ތާލިބާނުންގެ ލީޑަރު މުއްލާ އުމަރު މަރުވެއްޖެ

ކާބުލް (ޖުލައި 29) - އަފްޣާނިސްތާނުގެ ތާލިބާނުންގެ ލީޑަރު މުއްލާ އުމަރު މަރުވެއްޖެ ކަމަށް އަފްޣާނިސްތާނުގެ އޮފިޝަލުން މިއަދު ބުނެފި އެވެ. ނަމަވެސް މުއްލާ އުމަރުގެ މަރާ ގުޅިގެން ތާލިބާނުން އަދި ވަކި އެއްޗެއް ނުބުނެ އެވެ. އަފްޣާނިސްތާން ސަރުކާރާއި ޖާސޫސީ ފަރާތްތަކުން ބުނާ ގޮތުގައި މުއްލާ އުމަރު ވަނީ މީގެ ދޭއް ނުވަތަ ތިން އަހަރު ކުރިން މަރުވެފަ އެވެ. މި ޚަބަރާ ގުޅިގެން ތާލިބާނުންގެ ތަރުޖަމާނަކާ ބީބީސީން ސުވާލު ކުރުމުން ބުނީ އެކަމާ ގުޅޭ ގޮތުން ވަރަށް އަވަހަށް ބަޔާނެއް ނެރޭނެ ކަމަށެވެ. މީގެ ކުރިން ވެސް ވަނީ މުއްލާ އުމަރުގެ މަރާ ގުޅިގެން އެތައް ޚަބަރެއް އާއްމުކޮށްފަ އެވެ. ނަމަވެސް މިއީ މުއްލާ އުމަރު މަރުވިކަން އަފްޣާން ސަރުކާރުގެ އިސް އޮފިޝަލުން ޔަގީންކޮށްދިން ފުރަތަމަ ފަހަރެވެ. ސޯވިއެޓް ސިފައިން އަފްޣާނިސްތާނުން ބާލަން ކުރި ހަނގުރާމައިގައި މުއްލާ އުމަރު ވަނީ އިސް ދައުރެއް އަދާކޮށްފަ އެވެ. އޭނާ ފަހުން ވަނީ އަލްގައިދާގެ ލީޑަރު އުސާމާ ބިން ލާދިންއާ ގުޅިފަ އެވެ. ނަތީޖާއެއްގެ ގޮތުން ނިއު ޔޯކާއި ވޮޝިންޓަނަށް ސެޕްޓެމްބަރު 11 ގައި ދިން ހަމަލާއާ ގުޅިގެން 2001 ވަނަ އަހަރު ވަނީ އަފްޣާނިސްތާނަށް އަރާ ތާލިބާނުންގެ ވެރިކަން ވައްޓާލައިފަ އެވެ. އޭގެ ފަހުން މުއްލާ އުމަރު ވީތަނެއް ނޭނގެ އެވެ. އޭނާގެ ބޮލަށް އެމެރިކާ އިން ވަނީ 10 މިލިއަން ޑޮލަރު ހުށަހަޅައިފަ އެވެ. މުއްލާ އުމަރުގެ ނަމުގައި ތާލިބާނުން ވަނީ ވޭތުވެދިޔަ ދުވަސްތަކުގައި ބަޔާންތައް ވެސް ނެރެފަ އެވެ. އެންމެ ފަހުން މި މަހު ނެރުނު ބަޔާނެއްގައި ވެސް ވަނީ އަފްޣާން ސަރުކާރާއި ތާލިބާނުންނާ ދެމެދު ކުރިއަށްދާ މަޝްވަރާތަކަށް މުއްލާ އުމަރު ތާއިދުކޮށްފަ އެވެ. ނަމަވެސް އެއީ ޓެކްސްޓް މެސެޖެއްގަ އެވެ. އެހެން ކަމުން ބައެއް ފަރާތްތަކުން ވަނީ މުއްލާ އުމަރު ދުނިޔޭގައި ހުރި ކަމާ މެދު ޝައްކު އުފައްދައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ