ރައީސް ޔާމީން މައްޗަށް އުފުލި ދައުވާގެ ބައެއް ލިޔެކިޔުން ދައުލަތުން ފޮނުވީ މިއަދު ހެނދުނު

ރައީސް ޔާމީނުގެ މައްޗަށް ދައުލަތުގެ ފަރާތުން އުފުލާފައިވާ ދައުވާއާ ގުޅޭ ބައެއް ލިޔެކިޔުން ކޯޓަށް ޕީޖީ އޮފީހުން ފޮނުވާފައިވަނީ މިއަދުގެ ހެނދުނުގެ ވަގުތެއްގައި ކަމަށް ދައުލަތުގެ ވަކީލާ ވިދާޅުވެއްޖެއެވެ. މިއަދު ކުރިމިނަލް ކޯޓުގައި އޮތް ރައީސް ޔާމީނުގެ ޝަރީޢަތުގެ އަޑުއެހުމުގައި އެމަނިކުފާނުގެ މައްޗަށް ދައުލަތުން އުފުލާ ދައުވާއަކީ ކޮބައިކަން ބަޔާންކޮށްދިނުމަށް މައްސަލަ ބައްލަވާ ޤާޟީ އަޙްމަދު ޝަކީލު އެދިވަޑައިގަތުމުން، ދައުލަތުގެ ވަކީލާ ވިދާޅުވީ މައްސަލައިގެ ދައުވާ ހުށަހެޅުމުގެ ކުރިން ފުރިހަމަކުރަންޖެހޭ ކަންކަން ހުންނަ ކަމުގައެވެ. އެގޮތުން އިބްތިދާއީ އަޑުއެހުންތަކުގައި ޙާޞިލުކުރަން ޖެހޭ ކަންކަން ވަކި ތަރުތީބަކުން އެމާއްދާގައި ބަޔާންކޮށްފައިވާ ކަމުގައެވެ. އެގޮތުން ދައުވާއާ ގުޅޭ ލިޔެކިޔުން ލިބިފައިވާކަން ސާފުކުރަންޖެހޭ ކަމުގައިވެސް ދައުލަތުން ފާހަގަކުރިއެވެ. އަދި ދައުލަތުން ބުނެފައިވަނީ ދައުވާ ލިބޭ ފަރާތާ ހިއްސާކުރުމަށް މިއަދުގެ ވަގުތެއްގައި ދައުލަތުން ލިޔެކިޔުންތަކެއް ކޯޓަށް ފޮނުވާފައިވާ ކަމުގައެވެ. ދައުލަތުގެ ވަކީލާ ވިދާޅުވީ ދައުވާ އިއްވައި ސާފުކޮށްދިނުމަކީ ދައުވާ ރައްދުވާ ފަރާތަށް މައްސަލައާ ގުޅޭ ހުރިހާ ލިޔެކިއުމެއް ލިބިފައިވާކަން ސާފުކުރުމަށްފަހު ކުރަންޖެހޭ ކަމެއް ކަމުގައެވެ. ޤާޟީ ޝަކީލުވަނީ އެލިޔެކިޔުންތައް ފޮނުވި ދުވަހާ ގުޅިގެން ސުވާލުކުރައްވާފައެވެ. އެސުވާލުގެ ޖަވާބުގައި ދައުލަތުގެ ވަކީލާ ވިދާޅުވީ ރައީސް ޔާމީނުގެ ވަކީލުންނަށް ބައެއް ލިޔެކިޔުން ލިބިފައިނުވާ ކަން ބުރާސްފަތި ދުވަހު ކޯޓުގެ މުވައްޒަފުންގެ ފަރާތުން ޕީޖީ އޮފީހަށް އެނގުނު ކަމުގައެވެ. އަދި މިމައްސަލައާ ގުޅުންހުރި ކުރިން ހަވާލުކުރެވިފައި ނެތް ބައެއް ލިޔެކިޔުން ފާހަގަވުމުން އެލިޔެކިޔުންތަކާއި ފުރަތަމަ ހުށަހެޅި ލިޔެކިޔުންތަކުގެ ތެރެއިން ރައީސް ޔާމީނުގެ ވަކީލުންނަށް ލިބިވަޑައިނުގަތް ލިޔެކިޔުންތައް ސިޓީއަކާއެކު ކޯޓަށް ހުށަހެޅީ 15 އޯގަސްޓު ދުވަހު ނުވަތަ ރޭގައި ކަމުގައެވެ. އަދި ސީޑީގެ ޒަރީޔާގައި ބައެއް ލިޔެކިޔުން މިއަދު ހެނދުނު ފޮނުވާފައިވާ ކަމުގައިވެސް ވިދާޅުވިއެވެ. މިއަދުގެ ޝަރީޢަތުގެ މަޖިލިހުގައި ވާހަކަދައްކަވަމުން ރައީސް ޔާމީން ވިދާޅުވެފައިވަނީ އެމަނިކުފާނަށް އަދި އެއްވެސް ލިޔެކިޔުމެއް ލިބިވަޑައިގެންފައި ނުވާ ކަމުގައެވެ. އަދި ވަކީލުންނާ ބައްދަލުވެސްނުކުރެއްވޭ ކަމުގައެވެ. އެމަނިކުފާނުގެ ޤާނޫނީ ވަކީލުންގެ ފަރާތުންވެސް އެކަން ފާހަގަކުރެއްވިއެވެ. އެގޮތުން ރައީސް ޔާމީނާ ބައްދަލުކުރެއްވޭނެ އިންތިޒާމު ހަމަޖައްސާފައިނުވާތީ އެކަމުގެ ސަބަބުން ދިފާޢަށް ތައްޔާރުވުމަށް އެކަށީގެންވާ ވަގުތު ލިބިފައިނުވާ ކަމުގައެވެ. ރައީސް ޔާމީނުގެ ވަކީލުންގެ ފަރާތުން ވާހަކަދެއްކެވި ޑރ.މުޙައްމަދު ޖަމީލް އަޙްމަދު ވިދާޅުވީ ޖިނާއީ އިޖުރާއާތުގެ 106 ވަނަ މާއްދާގެ ދަށުން ދައުވާ ލިބޭ ފަރާތަށް ހުރިހާ ލިޔެކިޔުމެއް ލިބެންވާނެ ކަމުގައެވެ. އެގޮތުން އަލަށް ދައުލަތުން ހުށަހެޅި ލިޔެކިޔުންތައް ނުލިބި އިބްތިދާއީ އަޑުއެހުން ކުރިއަށް ނުގެންދެވުމަށް އެދިވަޑައިގަންނަވާ ކަމުގައެވެ. ހަމައެހެންމެ ދައުލަތުން ކުރިން ދިން ލިޔެކިޔުންތަކުގައި ވަރަށް ގިނަ ލިޔުންތައް މަދު ކަމުގައިވެސް ޑރ.ޖަމީލު ފާހަގަކުރެއްވިއެވެ. ރައީސް ޔާމީން ވާހަކަފުޅުގައި ފާހަގަކުރެއްވީ އެމަނިކުފާނަށް އަމިއްލައަށް ލިޔެކިޔުންތައް ބައްލަވައިނުލައްވައި، ހަމައެކަނި ވަކީލުންގެ އަތްޕުޅަށް ކޯޓުގެ ހުރިހާ ދޫކޮށްލެއްވުމަކީ އެމަނިކުފާނު އެދިވަޑައިގަންނަވާ ގޮތް ނޫން ކަމުގައެވެ.އަދި ދައުލަތުގެ ބަހުންނާއި ރައީސް ޔާމީނާއި އެމަނިކުފާނުގެ ވަކީލުންގެ ބަސްފުޅުންވެސް އެމަނިކުފާނަށް ވަކީލުންނާއެކު އެކަށީގެންވާ ވަގުތު ލިބިވަޑައިގެންފައިނުވާތީ، އިބްތިދާއީ އަޑުއެހުން ފަސްކުރައްވައި، 10 ދުވަހާއި 15 ދުވަހުގެ ތެރޭގައި އައު އަޑުއެހުމެއް ބާއްވަވާނެ ކަމުގައި ޤާޟީ ޝަކީލު މިއަދު ވިދާޅުވިއެވެ. 
މިލިޔުން ކިޔާލުމުން
0 %
އުފާވި
0 %
ދެރަވި
0 %
ރުޅިއައި
0 %
މައުލޫމާތު މުއްސަނދިވި
ކިޔުންތެރިންގެ ހިޔާލު
ފޮނުވާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ