، ދިރިއުޅޭ މާހައުލަކީ ސާފުތާހިރު ތަނަކަށް ހަދަން ރައީސް އެދިވަޑައިގެންނެވި އެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި މިދުވަސްވަރު ފެތުރެމުންދާ ޑެންގީ ހުމާއި ބޭރަށް ހިންގުން އަދި ހައްޖާއި އުމްރާ ދުވަސްވަރު ފެތުރިދާނެ ތަފާތު ރޯގާތައް ކޮންޓްރޯލްކޮށް، ރައްޔިތުންގެ ސިއްހީ ރައްކާތެރިކަން ހޯދުމަށް އަޅަން ޖެހޭ ހުރިހާ ފިޔަވަޅުތަކެއް ސަރުކާރުން އަންނަނީ އަޅަމުންނެވެ. ތިމާ އާއި ތިމާގެ އާއިލާ ރައްކާތެރިކުރުމަށް ފަރުދީ އަދި އާއިލީ ފެންވަރުގައި ކުރެވެން ހުރި ކަންތައްތައްކޮށް ތިމާ އާއި ތިމާ ދިރިއުޅޭ ވެށި ސާފުކޮށް، އާއްމު ސާފުތާހިރުކަމަށް ސަމާލުވެ، ސިއްހީ ދާއިރާއިން ދޭ އިރުޝާދާ އެއްގޮތަށް އަމަލުކުރައްވަމުން ގެންދެވުމަށް މިދަނޑިވަޅުގައި އަޅުގަނޑު، ތިޔަ އެންމެހައި ރައްޔިތުންނަށް އިލްތިމާސްކުރަން-- ރައީސް ރައްޔިތުންނަށް ސިއްހީ ރައްކާތެރިކަން ހޯދުމަށް ކުރަން ޖެހޭ ހުރިހާ މަސައްކަތްތަކެއް ސަރުކާރުގެ ކަމާ ބެހޭ އިދާރާތަކުގެ ސަމާލުކަމަށް ގެނެވިފައިވާ ކަމަށެވެ. އެކަމާ ގުޅިގެން އަޅަން ޖެހޭ ފިޔަވަޅުތައް އެ އިދާރާތަކުން ވެސް މިހާރު އަޅަމުން އަންނަ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. "މިގޮތުން ރަށު ތެރޭގައި މަދިރި އާލާވާ ފަދަ ތަންތަން ހުރިތޯ ބަލައި އެ ތަންތަން ނައްތާލުމާއި ރަށު ތެރެ ސާފުކުރުމާއި ކަނޑައެޅިފައިވާ ފަންނީ މިންގަނޑުތަކާ އެއްގޮތަށް ފޮގްކުރުން ހިމެނޭ،" ރައީސް ވިދާޅުވި އެވެ. އޭގެ އިތުރުން ބަލިތަކާ ގުޅިގެން ސަމާލުވާން ޖެހޭ ކަންކަމުގެ މައުލޫމާތު ރައްޔިތުންނަށް ފޯރުކޮށްދީ، ސިއްހީ ހިދުމަތް ދޭ ތަންތަނުގައި ހުމާއި ރޯގާގެ ބަލިތަކަށް ހާއްސަކޮށްގެން ފަރުވާދިނުމުގެ އިންތިޒާމް ސަރުކާރުން މިހާރު ހަމަޖައްސާފައިވާކަމަށް ރައީސް ވިދާޅުވި އެވެ. އަދި ދައުލަތުގެ އެކިއެކި އިދާރާތަކާއި މުއައްސަސާތަކުން މިކަމާ ގުޅޭ ފަންނީ ޓީމްތައް އެކުލަވާލައި ހާއްސަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަން ވެސް ރައީސް ފާހަގަކުރެއްވި އެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި ސަރުކާރާއި ރައްޔިތުން ގުޅިގެން އެއް ރޫހެއްގައި މަސައްކަތް ކުރުމުން، މާތް ﷲ ގެ ހެޔޮ ރަޙުމަތްފުޅާ އެކު، މިފަދަ ރޯގާ ބަލިމަޑުކަމުން ރައްކާތެރިކަން މިންވަރުކުރައްވާނެ އެވެ. މާލެ އާއި އަތޮޅުތަކުގައި ފެތުރެމުންދާ ޑެންގީ ހުމުގައި ވޭތުވެދިޔަ ދެ ހަފުތާ ތެރޭގައި ތިން މީހަކު ވަނީ މަރުވެފަ އެވެ. ޑެންގީ ބޮޑަށް ފެތުރެނީ ކޮންމެ ހަތަރު އަހަރަކުން އެއް އަހަރެވެ. ދެހާސް އެގާރަ ވަނަ އަހަރު ޑެންގީ ހުމުގައި 12 މީހަކު ވަނީ މަރުވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ