ހާބަރު މަޝްރޫއު ކުރިއަށް ގެންދާނީ ކޯޓުން މައްސަލަ ނިމުމުން: ކައުންސިލް

ހުޅަނގު ހާބަރު ސަރަހައްދު ތަރައްގީ ކުރުމުގެ ޕްރޮޖެކްޓް ދެން ކުރިއަށް ގެންދާނީ ކޯޓުން އެ މައްސަލާގައި ނިންމާ ގޮތަކަށް ބެލުމަށް ފަހު ކަމަށް މާލޭ ސިޓީ ކައުންސިލުން މިއަދު ބުނެފި އެވެ. ހާބަރު ސަރަހައްދު ވެސްޓް ގޭޓް ކިޔާ ކުންފުންޏަކަށް މި މަހުގެ ކުރީކޮޅު ކުއްޔަށް ދީފައި ވަނީ މަހަކު 400،000ރ. އަށެވެ. އެތަން އެ ކުންފުންޏަށް ދިނުމާ އެކު ސަރުކާރުން ވަނީ އެ ޕްރޮޖެކްޓް ހުއްޓުވުމަށް މައްސަލަ ކޯޓަށް ވައްދައިފަ އެވެ. ސިޓީ ކައުންސިލްގެ މެންބަރު އިބްރާހިމް ޝުޖާއު ވިދާޅުވީ ހާބަރު ޕްރޮޖެކްޓްގެ މައްސަލަ ކޯޓުގައި ހިނގަމުން ދަނިކޮށް އެ ޕްރޮޖެކްޓް ކުރިއަށް ގެންދިޔުމަށް ވެސްޓް ގޭޓުން ވެސް ބޭނުން ނުވާ ކަމަށެވެ. އަދި އެ ޕްރޮޖެކްޓް ކުރިއަށް ގެންގޮސްފިނަމަ ވެސްޓް ގޭޓަށް ގެއްލުންތަކެއް ވެދާނެތީ އެ މައްސަލަ ކޯޓުން ނިމޭ ގޮތަކަށް ކުރިއަށް ގެންދިޔުމަކީ އެންމެ ރަނގަޅު ކަމަށް ސިޓީ ކައުންސިލަށް ފެންނަ ކަމަށް ވެސް ސުޖާއު ވިދާޅުވި އެވެ. އެ މައްސަލަ ސުލްހަވެރިކޮށް ހައްލު ކުރުމަށް ހައުސިން މިނިސްޓްރީއާ އެކު ވެސް މަޝްވަރާ ކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އެ ޕްރޮޖެކްޓް ހައުސިން މިނިސްޓްރީން ބޭނުންވާ ގޮތަކަށް މަޝްވަރާކޮށްގެން ކުރިޔަށް ގެންދިޔުމަށް ހުށަހަޅާފައިވާ ކަމަށް ސުޖާއު ވިދާޅުވި އެވެ. "ކޯޓުގެ ކްލިއަރެންސް ލިބުނީމާ އެވަރުގެ ކަމެއް އެ ކުންފުނިން ވެސް ފަށާނީ. މިކަމުގެ މައްސަލަތަކެއް އުޅެންޏާ އެއްވެސް އިންވެސްޓަރަކު ބޭނުމެއް ނުވާނެ މިފަދަ ކަމެއް ފަށާކަށް. އެހެންވެ އެ މަޝްރޫއާއިގެން ކުރިއަށް ދެވެން އޮތީ ކޯޓުން އެކަމުގައި ނިންމާ ގޮތަކުން. އަދި ކޯޓުގެ ނިންމުމަށް އަޅުގަނޑުމެން ބޯލަބާނަން،" ސުޖާއު ވިދާޅުވި އެވެ. ހާބަރު ޕްރޮޖެކްޓްގެ ފުރަތަމަ ފިޔަވަހި ފެށުމަށް ހަމަޖެހިފައި އޮތީ އަންނަ މަހުގެ ތެރޭގަ އެވެ. ސުޖާއު ވިދާޅުވީ މާލޭގެ ތަރައްގީއަށް ކައުންސިލުން ކުރިއަށް ގެންދަން އިއުލާން ކުރި 40 އަށް ވުރެ ގިނަ ޕްރޮޖެކްޓް ސަރުކާރުން ހުއްޓުވާފައިވާ ކަމަށެވެ. އަދި އެ މައްސަލަތައް އެގޮތަށް ކުރިމަތިވެފައިވާތީ ކައުންސިލްގެ ބެލެނިވެރިކަމުގައި ހުރި ބިންތަކުގައި ޕްރޮޖެކްޓްތައް ކުރިއަށް ގެންދާނީ ހައުސިން މިނިސްޓްރީއާ އެކު މަޝްވަރާކޮށްގެން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. "ކައުންސިލުން އެބަ ބޭނުންވޭ މިކަހަލަ މުހިންމު ޕްރޮޖެކްޓްތަކެއް ކުރިއަށް ގެންދަން. އަޅުގަނޑުމެންނަށް ހީވަނީ މި އުޅެނީ ސިޔާސީ ކަންތައްތަކެއްހެން. އޭގައި އެހެން އެއްވެސް ކަމެއް ނެތް. އަޅުގަނޑުމެން މަޝްވަރާކޮށްގެން ވެސް އެބަ ބޭނުންވޭ މިކަންތައްތައް ކުރިއަށް ގެންދަން،" ސުޖާއު ވިދާޅުވި އެވެ. ދާދި ފަހުން މާލޭ ސިޓީ ކައުންސިލުން ހުށަހެޅި ދުސްތޫރީ މައްސަލައެއްގައި ހައި ކޯޓުން ހުކުމް ކޮށްފައި ވަނީ ސަރުކާރުގެ ބާރު ނުހިނގާ ގޮތަކަށް އަދި ސަރުކާރުގެ ސިޔާސަތު ތަންފީޒު ނުކުރެވޭ ގޮތަކަށް ދައުލަތުގެ ބިންތައް ކައުންސިލަށް ދޫނުކުރެވޭނެ ކަމަށެވެ. ސުޖާއު ވިދާޅުވީ ކޯޓުގެ އެ ހުކުމަށް ފުރިހަމައަށް އިހުތިރާމް ކުރާ ކަމަށާއި ސިޓީ ކައުންސިލްގެ ޕްރޮޖެކްޓްތައް ކުރިއަށް ގެންދާނީ ހައުސިން މިނިސްޓްރީގެ ބައިވެރިވުން ވެސް ހިމެނޭ ގޮތަށް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ