އިންސާނުންގެ ގުނަވަން ޓްރާންސްޕްލާންޓު ކުރުމުގެ ބިލެއް ސަރުކާރުން މަޖިލީހަށް ހުށަހަޅައިފި އިންސާނުންގެ ގުނަވަން ޓްރާންސްޕްލާންޓު ކުރުމުގެ ބިލެއް ސަރުކާރުން މަޖިލީހަށް ހުށަހަޅައިފި

އިންސާނުންގެ ގުނަވަން ޓްރާންސްޕްލާންޓު ހެދުމާބެހޭ ބިލެއް ސަރުކާރުން މަޖިލީހަށް ހުށަހަޅައިފި އެވެ.
ބަންޑާރަނައިބުގެ އޮފީހުން ބުނީ އެ ބިލު މަޖިލީހަށް ހުށަހެޅީ އިންސާނުންގެ ގުނަވަނާއި ގުނަވަނުގެ ބައިތައް ޓްރާންސްޕްލާންޓު ކުރުމުގެ ހަރުދަނާ ނިޒާމެއް ގާއިމު ކުރުމަށް ކަމަށެވެ.
އެކަމަށް ބޭނުންވާ ގާނޫނީ އޮނިގަނޑު އެކުލަވާލައި ރާއްޖޭގައި ފޯރުކޮށްދޭ ގުނަވަން ޓްރާންސްޕްލާންޓު ހެދުމުގެ ހިދުމަތަކީ އެންމެންނަށް ވާސިލުވެވޭނެ ފެންވަރު ރަނގަޅު ހިދުމަތަކަށް ހެދުމަށްޓަކައި ހަދަންޖެހޭ އެންމެހައި އުސޫލުތައް ވެސް އެ ބިލުގައި ހިމެނިފައިވާނެ ކަމަށް ބަންޑާރަނައިބުގެ އޮފީހުން ބުންޏެވެ.
އެ ބިލުގައި ބަޔާން ކޮށްފައިވާ އުސޫލުގެ ދަށުން ހަމައެކަނި ހުއްދަ ލިބެނީ ލައިވް ޑޯނާ ޓްރާންސްޕްލާންޓް ހެދުމަށެވެ. އެގޮތުން ހަދިޔާ ކުރެވޭނެ ގުނަވަންތަކާއި ނުކުރެވޭނެ ގުންވަންތައް އެ ބިލުގައި ހިމަނާފައިވެ އެވެ. ގުނަވަން ހަދިޔާ ކުރާ ފަރާތްތަކުގެ ހުންނަންޖެހޭ ޝަރުތުތައް ވެސް އެ ބިލުގައި ހިމަނާފައި ވެ އެވެ.
ބިލުގައި ބަޔާން ކޮށްފައި ވާގޮތުން ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ މީހުންނާއި ހުކުމެއްގައި ތިބޭ މީހުންނަށް ގުނަވަން ހަދިޔާއެއް ނުކުރެވޭނެ އެވެ.
އެ ބިލު ގާނޫނަކަށް ވުމާއެކު ގުނަވަން ޓްރާސްޕްލާންޓު ކައުންސިލްގެ ނަމުގައި ނުވަ މެންބަރުންގެ މައްޗަށް އެކުލެވޭ ކައުންސިލެއް އުފައްދާނެ އެވެ. ބިލުގައި ހުރި ކަންކަން ތަންފީޒު ކުރުމާއި ހިދުމަތް ދިނުމުގެ ހުއްދު ދޫކުރުމުގެ އިތުރުން ގާނޫނާ ހިލާފުވާ ފަރާތްތަކާމެދު ފިޔަވަޅު އަޅާނީ އެ ކައުންސިލުންނެވެ. އަދި ހިދުމަތްދޭ މަރުކަޒުތަކުގައި ހުންނަޖެހޭ ޝަރުތުތައް ހަމަވޭތޯ ވެސް ބަލާނީ އެ ކައުންސިލުން ކަމަށް އެ ބިލުގައި ބަޔާން ކޮށްފައިވެ އެވެ.
އޭގެ އިތުރުން އެ ބިލު ގާނޫނަކަށްވުމާއެކު ގުނަވަން ޓްރާންސްޕްލާންޓް އޮތޮރައިޒޭޝަން ކޮމިޓީއެއް ވެސް އުފައްދާނެ އެވެ. ފަސް މެންބަރުންގެ މައްޗަށް އެކުލެވޭ އެ ކޮމިޓީއަކީ ޓްރާންސްޕްލާންޓު ކުރުމަށް ހުއްދަ ދޭ ކޮމިޓީ އެވެ.
ގުނަވަން ޓްރާންސްޕްލާންޓެއް ހެދުމުގެ ހުއްދައަށް އެ ކޮމިޓީގައި އެދުމުގެ ކުރިން ކޮންމެ ހޮސްޕިޓަލެއްގައި ވެސް ގާއިމުކޮށްފައިވާ ކްލިނިކަލް ކޮމިޓީ އާއި އެތިކްސް ކޮމިޓީން ބަލަންޖެހޭ ކަންކަން ފުރިހަމަ ކުރަންޖެހޭނެ ކަމަށް ވެސް އެ ބިލުގައި ހިމަނާފައިވެ އެވެ.
މީހެއްގެ ރުހުން ނެތި ޓްރާންސްޕްލާންޓު ހެދުމަށް އެމީހެއްގެ ގުނަވަން ނެގުން ނުވަތަ ނަގާ ގުނަވަނެއް ޓްރާންސްޕްލާންޓު ކުރުމާއި ޓްރާންސްޕްލާންޓު ކުރުމަށްޓަކައި މީހެއްގެ ގުނަވަނެއް ގަތުން ނުވަތަ ވިއްކުމަކީ ކުށެއް ކަމަށް އެ ބިލުގައި ހިމަނާފައިވެ އެވެ.
އެ ބިލަށް އަމަލު ކުރަން ފަށާނީ ބިލު މަޖިލީހުން ފާސްކޮށް ރައީސުލްޖުމްހޫރިއްޔާ ބިލު ތަސްދީގު ކުރައްވާތާ 180 ދުވަސް ފަހުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ