ހައުސިން ސްކީމްތަކުގެ ދަށުން ރައްޔިތުންނަށް ދޭ ފްލެޓްތައް ކުއްޔަށް ދޫކުރާ ނަމަ، ގާނޫނުގައި ހިމަނައިގެން ވެސް އެކަމަށް ފިޔަވަޅު އަޅުއްވާނެ ކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު މިއަދު ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފަހި ދިރިއުޅުން ކޯޕަރޭޝަނުން ދޫކުރި 4،000 ފްލެޓް، އެ ތަންތަނުގެ ވެރިންނަށް ލިބުނުތާ މާގިިނަ ދުވަހެއް ނުވެ، ބައެއް ފްލެޓްތައް ކުއްޔަށް ދޫކުރުމަށް މިހާރު ވަނީ އިޝްތިހާރު ޖަހާފަ އެވެ.
މި މައްސަލަ ހިލުމުގެ މާ ކުރިން ފެށިގެން، ހައުސިން ސްކީމްގެ ދަށުން ދޫކުރި ހިޔާ ގިނަ ފްލެޓްތަކުގައި އުޅެނީ ވެސް އެތަންތަނުގެ ވެރިންނެއް ނޫނެވެ. އެ ފްލެޓްތައް ވެސް ހުންނަނީ ބޮޑު އަގުގައި ކުއްޔަށް ދީފަ އެވެ.
ބުނީ ކީކޭ؟ - މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، މިނިސްޓަރު މުއްތަލިބު ވަނީ މިކަމާ ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ. އޭނާ ވިދާޅުވީ، ސަރުކާރުން ފްލެޓް އަޅަނީ ރައްޔިތުންގެ ފައިސާއިން ކަމަށާއި އެތަނުގެ ކުލި ވެސް އޮންނަނީ ވަރަށް ބޮޑަށް ސަބްސިޑައިޒްކޮށްފައި ކަމަށެވެ. އެކަމަކު 'މުޒާހަރާކޮށް، ރޮއެ އާދޭސްކޮށް، ސިޔާސީ ގޮތުން ޕްރެޝަރުކޮށް، ވަރަށް ހާލުގައި އުޅޭ ކަމަށް' ބުނެ ހޯދާ ފްލެޓްތައް ވެސް، އެތަން ލިބޭ މީހުން ދެނީ ކުއްޔަށް ކަމަށް ވިދާޅުވި އެވެ.
"އަޅުގަނޑުމެންނަށް މައުލޫމާތު ލިބޭގޮތުގައި ހިޔާފްލެޓްގައި އެބަ ހިންގާ ލޭބާ ކުއާޓާސްތައް ވެސް. މިއީ ރައްޔިތުންގެ ތެރެއިން ބޯހިޔާވަހިކަމުގެ ދަތިކަން ހުރި ފަރާތްތަކަށް ދޭން ހުރި ތަންތަނޭ. 20-25 ހާސް ރުފިޔާއަށް ކުއްޔަށް ދީގެން އާމްދަނީ ހޯދަން ހުންނަ ތަންތަނެއް ނޫނޭ މިއީކީ،" މިނިސްޓަރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި:
މިއީ އިންސާފުގެ ނަޒަރުން ބަލާނަމަ، ކޮށްގެން ވާނެ ކަމެއް ނޫން
އަދި މިއީ ކުރެވޭނެ ކަމެއް ކަމަކަށް ވެސް ސަރުކާރުން ގަބޫލެއް ނުކުރޭ
"އެހެންވީމާ، އެޗްޑީސީ އާއި އެފްޑީސީ އާއި މިނިސްޓްރީއިން، ކަމާ ބެހޭ އިދާރާތަކުގެ އެހީގައި ބަލާނަން މިކަން ކުރާ މީހުން...ގާނޫނުގެ ތެރެއަށް ލައިގެން ވެސް މި ސަރުކާރުން މިކަންތައް ބަލައި ފިޔަވަޅު އަޅާނަން،" މުއްތަލިބު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ކުއްޔަށް ދޭ މީހުން ހޯދުމަކީ ދަތިކަމެއް ކަމަށާއި އެތަންތަން ކުއްޔަށް ނަގައިގެން އުޅޭ މީހުން ވެސް، ގިނަ ފަހަރަށް މައުލޫމާތު ދޭން ބޭނުން ނުވާ ކަމަށެވެ. އެކަމަކު މިއީ ބަލަން ޖެހޭ ކަމަކަށް ވާތީ، ސަރުކާރުން އެކަމާ އިހުމާލުނުވާނެ ކަމަށް ވިދާޅުވި އެވެ.
މިނިސްޓަރު ވަނީ ހިޔާ ފްލެޓްތައް ލިބުނު މީހުން އެތަންތަނުން ސަރުކާރަށް ކުލި ނުދައްކާތީ ވެސް ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ. ބޯހިޔާވަހިކަން ބޭނުންވާ މީހުންނަށް އިތުރު ހޭދައެއް ކުރެވޭނީ، އެ ތަންތަނުން ސަރުކާރަށް ކުލި ލިބިގެން ކަމަށާއި އެހެންވެ، އެހެން ބައެއްގެ ހައްގަށް ހުރަސް ނޭޅުމަށް އޭނާ އިލްތިމާސް ކުރެއްވި އެވެ.
ފްލެޓްތަކުން ކުލި ނެގުން: 'ގާނޫނަށް ލައިގެން ވެސް ހުއްޓުވާނަން'
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ