ސީއެސްސީގެ މެމްބަރު ކަމަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފި

ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) ގެ ހަތަރު މަގާމެއް ހުސްވެފައިވާތީ އެ ކޮމިޝަންގެ މެމްބަރު ކަމަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފިއެވެ.
ސީއެސްސީގެ މެމްބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ ރައްޔިތުންގެ މަޖިލިހުންނެވެ. އެ މުއްދަތު ހަމަވާން އޮތީ މިއަދަށެވެ.
އެކަމަކު، ރައްޔިތުންގެ މަޖިލިހުން ކުރި އިއުލާނެއްގައި ބުނީ އަންނަ މަހުގެ ހައެކާ އަށް ހަމައަށް އިތުރުކޮށްފައިވާ ކަމަށެވެ. އެހެންވެ، ސީއެސްސީ އަށް ކުރިމަތިލުމުގެ ފޯމާ އެކު، އެހެނިހެން ލިޔުންތައް އެ މުއްދަތު ކުރިން ހުށަހަޅަން ސީއެސްސީން އެދެއެވެ.
ސީއެސްސީގެ މެމްބަރުންގެ ތެރެއިން އެ ކޮމިޝަންގެ ރައީސް ޑރ. އަލީ ޝަމީމާއި ނައިބު ރައީސް ޝަހީދު މުހައްމަދާއި އެ ކޮމިޝަންގެ މެމްބަރު ޒަކަރިއްޔާ ހުސެއިން ވަނީ މަގާމުން އިސްތިއުފާ ދެއްވައިފައެވެ. އަދި ކޮމިޝަންގެ މެމްބަރު އިބްރާހިމް ޝަހީގް ވަކިކުރަން ރައްޔިތުންގެ މަޖިލީހުން ވަނީ ފާސްކޮށްފައެވެ.
އެ ކޮމިޝަންގެ މެމްބަރުންތަކެއް އިސްތިއުފާ ދެއްވީ، މިނިވަން މުއައްސަސާތަކުގެ ކޮމިޓީން މެމްބަރުންގެ މައްސަލަ ބަލައި، އެބޭފުޅުން ވަކިކުރަން ނިންމައި މަޖިލިހުގެ ތަޅުމަށް ފޮނުވާފައި ވަނިކޮށެވެ. ސީއެސްސީގެ މެމްބަރުން ވަކިކުރާ މައިގަނޑު ސަބަބެއްގެ ގޮތުގައި އޮތީ މަގާމުގެ މަސްއޫލިއްޔަތު އަދާ ނުކުރެއްވުމުންނެވެ.
ސީއެސްސީގެ މެންބަރުކަމުގައި މިހާރު ހަމައެކަނި ހުންނެވީ ފާތިމަތު އާމިރާއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ