ނަލަންދޫއާއި ހަންކެޑެގައި ރިސޯޓެއް ހިންގާނެ ބަޔަކު ހޯދަނީ

ށ. ނަލަންދޫއާއި އައްޑޫ ސިޓީ ހަންކެޑެގައި ފަތުރުވެރިކަމަށް ރިސޯޓެއް ތަރައްގީކުރާނެ ބަޔަކު ހޯދުމަށް ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވުޒާރާއިން މިއަދު އިއުލާނުކޮށްފިއެވެ. އެ ވުޒާރާއިން ނެރުނު އިއުލާނެއްގައި ވަނީ ހަންކެޑެގައި ތަރައްގީ ކުރުމަށް ހަމަޖެހިފައިވަނީ އިންޓަގްރޭޓަޑް ޓޫރިސްޓް ރިސޯޓެއް ކަމަށާއި، އެއީ މަދުވެގެން 1000 އެނދުގެ ރިސޯޓަކަށް ވާން ޖެހޭނެ ކަމަށެވެ. އެކަމާ ގުޅޭ އިތުރު މައުލޫމާތު މެއިލް މެދުވެރިކޮށް ލިބޭނެ ކަމަށް އެ ވުޒާރާއިން ބުނެފައިވެއެވެ. ނިމިދިޔަ އެމްޑީޕީ ސަރުކާރުގައި ނިންމައިފައި އޮތީ ހަންކެޑެގައި އިންޓަގްރޭޓެޑް ޓޫރިސްޓު ރިސޯޓެއް ތަރައްގީކުރުމަށެވެ. އެހެންނަމަވެސް މި ސަރުކާރުން ފުރަތަމަ ނިންމީ ހަންކެޑެ، ހަލާލް ޓޫރިޒަމް ތަރައްގީ ކުރުމަށް ދިނުމަށެވެ. އެ ނިންމުމަށް އައްޑޫގެ ވެސް ގިނަ ބަޔެއްގެ ފާޑުކިޔުން އަމާޒުވެފައިވަނިކޮށް، މިމަހު ދެވަނަ ދުވަހު، ޓޫރިޒަމް މިނިސްޓަރު ތޯރިގް އިބްރާހީމް ވަނީ މިހާރު ހަންކެޑެ ހަލާލް ޓޫރިޒަމް ހިންގާ ރަށްތަކުގެ ލިސްޓުން ނަގައިފައިވާ ކަމަށް ވިދާޅުވެފައެވެ. https://sun.mv/212138 ތޯރިގް ވަނީ، ސަރުކާރުގެ އަމާޒަކީ ހަންކެޑެ ތަރައްގީކުރުމުގެ އަމަލީ މަސައްކަތް މި އަހަރު ތެރޭގައި ފަށައި މި ދައުރުގައި އޮޕަރޭޝަނަށް ގެނައުން ކަމަށް ވިދާޅުވެފައެވެ. ހަންކެޑެގެ އިތުރުން، ނަލަންދޫގައި ރިސޯޓެއް ހިންގާނެ ބަޔަކު ހޯދަން ވެސް ވުޒާރާއިން ވަނީ އިއުލާންކޮށްފައެވެ. އެކަމަށް ޝައުގުވެރިވާ ފަރާތްތަކުން އަންނަ މަހު 12ގެ 10:00އަށް ވުޒާރާއަށް ހާޒިރުވެގެން ބީލަމަށް ހުށަހެޅޭނެއެވެ. އެ ކަމާ ގުޅޭ މައުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ބައިވެރިވުމަށް މިމަހު 22ގެ 12:00ގެ ކުރިން މެއިލްއަށް ނަމާއި އީމެއިލް އެޑްރެހާއި ގުޅޭ ނަމްބަރު ފޮނުވުމަށް ވުޒާރާއިން ވަނީ އެދިފައެވެ. މި ބީލަމާ ގުޅޭ ފޮތް ގަތުމަށް ހުށަހަޅަން ޖެހޭ އެޕްލިކޭޝަން ފޯމު ވުޒާރާގެ ވެބްސައިޓު މެދުވެރިކޮށް ލިބޭނެކަން ވުޒާރާއިން ފާހަގަކުރިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ