ރާއްޖޭގެ އިގްތިސޯދު ދާދިމާލެއް ނޭނގޭ: މެމްބަރު އަބްދުﷲ އަބްދުއްރަހީމް

މުހައްމަދު ފަޒީން
ރާއްޖޭގެ އިގްތިސޯދި ހާލަތު މިހާރު އޮތީ ވަރަށް ނާޒުކު ފައްތަރެއްގައި ކަމަށާއި މިހާރު މިދާގޮތުން ރާއްޖޭގެ އިގްތިސޯދުގެ މިސްރާބު ހުރި ގޮތް ނޭނގޭކަމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު ހުޅަނގު ދާއިރާގެ މެމްބަރު އަބްދުﷲ އަބްދުއްރަހީމް ވިދާޅުވެއްޖެއެވެ.
އިއްޔެ ޑީއާރްޕީއަށް ސޮއިކުރުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ ރާއްޖޭގެ އިގްތިސޯދީ ހާލަތާ ބެހޭ ގޮތުން ދާދި ފަހުން އައިއެމްއެފްގެ ވަފުދަކާ ބައްދަލު ކުރެއްވި ކަމަށާއި އެބޭފުޅުންވެސް ތިބީ ރާއްޖޭގެ އިގްތިސޯދީ ހަލަތާ މެދު ވަރަށް ބޮޑަށް ކަން ބޮޑުވެފައިކަމަށެވެ.
"މިއަދު އަޅުގަނޑުމެންނަށް ފެންނަނީ ދިވެހި ރާއްޖޭގެ އިގްތިސޯދީ ހާލަތު ވަރަށް ނާޒުކު ފައްތަރަކަށް ވެއްޓިފައޮއްވާ. ދާދި ކުޑައިރުކޮޅެއްގެ ކުރިން އަޅުގަނޑު މިއައީ އައިއެމްއެފްގެ މިޝަންގެ ބޭފުޅުންނާ ބައްދަލުކޮށްފައި. އެބޭފުޅުން ތިބީ ރާއްޖެ ދާނެ ދިމާލަކާ މެދުގައި އުއްމީދުވެސް ކަނޑާލާފަ. ދާނެ ދިމާލެއް އެބޭފުޅުންނަށް ނޭނގޭ ކަމަށް ވިދާޅުވި،"    އަބްދުﷲ އަބްދުއްރަހީމް ވިދާޅުވިއެވެ.
ފިނޭންސް މިނިސްޓަރަކަށް އަހުމަދު އިނާޒް އައްޔަންކުރުމާއެކު އެއީ ރާއްޖޭގެ އިގްތިސޯދު ރަނގަޅުކުރެވޭނެ ވަރަށް ރަނގަޅު ފާލެއްކަމަށް ގަބޫލުކުރި ކަމަށާއި ނަމަވެސް އެމްޑީޕީގެ އެކްޓިވިސްޓުން އޭނާ އާމެދު ކަންތައްތައްކޮށްފައިވަނީ ވަރަށް އިހާނެތިކޮށްކަމަށާއި އެ ދުވަހަށް ފަހު އެމްޑީޕީއާ މެދުއޮތް އުއްމީދު ކަނޑާލަންޖެހުނު ކަމަށްވެސް އެމްޑީޕީން ވަކިވެ ޑީއާރްޕީއަށް ސޮއިކުރި ރަސްމިއްޔާތުގައި އަބްދުﷲ އަބްދުއްރަހީމް ވިދާޅުވިއެވެ.
އެމްޑީޕީއަށް ސޮއި ކުރި ރަސްމިއްޔާތުގައި ވާހަކަ ދައްކަމުން ހިތާރޫހުން މިހާރު މިހުރީ އެމްޑީޕީއަށް އައިސްފަކަމަށް އަބްދުﷲ އަބްދުއްރަހީމް ވިދާޅުވެފައިވެއެވެ. އަދި ވަރަށް ގިނަ ޖަލްސާތަކުގައި އޭނާ ވަނީ ރައީސް ނަޝީދުގެ އިގްތިސޯދީ ސިޔާސަތަށް ސަޕޯޓްކުރައްވާ ވާހަކަ ދައްކަވާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ