ކުރީގެ ޕްރޮޖެކްޓު ކެންސަލް ކުރުމަށް ފަހު، ހަންކެޑެ ބީލަމަށް ލައިފި ކުރީގެ ޕްރޮޖެކްޓު ކެންސަލް ކުރުމަށް ފަހު، ހަންކެޑެ ބީލަމަށް ލައިފި

އައްޑޫ ސިޓީ ހަންކެޑެގައި އިންޓަގްރޭޑަށް ރިސޯޓެއް ތަރައްގީކުރަން ފައިސާ ހަމަޖެހި، ހުރިހާ ކަމެއް ނިމިފައި އޮތް ޕްރޮޖެކްޓު ކުރިއަށް ނުގެންދަން ނިންމުމަށް، އަނެއްކާ ވެސް އެ ރަށް މި މޮޑެލްއަށް ތަރައްގީކުރާނެ ބަޔަކު ހޯދަން ޓޫރިޒަމް މިނިސްޓްރީން މިއަދު ހުޅުވާލައިފި އެވެ.
ހަންކެޑެއަކީ ކުރީ ސަރުކާރުގައި އިންޓަގްރޭޓަޑް ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރަން ނިންމައި، އެ ކޮންސެޕްޓް ތައްޔާރުކޮށް، މޯލްޑިވްސް ފަންޑު މެނޭޖުމަންޓު ކޯޕަރޭޝަން (އެމްއެފްއެމްސީ) އާ ހަވާލުކޮށްގެން ފެށި ޕްރޮޖެކްޓެކެވެ.
އެމްއެފްއެމްސީން މި މަސައްކަތް ހަވާލުކުރީ ޗައިނާ ނެޝަނަލް އިލެކްޓްރިކަލް އިންޖިނިއަރިން ކުންފުންޏާ (ސީއެންއީސީ) އެވެ. މި ޕްރޮޖެކްޓު ހިންގަން ބޭންކް އޮފް ޗައިނާއިން 142.9 މިލިއަން ޑޮލަރު (2.3 ބިލިއަން ރުފިޔާ) ގެ ލޯނެއް ވެސް އޮތީ ހަމަޖެހިފަ އެވެ.
މި ސަރުކާރުން ވަނީ ހަންކެޑެ ރިސޯޓު ތަރައްގީކުރުމުގެ އަމަލީ މަސައްކަތް ފެށުން ފާހަގަކުރަން ކަމަށް ބުނެ، ނިމުނު ކަމަށް ބުނެ މިދިޔަ ފެބްރުއަރީ މަހު ކުލަ ގަދަ ހަފުލާއެއް ވެސް ބާއްވާފަ އެވެ. ނަމަވެސް އެ ރަށުގެ ބައެއް ބިންތައް ސާފުކުރުން ފިޔަވައި މި ތަނުގައި ރިސޯޓެއް ތަރައްގީކުރުމުގެ އިތުރު މަސައްކަތެއް ނުހިނގަ އެވެ.
ހަންކެޑެ ޕްރޮޖެކްޓު މަޑުޖެހުނު މައިގަނޑު ސަބަބަކީ، ރައީސް މުހައްމަދު މުއިއްޒު ސަރުކާރާ ހަވާލުވުމަށް ފަހު ޗައިނާއިން ނަގާފައި ހުރި ލޯނުތައް ރީފައިނޭންސް ކުރުމުގެ މަސައްކަތް ފެށުމުން، އެ މަރުހަލާ ނިމެން ދެން ލޯނު އެއްބަސްވުމުގައި ސޮއިކުރުން ފަސްކުރުމުންނެވެ.
ލޯނު އެއްބަސްވުމުގައި ސޮއިކުރުން މަޑުޖައްސާލީ ރީފައިނޭންސިން ނިމެން ދެނެވެ. ރީފައިނޭންސިން ނިމުމާ އެކީ ބޭންކް އޮފް ޗައިނާއިން އޮތީ ލޯނު ދޭން ތައްޔާރަށެވެ. ނަމަވެސް ވަކި ސަބަބެއް ނުބުނެ ސަރުކާރުން ވަނީ އެ ޕްރޮޖެކްޓު ކެންސަލްކޮށް، ހަންކެޑެ ހަލާލު ޓޫރިޒަމަށް ހާއްސަކޮށްފަ އެވެ.
މި ނިންމުމަށް މާ ގިނަ ދުވަސްތަކެއް ނުވަނީސް، އެ ވިސްނުން ބަދަލުކޮށް، އައްޑޫގައި ރިސޯޓު ހަދަން ހިއްކި ތިން ރަށުގެ ތެރެއިން ދޮންހެރައަށް މި ޕްރޮޖެކްޓު ބަދަލުކުރި އެވެ. ފަހުން މުއިއްޒު ވަނީ މި ރަށަކީ ރިއަލް އެސްޓޭޓް ޑިވެލޮޕްމަންޓް ޕްރޮޖެކްޓެއް ހިންގާ ރަށެއްގެ ގޮތުގައި ކަނޑައަޅައިފި އެވެ.
މި ކަމަށް ޓަކައި ނެރުނު ގަރާރުގައި މުއިއްޒު ވަނީ މި ތަން އެމްއެފްއެމްސީއަށް ދީފައި އޮތުން ވެސް ނިމުމަކަށް ގެނެސްފަ އެވެ. އޭރު މި ތަނުގައި ސީއެންއީސީން ތަރައްގީކުރާ ހޮޓާތައް ހިންގަން، ކުންފުނިތަކާ އެކީ ހުރީ އެއްބަސްވުންތައް ހަދާފަ އެވެ. މި އެއްބަސްވުންތަކަށް ހެދި ގޮތާއި، މި ޕްރޮޖެކްޓު ކުރިއަށް ނުގެންދަން ނިންމި ސަބަބެއް މިއަދާ ހަމައަށް ވެސް ސަރުކާރުން ނުބުނެ އެވެ.
ހަންކެޑެގައި އިންޓަގްރޭޓަޑް ރިސޯޓެއް ތަރައްގީކުރަން އަލުން ހުޅުވާލަން ނިންމިކަން ހާމަކުރިއިރު، ޓޫރިޒަމް މިނިސްޓަރު ތޯރިގު އިބްރާހިމް ވެސް މިކަމާ ގުޅޭ ގޮތުން އެއްވެސް ބަހެއް ވިދާޅެއް ނުވެ އެވެ. އޭނާ ވިދާޅުވީ އަމާޒަކީ މި އަހަރުގެ ތެރޭގައި މަސައްކަތް ފަށައި، މި ސަރުކާރުގެ ދައުރުގެ ތެރޭގައި އެ ތަން އޮޕަރޭޝަނަށް ގެނައުން ކަމަށެވެ.
ހަންކެޑެއަކީ ގޮތް ނިންމުމުގައި މި ސަރުކާރުން ގެންގުޅޭ ދޯހަޅިކަމުގެ ރަނގަޅު މިސާލެކެވެ. މި އަހަރު ފެށީ އެ ޕްރޮޖެކްޓު ކުރިއަށް ގެންދާ ގޮތަށެވެ. އަހަރުގެ މެދު ތެރެއިން ބަދަލުވީ ހަލާލު ޓޫރިޒަމަށް ހާއްސަ ތަނެކެށެވެ. އެ ވިސްނުން ބަދަލުވާން މާ ގިނަ ދުވަހެއް ނުނަގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ