މުޒާހަރާ ނިމުނު ފަހުން އެޗްއާރުސީއެމް ހޭލައިފި

އައިލެންޑް އެކްސްޕާޓް ޕްރައިވެޓް ލިމިޓެޑްގެ ބިދޭސީން މިއަދު ހުޅުމާލޭގައި ކުރި މުޒާހަރާގެ ކަންކަން ގާތުން ބަލަމުންދާ ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އިން ބުނެފި އެވެ.
އެ މުޒާހަރާގެ ތެރެއިން ފުލުހުންނަށް ހަމާލާދީ ބޮޑެތި ހަމަނުޖެހުންތަކެއް ހިންގާފައިވާއިރު، އެ ކޮމިޝަނުގެ ޓީމެއް އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންދާކަމަށް އެޗްއާރުސީއެމް އިން ބުންޏެވެ.
މިފަހުން ހައްގުތައް ހޯދަން ބ. ބޮޑުފިނޮޅާއި ތިލަފުށީގައި ގިނަ އަދަދެއްގެ ބިދޭސީން މުޒާހަރާކޮށް، ހަމަނުޖެހުންތަކެއް ހިންގާފައިވާއިރު، އެޗްއާރުސީއެމް އިން އެއިން އެއްވެސް ކަމެއް ނުބަލާކަމަށް ބުނެ ގިނަ ބައެއްގެ ފާޑުކިއުން ވަނީ އަމާޒުވެފަ އެވެ.
ބޮޑުފިނޮޅު މައްސަލަ ފެންމަތިވެ ހޫނު ވުމުން، ބިދޭސީންގެ ކަންކަން ބަލަހައްޓާ އިމިގްރޭޝަނާއި އިކޮނޮމިކް މިނިސްޓްރީ އަދި ފުލުހުން ވަނީ އެ ރަށަށް ގޮސް އެ މައްސަލަ ބަލަން ފަށައިފަ އެވެ. ނަމަވެސް އެޗްއާރްސީއެމުން އެ މައްސަލަ ބަލާފައެއް ނުވެ އެވެ. އަދި މިހާތަނަށް އައިއިރު އެ މައްސަލައާ ގުޅޭ ގޮތުން އެއްވެސް އެއްޗެއް ވެސް ބުނެފައެއް ނެތެވެ.
މިއަދުގެ މުޒާހަރާއާ ގުޅިގެން އެޗްއާރުސީއެމްގެ ހަބަރެއްވެފައިމިވަނީ، އެ ކޮމިޝަންގެ މެމްބަރުން ވަކިކުރަން ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީން ނިންމައި އެ މަސައްކަތް ކުރިއަށް ގެންދަނިކޮށް ކޮމިޝަންގެ ރައީސް އައިމިނަތު އީނާސް އާއި މެމްބަރު އައިޝަތު އަފްރީން އިއްޔެ މަގާމުން އިސްތިއުފާ ދެއްވާފައިވަނިކޮށެވެ.
ކޮމިޝަންގެ ހަތަރު މެމްބަރެއްގެ ދައުރު ހަމަވާތީ، އެ ކޮމިޝަނަށް ކުރިމަތިލާން ވެސް ރައީސް އޮފީހުން ވަނީ ހުޅުވާލައިފަ އެވެ.
ދައުރު ހަމަވަނީ، އީނާސް އާއި މެމްބަރުންގެ ގޮތުގައި ތިއްބެވި މޫސާ އަލީ ކަލޭފާނާއި ނައިވީން އަބްދުﷲ އަދި އަފްރީން މުހައްމަދުގެ އެވެ. އެޗްއާރުސީއެމްގައި ދެން ހުންނަވާނީ ނައިބު ރައީސް މުހައްމަދު ޒާހިދު އެކަންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ