ކެންދުއާ ނުލައި އެ ދާއިރާގެ ނަތީޖާ އިއުލާންކޮށްފި

ރައްޔިތުން މަޖިލީހުގެ ކެންދޫ ދާއިރާ އަށް އެމްޑީޕީގެ ފަރާތުން ވާދަކުރާނެ ކެންޑިޑޭޓެއް ކަނޑައެޅުމަށް ބޭއްވި ޕްރައިމަރީގައި ބ. ކެންދޫގައި ދެ ފަހަރެއްގެ މަތިން ވެސް ވޯޓުލުމަށް މަސައްކަތްކޮށް ކާމިޔާބު ނުވުމުން އެ ރަށުގެ ވޯޓާ ނުލައި އެ ދާއިރާގެ ވަގުތީ ނަތީޖާ މިއަދު އިއުލާންކޮށްފި އެވެ. ވަގުތީ ނަތީޖާ ދައްކާ ގޮތުން އެ ދާއިރާ ކާމިޔާބުކޮށްފައިވަނީ މިހާރުގެ ވެސް މެންބަރު އަހުމަދު ތަސްމީން އަލީ އެވެ. ކެންދޫގައި އިއްޔެ ވޯޓުލުމަށް މަސައްކަތްކުރި ނަމަވެސް، މީގެ ކުރިން އެ ރަށުގައި ބޭއްވި ޕްރައިމަރީގެ ނަތީޖާ ބާތިލުކުރި ސަބަބުން ނާންގައި ވޯޓުލުން ކުރިއަށް ނުގެންދެވޭނެ ކަމަށް ބުނެ އެ ރަށުގެ އެމްޑީޕީ މެންބަރުން ވަނީ ވޯޓުލުމަށް ދެކޮޅު ހަދައިފަ އެވެ. މީގެ ކުރިން ބޭއްވި ޕްރައިމަރީގެ ނަތީޖާ ވެސް ބާތިލުކުރަންޖެހުނީ އެ ރަށުގައި ވޯޓުލުމަށް އެކަށީގެންވާ މާހައުލެއް ނެތުމުގެ ސަބަބުން ކުރިއަށް ނުގެންދެވިގެންނެވެ. ވަގުތީ ނަތީޖާ އިއުލާންކުރުމަށް މިއަދު ބޭއްވި ނިއުސް ކޮންފަރެންސްގައި އެމްޑީޕީގެ އިންތިހާބާ ބެހޭ ކޮމިޓީގެ މުގައްރިރު އިބްރާހީމް ވަހީދު ވިދާޅުވީ ކެންދޫގައި ވޯޓުލުމަށް އިއްޔެ ވެސް މަސައްކަތްކުރި ކަމަށާއި ނަމަވެސް އެފަދަ މާހައުލެއް އެ ރަށުގައި ފަހިވެފައިނުވާ ކަމަށެވެ. "އެ ބޭފުޅުން ވިދާޅުވަނީ ކެންދޫގައި ފުރަތަމަ ދުވަހު ލީ ވޯޓު ބާތިލުކުރި ސަބަބެއް އެނގިފަކާ ނެތޭ. އެހެން ނަމަވެސް އަޅުގަނޑުމެންނަށް ވަރަށް ސާފުކޮށް އެބަ އޮތް އެނގެން، އެ ދުވަހު އެ ރަށުގައި ވޯޓުލުމަށް އެކަށީގެންވާ މާހައުލެއް ނެތިގެން ކަމަށް ވޯޓު ބާތިލުކުރީ. އެހެންވީމާ ސަބަބު އެބަ އޮތް ބާތިލުކުރި އިއުލާންގައި ލިޔެވިފައި. އެހެންވީމާ އެއަށްވުރެ އިތުރަށް އެ ބޭފުޅުންނަށް ސަބަބު ބުނެދޭވެނޭ ގޮތެއް އަޅުގަނޑުމެންނަކަށް ނޭނގުނު،" ވަހީދު ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ކެންދޫ ދާއިރާގެ ނަތީޖާ އިއުލާންކޮށްފައިވަނީ އެ ރަށް ފިޔަވައި އެހެން ހުރިހާ ސަރަހައްދެއްގައި ބެހެއްޓި ވޯޓު ފޮށިތަކުގެ ނަތީޖާއާ އެކު ކަމަށެވެ. އެ ރަށުގައި އަލުން ވޯޓުލުން ބޭއްވުމަށް އެދުނު ނަމަވެސް ދެން އަލުން އެ ރަށުގައި އެކަން ކުރިއަށް ނުގެންދަން އިންތިހާބާ ބެހޭ ކޮމިޓީން ނިންމާފައިވާ ކަމަށް ވެސް ވިދާޅުވި އެވެ. "އަޅުގަނޑުމެންނަކަށް މިކަން ނެތް ދަންމަމުން ގެންދެވޭކަށް. ފެބްރުއަރީ 13 ވަނަ ދުވަހު އިލެކްޝަންސް ކޮމިޝަނަށް އެބަޖެހޭ ކެންޑިޑޭޓެއް ދައްކަން. އެހެންވީމާ އަޅުގަނޑުމެން މިފަހަރު މަސައްކަތްކުރީ އެ ރަށުގެ އެއްވެސް އޮފިޝަލެއް ބޭނުންނުކޮށް މާލެ އިން އޮފިޝަލުންނާ ހުރިހާ އެންމެން ގޮސްގެން ވޯޓުލާން މަސައްކަތްކުރީމަ ވެސް އެ ރަށުގައި ވޯޓުލެވޭ ފަދަ މާހައުލެއް ނުލިބުނު،" ވަހީދު ވިދާޅުވި އެވެ. މައުރޫފް ޝާކިރާ ވާދަކުރައްވައި ކެންދޫ ދާއިރާގެ ޕްރައިމަރީ ތަސްމީން ކާމިޔާބުކުރެއްވީ 66 ޕަސެންޓް ހޯއްދަވައިގެންނެވެ. މާޗު މަހުގެ 22 ވަނަ ދުވަހު ބާއްވާ ރައްޔިތުން މަޖިލީހުގެ އިންތިހާބުގައި 85 މެންބަރުން އިންތިހާބުކުރަންޖެހޭ އިރު އެމްޑީޕީން ހުރިހާ ދާއިރާއެއްގައި ވެސް ވާދަކުރެ އެވެ. ޕްރައިމަރީގައި ވާދަކުރާނެ 84 ކެންޑީޑޭޓުން މިހާރު ވަނީ ކަނޑައަޅައިފަ އެވެ. ބާކީ އޮތީ ކާށިދޫ ދާއިރާ އެވެ. އެ ދާއިރާގެ ޓިކެޓް ކުރިން ހޯއްދެވި މިހާރު ވެސް އެ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރުގެ ޓިކެޓް ބާތިލުކޮށް ޕްރައިމަރީ ބޭއްވުމަށް ހުޅުވައިލީ އެމްޑީޕީގެ ވިޕްލައިނާ ހިލާފަށް މަޖިލީހުގައި ވޯޓު ދެއްވި މައްސަލައިގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ