ރާއްޖޭގެ ދާހިލީ ކަންކަމުގެ ތެރެއަށް ބޭރުގެ ނުފޫޒު ފޯރުވުމުގެ ބިރުވެރިކަން ރައްޔިތުންގެ ހިތްތަކަށް ވަންނަ ފަދަ އެއްވެސް ކަމެއް މި ދަނޑިވަޅުގައި ނުކުރަން ޖުމްހޫރީ ގުޅުމުގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.
ގާސިމް މިހެން ވިދާޅުވީ އިލެކްޝަންސް ކޮމިޝަނުން މާދަމާ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު ނުބާއްވާ ގޮތަށް ނިންމުމާ ގުޅިގެން މިރޭ ވީނިއުސް ދެއްވި އިންޓަވިއުއެއްގަ އެވެ.
ކޮމަންވެލްތުގެ ވަފުދުގެ ބޭފުޅުންނާއި އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ހައިކޮމިޝަނަރު ރަޖީވް ޝަހާރޭ މިއަދު އިލެކްޝަންސް ކޮމިޝަނުގެ މެންބަރުންނާ ބައްދަލު ކުރައްވާފައިވާއިރު، އެ ބައްދަލުވުންތަކާ ބެހޭ އެއްވެސް ތަފްސީލެއް ހާމަކޮށްފައި ނުވާތީ އެކަމާ ގުޅިގެން ގާސިމް ވިދާޅުވީ މިފަދަ ދަނޑިވަޅެއްގައި އެގޮތަށް ކަންތައް ކުރުމުން ރައްޔިތުންގެ ހިތުގައި ޝައްކު އުފައްދަން ޖާގަ ލިބިގެންދާނެ ކަމަށެވެ.
"ދާހިލީ ކަންކަމުގެ ތެރެއަށް ވަދެ ނުތަވަސްކަން ފެތުރިދާނެ ކަމެއް ކުރުމަކީ ރަނގަޅު ކަމެއް ނޫން. މިހާރު މިއުޅެނީ ދުސްތޫރީ އަދި ގާނޫނީ ކަމެއް ދިމާވެގެން. ސުޕްރީމް ކޯޓްގެ އަމުރާ އެއް ގޮތަށް މިހާރު އެދަނީ. ކޯޓް އަމުރާ އެއް ގޮތަށް ކަންކަން ދާންޖެހޭނީ ވެސް މިފަދަ ދަނޑިވަޅެއްގައި ކޮމަންވެލްތުގެ ވަފުދުން ބައްދަލު ކުރީމާ ބައެއް ފަރާތަތަކުގެ ނުތަވަސްކަން ހުނާނެ އެކަމުގެ ތަފުސީލު ނުލިބޭ ކަމަށް ވަންޏާ." ގާސިމް ވިދާޅުވި އެވެ.
ގާސިމް ވިދާޅުވީ ރާއްޖެއަކީ މިނިވަން ގައުމެއް ކަމަށާއި ދުނިޔޭގެ އެހެން ގައުމުތަކާއި، ބައިނަލްއަގުވާމީ ޖަމާއަތްތަކުން ވެސް ރާއްޖޭގެ ދުސްތޫރީ ކަންކަމަށް ހުރުމަތްތެރިކޮށް ހިތަން ޖެހޭނެ ކަމަށެވެ. ގާސިމް އިތުރަށް ވިދާޅުވީ ދުނިޔޭގެ ބޮޑެތި ގައުމުތަކެކޭ އެއްގޮތަށް ރާއްޖޭގައި ވެސް ޑިމޮކްރަސީގެ އުސޫލުތަކާ އެއްގޮތަށް ބޭރުގެ ނުފޫޒެއް ނެތި ގައުމުގެ ދާޚިލީ ކަންކަން ނިންމުމުގެ ފުރުސަތު ލިބެންޖެހޭނެ ކަމަށެވެ.
ބޭރުގެ ނުފޫޒުގެ ވަންނާނެ އެއްވެސް ކަމެއް ކޮށްގެން ނުވާނެ: ގާސިމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ