ޑީއާރްޕީ ބައިބައި ކޮށްލީ އުމަރު ނަސީރެއް ނޫން، ރައީސް މައުމޫން: ތަސްމީން

ޑީއާރްޕީ ބައިބައި ކޮށްލީ އުމަރު ނަސީރު ނޫން ކަމަށާއި ޑީއާރްޕީ ބައިބައި ކޮށްލީ ރައީސް މައުމޫން އަބްދުލްގައްޔޫމް ކަމަށް ޑީއާރްޕީގެ ލީޑަރ އަހުމަދު ތަސްމީން އަލީ ވިދާޅުވެއްޖެއެވެ.
ތަސްމީން އެގޮތަށް ވިދާޅުވީ ކޮންމެ ހުކުދުވަހަކު ދިޓީވީން ގެނެސްދޭ "ހުކުރުދުވަސް މަސްއޫދާއެކު" ޕްރޮގަރާމުގައ ވާހަކަ ދައްކަވަމުންނެވެ. އުމަރު ނަސީރުއަށް ޑީއާރްޕީން ފުރުސަތު އެބައޮތްތޯ މަސްއޫދު ދެންނެވުމުން ތަސްމީން ވިދާޅުވީ އުމަރު ނަސީރުއާ ދެތެރޭ ހިތްހަމަ ނުޖެހުމެއް ނެތްކަމަށާއި އުމަރު ނަސީރުއާ ދޭތެރޭ ކޮންމެވެސް ކަހަލަ ހަމްދަރުދީއެއް އޮންނަ ކަމަށެވެ.
"އަޅުގަނޑުމެންގެ ޕާޓީގައި ހަމަ ކޮންމެ މީހަކަށްވެސް ފުރުސަތު އޮންނާނެ. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ޑީއާރްޕީ ރޫޅާލީ، ޑީއާރްޕީ ބައިބައި ކޮށްލީ އުމަރު ނަސީރެއް ނޫން. ޑީއާރްޕީ ބައިބައި ކޮށްލީ ރައީސް މައުމޫން އާއި ރައީސް މައުމޫންގެ އާއިލާއިން. ޑީއާރްޕީއަކީ އުމަރު ނަސީރުއަށް ބައިބައި ކޮށްލެވޭނެ ޕާޓީއެއްނޫން. އެހެންކަމުން އުމަރު ނަސީރުއާ ދޭތެރޭގައި އެއްވެސް ކަހަލަ ހިތްހަމަ ނުޖެހުމެއް އޮންނަންވި ސަބަބެއްނެތް. ކޮންމެވެސް ވަރެއްގެ ހަމްދަރުދީއެއް އޮންނަނީވެސް،" އަންނަ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމުގެ ތައްޔާރީތައްވުމަށް ފަހު، އިންތިހާބުގައި ރިޔާސީ ކެންޑީޑޭޓެއްގެގޮތުގައި ނުނިކުންނެވުމަށް ނިންމަވައި ރައީސް ވަހީދާއެކު ކޮލިޝަން ހައްދަވާފައިވާ ތަސްމީން ވިދާޅުވިއެވެ.
ތަސްމީން އިތުރަށް ވިދާޅުވީ 2008 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުން ރައީސް މައުމޫން ފެއިލްވުމުން ސިޔާސީ މައިދާނުން ދުރުވެވަޑައިގަންނަވާ ވާހަކަ ވިދާޅުވެ އަނެއްކާ ސިޔާސީ މައިދާނަށް ވަދެވަޑައިގެންނެވުމަކީ އެމަނިކުފާނަށް ކުރިން ރައްޔިތުންގެ ފަރާތުން ލިބިގެންދިޔަ އިހުތިރާމް ކުޑަވެގެންދާނެކަމެއް ކަމެށެވެ. އަދި ބުނާބަހުގައި އިތުބާރު އޮންނަންޖެހޭ ކަމަށްވެސް ތަސްމީން ވިދާޅުވިއެވެ.
ތަސްމީން މީގެއިތުރުން ވިދާޅުވީ ޑީއާރްޕީން އުމަރު ނަސީރު ވަކިކޮށްފައިވަނީ ޑިސަޕްލިނަރީ ކޮމެޓީއާއި ކައުންސިލުން އެތައް ބައްދަލުވުމެއް ބޭއްވުމަށްފަހު އަދި އެތައްފަހަރަކު ނަސޭހަތްތެރިވުމަށް ފަހުގައި ކަމަށެވެ. ނަމަވެސް ޕީޕީއެމްއިން އުމަރު ނަސީރު ވަކިކޮށްފައިވަނީ އެޕާޓީގެ އަސާސީ ގަވާއިދުގައި ވާގޮތުގެ މަތީން އެންމެއަވަސް ގޮތަކަށް ކަމަށެވެ. ނަމަވެސް ޑީއާރްޕީން އަމަލުކޮށްފައިވަނީ ޕާޓީގެ އަސާސީ ގަވާއިދާ ހިލާފަށް ކަމަށްބުނެ އުމަރު ނަސިރު ވަކިކުރަން ނިންމި ނިންމުން ބާތިލް ކުރުމަށް އޭރު ރައީސް މައުނޫން ގޮވާލައްވިކަން ތަސްމީނު ފާހަގަކުރެއްވި އެވެ.
"ޑީއާރްޕީ ބައިބައި ކޮށްލައްވަންވެގެން އުޅުއްވިއިރުގާ އުމަރު ނަސީރު، އަޅުގަނޑުމެންގެ ޕާޓީގެ ކައުންސިލުންނާއި ޑިސަޕްލިނަރީ ކޮމެޓީން ފިޔަވަޅު އެޅީމައި، އެއީ އަސާސީ ގަވާއިދާވެސް ހިލާފު، ޑިމޮކްރަސީއާވެސް ހިލާފު، އެވަރުކަމެއް އެއްވެސް ބަޔަކު ދެން ދުނިޔޭގައި ކޮށްގެންވެސް ނުވާނެ ކަމެއް، އެކަން ބާތިލް ކުރުމަށްވެސް ގޮވާލެއްވި. އަޅުގަނޑުމެން އެއްޗެއް ނުބުނަށް ކޮންމެހެން ދަންނަވަންޖެހުނު އެއްޗެއް ނޫނީ ނުދަންނަވަން. އެވާހަކަ މިއަދަކުވެސް ނުދައްކަން. އެކަމަކު މީހުންނަށް މިވާނުވާ އެބަ އޮޅުންފިލާ ދެއްތޯ. މިއަދު މިމަންޒަރުތައް މީހުންނަށް ފެންނަމުންދާ ގޮތް އެނގޭނޫންތޯ. މިއަދު އުމަރު ނަސީރު އެޕާޓީ (ޕީޕީއެމް)ން ވަކިކުރީ،" ޕީޕީއެމްއަށާއި ރައީސް މައުމޫންއަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުން ތަސްމީން ވިދާޅުވިއެވެ.
އުމަރު ނަސީރަށް ކޮންމެވެސް ވަރެއްގެ ހަމްދަރުދީއެއް އޮންނަކަމަށް ވިދާޅުވެ ތަސްމީނު ވާހަކަ ދެއްކެވިއިރު، އުމަރު ވަނީ ތަސްމީނަށާއި ޑީއާރްޕީއަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ ވާހަކަ ދައްކަވާފައެވެ. އަދި ރައީސް ވަހީދާއެކު ތަސްމީނުގެ ޑީއާރްޕީ ކޮލިޝަން ހެދުމާގުޅިގެން އުމަރު ވިދާޅުވީ ޑރ. ވަހީދުގެ ރަނިންމޭޓަކަށް ތަސްމީނު ހަމަޖައްސަވައިފިނަމަ އެކަމާ ވިސްނަވާނެކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ