އަބްދުﷲ ގާޒީ ހައްޔަރު ކުރުމަށް ވުރެ ނާޒިމް ހައްޔަރުކުރުން މާ އަނިޔާވެރި: މަހްލޫފު
ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު (އަބްދުﷲ ގާޒީ) ގާނޫނާ ހިލާފަށް ބަންދުކުރުމަށް ވުރެ، ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް ހައްޔަރުކުރުން "މާ އަނިޔާވެރި" ކަމަށް، ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހްމަދު މަހްލޫފު ރޭ ވިދާޅުވެއްޖެ އެވެ. ސަރުކާރު ހިންގާ މައި ޕާޓީ ޕީޕީއެމްގެ މެމްބަރެއްގެ ގޮތުގައި އަދި ހުންނެވި ނަމަވެސް، ޖުމްހޫރީ ޕާޓީއާ ވަރަށް އަވަހަށް ގުޅޭނެ ކަމަށް ބެލެވޭ މަހްލޫފު، ވީޓީވީގެ "ފަސްމަންޒަރު" ޕްރޮގްރާމުގައި ވިދާޅުވީ ނާޒިމްގެ އެޕާޓްމަންޓުން ފިސްތޯލައެއް ފެނުނު މައްސަލައަކީ ނާޒިމް ފްރޭމްކޮށް، ބޮޑު ހުކުމެއްގައި ތާށިކޮށްލަން ކުރި ކަމެއް ކަމަށެވެ. "މިއަދު ސަރުކާރުން ނާޒިމާ ދޭތެރޭގައި ކަންތައް ކުރާ ގޮތަކީ އަބްދުﷲ ގާޒީ ހައްޔަރުކުރުމާ އަޅާ ބަލާއިރު ހާސްބައި ތަފާތު. ހާސްބައި ތަފާތު ހުރިހާ ގޮތަކުން ވެސް. އޭރު ރައީސް ނަޝީދު ކުރެއްވި ކަމަކީ އަބްދުﷲ ގާޒީ އެކަހެރި ކުރެއްވީ، ކޯޓު ތެރޭގައި އޭރު ސަރުކާރުން ބޭނުންވާ ގޮތަށް ކަންތައްތަކެއް ކުރިއަށް ނުދާތީ،" އަބްދުﷲ ގާޒީ ބަންދުކުރުމުން، އެކަމާ ދެކޮޅަށް އެންމެ ގަދައަށް އަޑު އުފުލި މީހުންގެ ތެރޭގައި ކުރިން ހިމެނޭ މަހްލޫފު ވިދާޅުވި އެވެ. "އެކަމަކު މިހާރު މި އުޅެނީ ނާޒިމްމެން ގެއަށް ބަޑިއެއް ވައްދައިގެން، އަދި ހުކުމް އަންނަން ދެން ބަންދުގައި ބަހައްޓައިގެން. ދިހަ އަހަރު 15 އަހަރުގެ ހުކުމެއް އަންނާނެ ކަމެއްގެ ތެރެއަށް ދުއްވާލަން. އެއީ މާ އަނިޔާވެރި." އެހެން ނަމަވެސް ފުލުހުން ބުނެފައި ވަނީ، ނާޒިމްގެ ކޮޓަރިން ފިސްތޯލަ އަކާއި ތިން ވަޒަން ފެނިފައިވާ ކަމަށާއި، އެއީ ފުލުހުން ވެއްދި ތަކެތި ކަމަށް ބުނެ ދައްކަނީ ހަގީގަތާ ހިލާފު ވާހަކަތަކެއް ކަމަށެވެ. ނާޒިމްގެ ވަކީލުން ބުނެފައި ވަނީ، އެ ހަތިޔާރާ ނާޒިމް އަދި އޭނާގެ އާއިލާގެ މީހަކާ ވެސް ގުޅުމެއް ނެތް ކަމަށެވެ. މަހްލޫފް: ކުރީގެ ޑިފެންސް މިނިސްޓަރު ނާޒިމްގެ އެޕާޓްމެންޓުން ހަތިޔާރު ހުރި ކަމަށް ތުހްމަތުކޮށް އޭނާ ހައްޔަރުކުރުމުން އެހެން މީހުންނަށް ވެސް ރައްކާތެރި ކަމެއް ނެތް ކަމަށް މަހްލޫފު ވިދާޅުވި. --ހަވީރު ފައިލް ފޮޓޯ މަހުލޫފު ރޭ ވިދާޅުވީ، ހަތިޔާރު ފެނުނު މައްސަލާގައި ނާޒިމްގެ އިތުރުން އޭނާގެ އަނބިކަނބަލުންގެ މައްޗަށް ދައުވާ ކުރުމަކީ "ބޮޑުވަރު" ކަމަށާއި "އެ ހިސާބަށް އެކަންކަން ގޮސްގެން ނުވާނެ" ކަމަށެވެ. އަދި ނާޒިމުގެ "ފްރޭމް" ކުރުމުގެ ސަބަބުން އެއްވެސް ރައްޔިތަކަށް ރައްކާތެރި ކަމެއް ނެތް ކަމަށް ގަބޫލު ކުރައްވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަބްދުﷲ ގާޒީ ހައްޔަރުކުރުމަށް ވުރެ، ނާޒިމް ހައްޔަރުކުރުން އަނިޔާވެރި ކަމަށް ގަބޫލު ކުރެއްވި ނަމަވެސް، މަހްލޫފު ވިދާޅުވި ގޮތުގައި އެއީ ނަޝީދު "ހުދު ފޮތި ކޮޅަކަށް" ވުމެއް ނޫނެވެ. ގާނޫނާ ހިލާފަށް ނަޝީދު ކަންތައްތައް ކުރެއްވި ކަމާއި އިސްލާމްދީނާ ހިލާފު ވާހަކަ އެ މަނިކުފާނު ދެއްކެވި ކަމަށް މިއަދުވެސް ގަބޫލު ކުރައްވާ ކަމަށް މަހްލޫފު ވިދާޅުވި އެވެ. ނަމަވެސް ގައުމުގެ މިހާރުގެ ހާލަތަށް ބަލާއިރު، މަހްލޫފު ވިދާޅުވީ މަސްލަހަތު އެންމެ ރަނގަޅު ގޮތަކީ ނަޝީދު މިނިވަން ކުރުމެވެ. އަދި އެ މަނިކުފާނު މިނިވަން ކުރަން މަހްލޫފް ގޮވާލެއްވި އެވެ. ނަޝީދު މިނިވަން ކުރަންޖެހޭ ސަބަބެއް ކަމަށް މަހްލޫފު ގަބޫލު ކުރައްވަނީ އެތެރެ އާއި ބޭރުގެ ޕްރެޝަރު ކުޑަކުރުމެވެ. މުޅި ދުނިޔޭގެ މީޑިއާގައި ނަޝީދުގެ ވާހަކަތައް ފެތުރިގެން ދާއިރު، އެކަމުން "ނުރަނގަޅު އަސަރެއް އަންނާނެ ކަމެއް" ކަމަށް އޭނާ ވިދާޅުވި އެވެ. "އަޅުގަނޑުމެންނަކީ ޓޫރިޒަމަށް ބިނާވެފައި އޮތް ގައުމެއް. މިއަދުގެ މި ފޮޓޯތައް، ވީޑިއޯތައް [ނަޝީދު ކޯޓަށް ވެއްދި ގޮތުގެ މަންޒަރުތައް] ފެންނަ ވަރަކަށް މި ޕްރެޝަރު އިތުރުވާނެ،" މަހްލޫފު ވިދާޅުވި އެވެ. ނަޝީދަކީ ވަރަށް ބޮޑު ތާއީދެއް އޮތް ބޭފުޅަކަށް ވާއިރު، މަހްލޫފު ވިދާޅުވީ އެ މަނިކުފާނަށް އަނިޔާކުރާ މަންޒަރު ފެނުމަކީ ސަޕޯޓަރުންނަށް ވަރަށް އަސަރު ކުރާނެ ކަމެއް ކަމަށާއި އެމީހުން އޭގެ ބަދަލު ހިފަން ބޭނުންވާނެ ކަމަށެވެ. ރައްޔިތުންގެ މަޖިލީހާއި ކޯޓުތަކާއި މިނިވަން މުއައްސަސާތަކުގެ ކޮންޓްރޯލް ސަރުކާރަށް އޮތްއިރު، މިގޮތަށް ގައުމުގެ ހާލަތު ގޯސްކޮށްލުމަކީ "ބޭނުމެއް ނެތް ޕްރެޝަރެއް" ކަމަށް ވެސް އޭނާ ފާހަގަ ކުރެއްވި އެވެ. ސަރުކާރާ ދެކޮޅަށް މަހްލޫފު ވާހަކަ ދައްކަވަން ފެއްޓެވީ ޕީޕީއެމްގެ ހަރަކާތްތަކާ ދުރުގައި ހުންނަވާތާ ގިނަ ދުވަސްތަކެއް ވުމަށް ފަހު، އަދި އޭނާ ޖުމްހޫރީ ޕާޓީއަށް ބަދަލުވާން އުޅޭ ކަމުގެ އަޑުތައް ފެތުރެމުން ދަނިކޮށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ