އުމަރު ނަސީރު ޕީޕީއެމުން ވަކިކޮށްފި ނަމަ އެޕާޓީ އެއްކޮށް ފުނޑުފުނދު ވެގެން ފައިބާނެ ކަމަށް އޭނާ ވިދާޅުވެއްޖެއެވެ.
ސިންގަޕޫރުގައި ހުންނެވުމަށްފަހު މިރޭ މާލެ ވަޑައިގެން މީޑިއާތަކާއި ބައްދަލު ކުރައްވާ އުމަރު ވިދާޅުވީ ޕްރައިމަރީގައި އޮޅުވާލާ މަކަރު ހަދާފައިވީ ނަމަވެސް ޕާޓީއާއި އެކު ހުންނެވި ކަމަށެވެ. އަދި ރިޔާސީ ކެންޑިޑޭޓަކީ ޔާމީނު ކަމުގައި ގަބޫލު ކުރައްވާ ޔާމީނާ އެކު މަސައްކަތް ކުރެއްވުމަށް ތައްޔާރަށް ހުންނެވި ކަމަށް އުމަރު ވިދާޅުވިއެވެ.
އަދި މިހާރު އިންތިޒާރު ކުރައްވަމުން ގެންދަވަނީ ޔާމީން ގެންނަވާނެ ޓީމަކަށް ކަމަށާއި އެޓީމުގައި ކޮރަޕްޝަނާއި އެހެނިހެން ކުއްތަކަށް މަގުފަހިވާ ފަދަ މީހުން ތިބެއްޖެ ނަމަ ތާއިދު ނުކުރައްވާނެ ކަމަށް އުމަރު ވިދާޅުވިއެވެ.
އުމަރު ވިދާޅުވީ އޭނާ ޕާޓީން ވަކިކޮށްފި ނަމަ އެޕާޓީ ފުނޑުފުނޑުވެގެންދާނެ ކަމަށާއި އެހެން ކަމުން އެފަދަ ކަމެއް އެއްވެސް ފަރާތަކުން ނުކުރާނެ ކަމަށާއި އެމަންޒަރު ދެކެން ވެސް ބޭނުން ނުވާ ކަމަށެވެ. އަދި އޭނާ އެޕާޓިން ވަކިކުރުމަށް އިށީދެ މަޝްވަރާ ކުރާ މީހާއަކީ ވެސް އޭނާއަށް ވުރެ ޕާޓީއަށް ހަނގު މީހެއް ކަމަށާއި ޕީޕީއެމް އުފެއްދެވީ އުމަރާއި ރައީސް މައުމޫނު ކަމަށް ތަކުރާރުކޮށް ވިދާޅުވިއެވެ.
އުމަރު ވިދާޅުވީ ހަގީގަތް ހާމަ ކުރުމަކީ މައާފަށް އެދެން ޖެހޭ ސަބަބެއް ނޫން ކަމަށާއި އޭނާ ހާމަ ކުރައްވާފައިވަނީ ހަގީގަތް ކަމަށެވެ. އަދި މައާފަށް އެދެން ޖެހޭނަމަ އެދެން ޖެހޭނީ ޕްރައިމަރީގައި އޮޅުވާލާ މަކަރު ހެދި ފަރާތްތައް ކަމަށް އުމަރު ވިދާޅުވިއެވެ.
ޕްރައިމަރީއާއި މެދު ސުވާލު އުފެއްދެވި ނަމަވެސް އެއިން ކަމެއް ތަހުގީގު ކުރުމަށް ކަމާ ގުޅޭ ފަރާތްތަކުގައި ނުދެންނެވީ އެ މުއައްސަސާތަކަކީ ވެސް ޔާމީންގެ ކޮންޓްރޯލުގެ ދަށުގައި ހުރި މުއައްސަސާތައް ކަމަށްވާތީ ކަމަށް އުމަރު ވިދާޅުވިއެވެ.
އުމަރުވަނީ ޕްރައިމަރީއާއި މެދު އިތުރު ޝަކުވާތަކެއް މިރޭ ކުރައްވާފައެވެ. އެގޮތުން ރަޖިސްޓްރީ އޮޅުވާލާ އެތައް ބަޔަކު ޕާޓީއަށް އިތުރު ކުރި ކަމަށާއި ޕާޓީގައި ތިބި ބައެއް މެމްބަރުންނަށް ވޯޓު ނުލެވޭ ގޮތަށް ހަދާފައިވާ ކަމަށް އުމަރު ތުހުމަތު ކުރެއްވިއެވެ.
އަޅުގަނޑު ވަކިކޮށްފި ނަމަ ޕާޓީއެއްކޮށް ފުނޑުފުނޑުވާނެ: އުމަރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ