ފަނޑިޔާރުންނަށް ފާރަލުމުގެ ތުހުމަތަށް ފާއިޒް ވަކިކުރުން: ޓްރައިބިއުނަލްގެ ނިންމުމުގެ އިސްތިއުނާފު، ހުކުމާ ހަމައަށް
ސުޕްރީމް ކޯޓުގެ ސެކެޓްރީ ޖެނެރަލްކަމުން ޑރ. ހުސައިން ފާއިޒް ވަކިކުރީ ގާނޫނާ ޚިލާފަށް ކަމަށް ނިންމައި، މުސާރަ އާއި އިނާޔަތްތައް އޭނާއަށް ދޭން ވަޒީފާއާބެހޭ ޓްރައިބިއުނަލުން ނިންމި ނިންމުމުގެ އިސްތިއުނާފުގެ އަޑުއެހުންތައް ހައިކޯޓުން ނިންމާލައިފިއެވެ. ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ)އިން ނޮވެންބަރު 2، 2022ގައި، ސުޕްރީމް ކޯޓުގެ ސެކެޓްރީ ޖެނެރަލްގެ މަގާމުން ފާއިޒް ވަކިކުރީ އެ ކޯޓުގެ ފަނޑިޔާރުންނާއި މުވައްޒަފުންނަށް ފާރަލެވޭ ގޮތަށް އެ ކޯޓުގައި ސީސީޓީވީ ކެމެރާ ހަރުކުރި ކަމަށް ބުނެއެވެ. ނަމަވެސް އެ ތުހުމަތުތައް ފާއިޒް ދޮގުކުރައްވައެވެ. އެ މައްސަލަ ހައިކޯޓުގައި ހިނގަމުންދަނިކޮށް، ފާއިޒްވަނީ ސިވިލް ސާވިސް ކޮމިޝަނަށް އައްޔަންކޮށްފައެވެ. https://sun.mv/169930 މި މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރީ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ ފަރާތުންނެވެ. ޖޭއެސްސީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ މާފުށީ ދާއިރާގެ މެންބަރު ހުސައިން ރިޒާ އާދަމަކީ، ސިވިލް ސާވިސް ކޮމިޝަނަށް ފާއިޒް އައްޔަންކުރަން ނިންމި މަޖިލީހުގެ، މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ މުގައްރިރެވެ. ފާއިޒް ސުޕްރީމް ކޯޓުން ވަކިކުރި މައްސަލަ ޓްރައިބިއުނަލަށް ހުށަހެޅުމުން، އޭނާ ވަކިކުރީ ވަޒީފާއާބެހޭ ގާނޫނާ ޚިލާފަށް ކަމަށް ނިންމައި، އޭނާ ވަކިކުރި ދުވަހުން ފެށިގެން ވަޒީފާގެ އެއްބަސްވުމުގެ ބާކީ އޮތް މުއްދަތާ ހަމައަށް ލިބެންޖެހޭ މުސާރަ އާއި އިނާޔަތްތައް ދިނުމަށް ވަނީ އަންގައިފައެވެ. އެ، އެ މައްސަލަ ޖޭއެސްސީން އިސްތިއުނާފު ކުރުމުން ހައިކޯޓުގައި އޮތް އަޑު އެހުންތައް ނިމުނީ މިއަދެވެ. ދެން އޮންނާނީ ހުކުމެވެ. ފާއިޒް މަގާމުން ވަކިކުރީ ސަސްޕެންޝަންގައި ބެހެއްޓުމަށްފަހެވެ. އޭގެ ފަހުން، އޭނާ ސިވިލް ސާވިސް ކޮމިޝަނަށް އައްޔަން ކުރީ މިދިޔަ ސެޕްޓެމްބަރު މަހުގެ ހަތްވަނަ ދުވަހު، ރައީސް ޑރ. މުހައްމަދު މުއިއްޒެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ