ޢިބްރަތްތެރި ވާހަކަ: މަންމައަށް އިހާނެތިބަސްތައް ބުނާ ކޮންމެ ދަރިއަކަށް މިފަދަ ދެރަގޮތެއް ނުވެދާނެއެވެ! ނަމަވެސް އެއީ ކުރަން ހެޔޮވާނެ ކަމެއް ނޫނެވެ!

އެއްވެސް މީހަކަށް ކަމެއްވުމުން އެއީ މިވެނި ސަބަބެއް މެދުވެރިވެގެންވީ ކަމެއް ކަމަށް ބުނާކަށް ނުވާނެއެވެ. ނަމަވެސް ޢިބްރަތް ޙާޞިލްކުރަންޖެހޭ ކަންކަމުން ޢިބްރަތް ޙާޞިލްކުރަންވާނެއެވެ. 
މައިންބަފައިންނަށް ހެޔޮބަހެއް ނޫނީ ބުނަން ހެޔޮނުވާނެއެވެ! ޚާއްޞަކޮށް ހެޔޮލަފާ މަންމައަކަށް ނުބައި ބަސް ބުނުމަކީ ކުރެވޭ ވަރަށް ބޮޑު ފާފައެކެވެ. އެކަން އެދަރިއަކާއި ބައްދަލުކުރާނެ ގޮތް ނުވެސް އެނގޭނެއެވެ. ކިތަންމެހައިވެސް ހިތާމަވެރިވެދާނެއެވެ. މިފަދަކަންކަން އަބަދުވެސް ދަނީ ލޯތަކަށް ފެންނަމުންނެވެ. 
އެއްވެސް މީހަކު، ޚާއްޞަކޮށް މަންމަގެ ޢުމުރުން ދުވަސްވެފައި ހުރުމުން ތިއަހުރީ މަރުވާން ކައިރިވެފައި ކަމަށް ފަދަ ބަސްތައް ބުނަން ހެޔޮނުވާނެއެވެ. ކަށުނަމާދުތަކަށް ބަލާށެވެ! ޅަ، ޒުވާންކުދިންގެ ޖަނާޒާތަކުގައި ބައިވެރިވަނީ ކިތައް މުސްކުޅިން ހެއްޔެވެ؟ އެކަމުންވެސް އެނގެނީ މަރުވުމަކީ ޢުމުރާއި ގުޅިފައިވާ ކަމެއް ނޫންކަން ކަމުގައި ޤަބޫލުނުކުރެވޭނަމަ އެއީ ވަރަށް ދެރަ ކަމެކެވެ.  
ތިރީގައިވާ ވާހަކައަކީ ވަރަށް ޢިބްރަތްތެރި ވާހަކައެކެވެ. ވިދާޅުވެ ޢިބްރަތް ޙާޞިލްކުރައްވާށެވެ!   
އަޅުގަނޑަކީ އުމުރުން ދުވަސްވެފައިވާ މުސްކުޅި އަންހެނަކީމެވެ. އުމުރަކީ 67 އަހަރެވެ. އަޅުގަނޑުގެ ޙަޔާތުގައި ދިމާވިކަންކަން މިއަދުނޫހުގެ ކިޔުންތެރިންނާއި ހިއްޞާ މިކުރަނީ މިވާހަކަ ކިޔާބައަކަށް ޢިބްރަތަކަށްވެދާނެ ކަމުގެ އުންމީދުގައެވެ.
އަޅުގަނޑުމެންގެ ކައިވެންޏަށް 4 އަހަރުގައި ދަރިއަކު ލިބުނެވެ. އަންހެން ކުއްޖެކެވެ. 2 ވަނަ ބަލިވެއިނީ އެއިގެ 2 އަހަރުފަހުންނެވެ. ބަނޑަށް 5 މަހުގައި ފިރިމީހާ އަޅުގަނޑު ދޫކޮށްލާފައި ދަމުން ބުނީ މިދަނީ މިނިވަންކަން ބޭނުންވާތީކަމަށެވެ. އަޅުގަނޑާއިއެކު ދިރިއުޅުމުން ގެއްލެނީ ކޮން މިނިވަންކަމެއްކަން ބުނެއެއް ނުދެއެވެ.
އެދުވަހަށްފަހަކު އޭނާ ލޮލަކުން ނުދެކެމެވެ. ދަރިންގެ ޚަރަދަށް އެންމެ ރުފިޔާއެއްވެސް ނުދިންތަނުގައި ޙާލުވެސް ބަލައި ނުލައެވެ.  ދެވަނައަށްވެސް ލިބުނީ ހަމަ އަންހެން ދަރިއެކެވެ. ދެދަރިން ގޮވައިގެން ދިރިއުޅުނީ މައިންބަފައިންގެ ކިބައިން ވާރުތަވީ ގޭގައި ހުރި ކޮޓަރިއެއް ކުއްޔަށް ދީގެން އެކަމުން ލިބުނު ފައިސާކޮޅުންނެވެ.
ދޮށީދަރިފުޅު ކައިވެނިކުރުމުން އުޅެން ދޭންޖެހުނީ ކުއްޔަށްދީފައިހުރި ކޮޓަރިއެވެ. ދެވަނަ ދަރިފުޅު ކައިވެނިކޮށްގެން އުޅެންފެށީ ދެކުދިން އެކުގައި އުޅުނު ކޮޓަރީގައެވެ. ދޮށީ ދަރިފުޅުގެ ފިރިމީހާގެ މަންމަ ބަލިވެގެން ގެއަށް ގެނައުމުން ދޭންޖެހުނީ އަޅުގަނޑު ނިދާ ކޮޓަރިއެވެ. އަޅުގަނޑަށް ނިދަންޖެހުނީ ސިޓިންގރޫމްގައެވެ.
އެއިން އެއްވެސް ކަމަކާއިވެސް އެއްވެސް ޝަކުވާއެއް ނުކުރަމެވެ. މަސައްކަތްކުރީ އެހައި ލޯބިން ބަލައިބޮޑުކުރި ދެދަރިން އުފަލުގައި ގެންގުޅެވޭތޯއެވެ! އަދި އެކުދިންނާއިއެކު އުފަލުގައި ދިރިއުޅެވޭތޯއެވެ. ނަމަވެސް ދެދަރިންނަކަށް އެވަރެއް ނުވސްނުނެވެ. އަޅުގަނޑާއިމެދު ކަންކަން ކުރަމުން އައީ ގޭގައި ގެންގުޅޭ ނޯކަރަކަށް ވެސް ކަންކަން ނުކުރާނެ ގޮތަށެވެ.
ކުރި ޖެއްސުމާއި ހެދި ނިކަމެތި ގޮތްތަކުގެ ވާހަކަ ބާއްވާށެވެ. އެއްދުވަހު ދެދަރިން އެކުގަ ކުރިމައްޗަށް އަރާފައި ހަގުދަރިފުޅު ބުންޏެވެ. "ބޮޑުދައިތަގެ ގޭގައި ހުސްކޮޓަރި އެބަހުއްޓެވެ. ބޮޑުދައިތަ ހުރީ މަންމަ ގެންގުޅޭށެވެ. އަހަރެމެން ދެބެއިން ވިހަން ގާތްވަނީއެވެ. މިގެއަކު ޖާގައެއް ނެތެވެ. މަންމަ ބޮޑުދައިތަ ގާތަށް އުޅެންދާންވީ ނޫންހެއްޔެވެ؟ އެހެން ނޫނަސް މަންމަ މިހާރު ތިއައިނީ 60 އަހަރުން މަތިވެ މަރުވާން ދާދިގާތްވެފައެވެ."
އަޅުގަނޑު އެހައިތަނަށް އައީ ހުރިހާ ކަމަކަށް ކެތްކުރަމުންނެވެ. ގެދީފައި ކޮއްކޮ ގާތަށް ދާކަށްވެސް ކަންބޮޑެއް ނުވަމެވެ. ނަމަވެސް އަޅުގަނޑު އެކަނިމާއެކަނި ގެންގުޅެ ބޮޑުކުރި ދަރިއެއްގެ ދުލުން އަޅުގަނޑު ހުރީ މަރުވާން ގާތްވެފައި ކަމަށް ބުނުމަކުން އެކަން ޤަބޫލެއް ނުކުރެވުނެވެ. އަދި އަޅުގަނޑު އަހައިވެސް ނުލާ ކޮއްކޮ ގާތު އަޅުގަނޑު އެގެއަށް ފޮނުވާލަން ވާހަކަ ދައްކާފައި އޮތުމުން އެކަންވެސް ޤަބޫލެއް ނުކުރެވުނެވެ. އެހެންވެ އެގެއަށް ދާން ބޭނުމެއް ނުވިއެވެ.
އެކުވެރި އަންހެނަކަށް ގުޅައި އޭނާގެ ފިރިމީހާ އަޅުގަނޑު ބަލާ ފޮނުވަން ބުނީމެވެ. އެއެކުވެރިޔާއަކީ އަޅުގަނޑު ދިރިއުޅެމުން އަންނަ ޙާލު އެނގޭނެ ހަމައެކަނި މީހާއެވެ. ހިތްދަތިވެ ކެތްނުކުރެވޭވަރުވުމުން ކަންކަން ހިއްޞާކުރަމުން އައީ ހަމައެކަނި އޭނާ އާއިއެވެ. ކުޑައިރުކޮޅެއްގެ ތެރޭގައި އަޅުގަނޑު ބަލާއައުމުން އޭނާ އާއިއެކު އަޅުގަނޑު ނުކުމެގެންދިއައީއެވެ. އެހިސާބުން ފެށިގެން ދިރިއުޅެމުން އައީ އެދެމފިރިންނާއިއެކުގައެވެ. އެމީހުންނަށް އެހީތެރިވެގެންނެވެ. އަމިއްލަ ގެއިން ނުކުންނަން ޖެހުމުން ލިބުނު ހިތްދަތިކަން ފިޔަވައި އެހެން ހުރިހާ ގޮތަކުން ވެސް ލިބުނު އުފާވެރިކަން މާބޮޑެވެ. އެދެމަފިރިންވެސް އަޅުގަނޑަށް ވަރަށް ހެޔޮކަމުންނެވެ.
ގެއިން ނުކުތުމަށްފަހުގައި ގެއަކަށް ނުދަމެވެ. ދޮށީ ދަރިފުޅު ވިހައިފިކަން އެނގުމުން ދަރިފުޅު ދެކެލަން ދިއަ ދުވަހުވެސް އުޅުނީ މާމަދަރިފުޅުދެކެވާ ލޯބިން ގޭގައި އުޅެންފަށާފާނެ ކަމަށް ބިރުންނެވެ. އެހެންވެ ފަހަކުން ނުދަމެވެ. ޝުކުރުކޮށްލައިގެން އިނީއެވެ. ދަރިންނަށް ހިތްބަރެއް ނުކުރަމެވެ. އެކުދިންގެ ހިތުގައި އަޅުގަނޑަށް ލޯބި ލެއްވެވުން އެދި ދުޢާކުރުންމަތީގައި ކެތްތެރިވެގެން އިނީއެވެ.
އެއިގެ ދެމަހެއްހައިދުވަސް ފަހުން ދޮށީ ދަރިފުޅު ގުޅާފައި ބުނީ ކޮއްކޮ ވިހަން ވައްދައިގެން އުޅޭވާހަކަ އާއި ޙާލު ވަރަށްސީރިއަސް ކަމަށެވެ. ވަގުތުން ހޮސްޕިޓަލަށް ދިއައީމެވެ. ކޮންމެ ކަމެއްވެސް ނިމޭނީ މިންވަރުފުޅުގައިވާ ގޮތަކަށެވެ. ކުއްޖާ ވިހާފައި ދަރިފުޅު ދުނިޔެއަށް އަލްވިދާޢުކީއެވެ. ނިޔާވީއެވެ. ލިބުނު ހިތާމައެއްގެ ބޮޑުކަމާއެވެ. އެކަން ބަޔާންވެސް ނުކުރެވޭނެއެވެ. ބާރަށް ރޮވެން ފެށުނެވެ.
ވީގޮތެއް ނޭނގެއެވެ. ޖަނާޒާގެ ކަންކަން ނިމިގެން އެންމެން ނުކުންނަން ފެށުމުން އަޅުގަނޑުވެސް ނުކުތީމެވެ. ދިރިއުޅޭގެއަށްދާށެވެ. އެއިރުވެސް އަޅުގަނޑަށް ރުއިން ހުއްޓައެއް ނުލެވެއެވެ. މަގުމައްޗަށް ނުކުމެ އެކުވެރިޔާ އާއިއެކު ކާރަށް އަރަން އުޅެނިކޮށް ދޮށީ ދަރިފުޅު އައިސް ބައްދައިގަތެވެ. އަދި އޭނާ އާއިއެކު ހޮސްޕިޓަލަށް ގޮސްދޭން އެދުނެވެ.
ހޮސްޕިޓަލުގެ ކޮޓަރިއަށް ވަދެފައި ދަރިފުޅު ރޯންފެށިއެވެ. އަދި އަޅުގަނޑާއިމެދު ކަންކަން ކުރެވުނު ގޮތާއިމެދު މާފަށްވެސް އެދުނެވެ. "އަޅުގަނޑު ބުނީމެވެ. ކުއްލިއަކަށް ތިއަވަރަކަށް ދެރަވި ސަބަބެއް ނުއެނގެއެވެ. މަންމަގެ ހިތް ހަމަ ސާފެވެ. މަންމަ އިނީ މަރުވާން ގާތްވެފައިކަމަށް ކޮއްކޮ ބުނި ހަނދާންވީހެއްޔެވެ؟ ކޮއްކޮގެ މަރާ އެބަހާއި ގުޅުވީހެއްޔެވެ؟ އެހެން ނުވިސްނާށެވެ. ދަރިފުޅުމެން ކުރި ކަންކަމާ ބުނި ބަސްތަކެއް މަންމަގެ ހިތަކު ނުބާއްވަމެވެ. އެދުވަހު ވަރަށް އަސަރުކުރިއެވެ. ނަމަވެސް އެވާހަކަ އެއްވެސް މީހަކު ގާތު ބުނެފައެއްވެސް ނުވާނެއެވެ. އެކުވެރިޔާ ގާތުގައިވެސް ނުބުނަމެވެ. އެއްވެސް މީހެއްގެ ހިތުގައި ދެ ދަރިންނަށް ބުރަކަމެއް އޮންނާކަށް މަންމަ ބޭނުމެއް ނުވެއެވެ. މަންމަ އަބަދުވެސް މިގެންދަނީ ތިއަ ދަރިންނަށްޓަކާ ހެޔޮދުޢާކުރަމުންނެވެ."
ދަރިފުޅު އަޅުގަނޑު ގާތު އެދުނީ ކޮއްކޮ (އަޅުގަނޑުގެ ދެވަނަ ދަރިފުޅު) ވިހޭ ކުއްޖާ ގެއަށް ގެންދެވޭވަރުވަންދެން ހޮސްޕިޓަލުގައި މަޑުކޮށްދިނުމަށެވެ. އުފަލާއިއެކު އެކަން ޤަބޫލުކޮށް ހޮސްޕިޓަލުގައި އިނީމެވެ. އެދަރިފުޅު ގެއަށް ދޫކޮށްލީ 7 ދުވަސްފަހުންނެވެ. ދޫކޮށްލުމުން ދަރިފުޅު ބޭނުންވީ މާމަދަރިފުޅު ބަލަން ގޭގައި އިނދެ ދިނުމަށެވެ. އެކަންވެސް ހަމަ ރުހިގެން ޤަބޫލުކޮށް އަނބުރައި ގެއަށް ބަދަލުވީމެވެ. އެދަރިފުޅަށް މިހާރު މިއޮތީ 9 އަހަރަށެވެ. މިގެންދަނީ އަމިއްލަ ދަރިއެއް ބެލިފަދައިން ބަލަމުންނެވެ.
ނިންމާލަމުންވެސް ބުނަން އޮތީ ހަމަ އެއްވާހަކައެކެވެ. މިކިޔައިދިން ވާހަކައިގައި ވަރަށް ގިނަ ކަންކަން ހިމެނިގެންވާއިރު އެންމެ ކަމަކުންނަމަވެސް ޢިބްރަތެއް ޙާޞިލުކުރެވިއްޖެނަމަ އެކިޔުންތެރިއަކަށް ފައިދާކުރާނެއެވެ. އިން ޝާ ﷲ
 
 
 
--ޒުލޭޚާ / މިއަދުނޫހުގެ ކިޔުންތެރިއެއް
 
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ