ގެދޮރުވެރިޔާ ސްކީމުން، 76 ޕޮއިންޓް ލިބުނު މީހުންގެ ތެރެއިން ފްލެޓް ނުލިބުނު 330 މީހަކަށް ތިން ކޮޓަރީގެ ފްލެޓް ލިބޭނެ ކަމުގެ ޔަގީންކަން ދީފި އެވެ.
ވީ ކިހިނެއް؟ - 76 ޕޮއިންޓަށް ވުރެ މަތިން ލިބުނު ބަޔަކަށް ފްލެޓް ކަނޑަނާޅަނީސް، އެއަށް ވުރެ ދަށުން 75 ޕޮއިންޓް ލިބުނު ބަޔަކަށް ފްލެޓްދީ، އެގްރީމެންޓުގައި ސޮއިކުރި މައްސަލައެއް މި ފަހުން ވަނީ ފެންމަތިވެފަ އެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވީ 76 ޕޮއިިންޓް ލިބުނު މީހުންނަށް ފްލެޓް ނުދީ ހުއްޓާ، އެއަށް ވުރެ ދަށުން މާކްސް ލިބުނު 315 މީހަކަށް ފްލެޓްދީ، އެގްރީމެންޓުގައި ސޮއިކޮށްފައިވާ ކަމަށާއި އެހެންވެ، އިންސާފަށް އަމަލު ކުރުމަށް، އެ އެންމެންގެ ވެސް ފްލެޓް ނަމްބަރު ކެންސަލްކޮށްފައިވާ ކަމަށެވެ.
ބުނީ ކީކޭ؟ - އޭނާ ވިދާޅުވި ގޮތުގައި:
76 ޕޮއިންޓް ލިބުނު މީހުންނަށް ތިން ކޮޓަރީގެ ފްލެޓް ދޭނެ
ބާކީވާ ފްލެޓްތައް، 75 ޕޮއިންޓް ލިބުނު މީހުންނަށް ދޭނެ؛ އެކަން ކުރާނީ ގުރުއަތު ލައިގެން
ގުރުއަތުން ނުހޮވޭ މީހުންގެ ތެރެއިން، ދެ ކޮޓަރީގެ ފްލެޓް ލިބޭނެ
އެކަމަކު ދެ ކޮޓަރީގެ ބަދަލުގައި ތިން ކޮޓަރީގެ ފްލެޓެއް ބޭނުންވާ ނަމަ އަދި ޖެހޭނީ މަޑުކޮށްލަން؛ އެއީ ގުރުއަތު ނެގޭނީ ކެންސަލްވާ ފްލެޓް ޔަގީންވުމުން ކަމަށް
"އަޅުގަނޑުމެން ޔަގީންކޮށް ދޭން ބޭނުންވަނީ، އަސާސީ ޝަރުތުތައް ހަމަވެފައި އޭރު އެފްޑީސީއާ އެކު ސޮއިކޮށްފައިވާ ހުރިހާ ފަރާތްތަކަށް ވެސް ފުރުސަތު ދެވޭނެކަން. ތިން ކޮޓަރި ނުދެވިއްޖެ ނަމަ ދެ ކޮޓަރީގެ ފްލެޓް ވެސް ލިބޭނެ،" މުއްތަލިބު ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ އަތުގައި ހުރި އެއްޗެއް ދެވޭނީ. އެހެން ތަނަކުން ހޯދާފައެއް ނުދެވޭނެ."
ގެދޮރުވެރިޔާ މަޝްރޫއަށް ބަލާއިރު ދެ ކޮޓަރީގެ ފްލެޓް ލިބެނީ 73 ޕޮއިންޓުން މަތި ލިބޭ މީހުންނަށެވެ.
އޭގެ ތަފްސީލަށް ބަލާއިރު:
ދެ ކޮޓަރިއަށް ޝަރުތުހަމަވާ 1،218 މީހުން އެބަތިބި
އޭރު ގުރުއަތު ނަގައި، ފްލެޓް ނަމްބަރު ކަނޑައެޅީ 1،160 މީހުން. 58 މީހުން ކަނޑަނާޅާ
73 ޕޮއިންޓު ލިބުނު މީހުންގެ ތެރޭގައި 100 ދެމަފިރިން ހިމެނޭ
މިނިސްޓަރު ވިދާޅުވީ ސްކީމްގެ ފައިނަލް ލިސްޓު އިއުލާންކޮށްފައި އޮތުމުން، ފްލެޓް ދިނުމަށް މާކްސް ދީފައި އޮތީ ކިހިނެއްތޯ ނުބައްލަވާ ކަމަށެވެ. އެކަމަކު 15 އަހަރު މާލޭގައި އުޅުނުކަން ޔަގީން ކުރުމާއި އަމިއްލަ ގޯއްޗެއް ނުވަތަ ޕްރޮޕަޓީއެއް ހުރިތޯ ބަލައި އެކަން ސާބިތުކޮށްދެވެން އޮތް ނަމަ އެ މީހުން އުނިކުރެއްވި ކަމަށް ވިދާޅުވި އެވެ.
76 ޕޮއިންޓް ލިބުނު 330 މީހަކަށް ފްލެޓް ދެނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ