ލަހުވީ ދޫކޮށްލަން ޕާކިސްތާން ކޯޓުން ނިންމުމުން އިންޑިއާ ރުޅިގަދަވެއްޖެ
އިސްލާމްއާބާދު - އިންޑިއާގެ މުމްބާއީ އަށް 2008 ގައި ދިން ޓެރަރިސްޓް ހަމަލާގެ ފަހަތުގައި ހުރި ކަމަށް ތުހުމަތުކުރެވޭ މީހާ ދޫކޮށްލަން ޕާކިސްތާން ހައި ކޯޓުން އިއްޔެ ނިންމުމާ ގުޅިގެން އިންޑިއާ އިން ރުޅިއަތުވެއްޖެ އެވެ. އިންޑިއާގެ ވިޔަފާރީގެ މައި މަރުކަޒުގެ މުހިންމު އެތައް ތަނަކަށް އެއްފަހަރާ ދިން ހަމަލާގައި 166 މީހުން މަރުވި އެވެ. އިންޑިއާ އިން ތުހުމަތުކުރާ ގޮތުގައި އެ ހަމަލާ ރޭވުމުގެ އިސް އާރުކާޓީ އަކީ ޒާހިރުއް ރަހުމާން ލަހުވީ އެވެ. އިންޑިއާގެ ޕްރެޝަރުގައި އޭނާ ހައްޔަރުކޮށްގެން ޖަލުގައި ގެންގުޅޭތާ މިހާރު ހަ އަހަރު ވެއްޖެ އެވެ. ހައި ކޯޓުން އިއްޔެ ނިންމީ ލަހުވީ ހައްޔަރުކޮށްގެން ބަހައްޓަން ޖެހޭ ގާނޫނީ ހެއްކެއް ދައުލަތުގެ ވަކީލުންނަށް ދެއްކިފައި ނުވާ ކަމަށެވެ. މިދިއަ ޑިސެމްބަރު މަހު ދަށު ކޯޓަކުން ވެސް ވަނީ ލަހުވީ ދޫކޮށްލައިފަ އެވެ. އެކަމަކު އިންޑިއާ ރުޅިގަދަވެ، ޝަކުވާކުރުމުން، އާންމު ރައްކާތެރިކަމުގެ ގާނޫނުގެ ދަށުން ޕާކިސްތާނުން އޭނާ ބެހެއްޓީ ޖަލުގަ އެވެ. އިންޑިއާ އިން ބުނި ގޮތުގައި ޓެރަރިސްޓެއްގެ ގޮތުގައި މުޅި ދުނިޔެ އިން ވެސް ދެކޭ މީހަކު ދޫކޮށްލާފައި ހުރުމަކީ އިތުރު ނުރައްކަލެކެވެ. އެހެންވެ އިންޑިއާގެ ކަންބޮޑުވުން ޕާކިސްތާނުގެ ކަމާ ބެހޭ ފަރާތްތަކަށް ހުށަހަޅާފައިވާނެ ކަމަށް ފޮރިން މިނިސްޓްރީން ބުނެ އެވެ. ލަހުވީ ޖަލުގައި ބެހެއްޓުމުގެ ބާރު ޕާކިސްތާނަށް އަދިވެސް އެބަ އޮތެވެ. އެއީ ސުޕްރީމް ކޯޓުގައި އިސްތިއުނާފުކޮށް، އެ ކޯޓުން ވަކި ގޮތެއް ނިންމަންދެނެވެ. މީގެ ކުރިން ވެސް ސުޕްރީމް ކޯޓުން ވަނީ އޭނާގެ މައްސަލާގައި ދައުލަތާ އެއްކޮޅަށް ނިންމައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ