ނާލާފުށީ ބިންހިއްކާއިރު މިހާރުގެ ރަށުގެ ސައިޒަށްވުރެ އިތުރަށް، ފަނަރަ ހެކްޓަރުގެ ބިން ހިއްކައިދޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ.
މ. ނާލާފުއްޓަށް މިއަދު ހަވީރު ވަޑައިގެން، ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި، ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ނާލާފުށީގައި ބަނދަރުބޮޑުކުރުމާއި ބިންހިއްކުމާއި ކޯޒްވޭގެ މަސައްކަތް ކުރިއަށް ގެންދާނީ އެއްކުން ފުންޏަކުން ކަމަށެވެ. އަދި ވިދާޅުވީ ބަނދަރު ބޮޑުކުރުމާއި ބިންހިއްކުމުގެ މަސައްކަތް އަމަލީގޮތުން މިއަހަރުގެ ޑިސެންބަރުމަހުގެ ތެރޭގައި ފެށޭނެ ކަމަށެވެ.
މި ޖަލްސާގައި، އެރަށުގެ ބިން ހިއްކުމާއި ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ އެއްބަސްވުމުގައި، މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ އާއި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގް ކޮމްޕެނީ (އެމްޓީސީސީ) އާއި ދެމެދު ވަނީ ސޮއިކޮށްފަ އެވެ.
ރަށުގެ ތަރައްގީއަށް ކުރަމުންދާ އެހެން ކަންކަމަށް އިޝާރާތް ކުރައްވައި ރައީސް ވިދާޅުވީ، ދިރާސީ އާ އަހަރަށް ރަށުގެ ސްކޫލްގެ މަސައްކަތް ވެސް ފުރިހަމަކޮށް ދެއްވާނެ ކަމަށެވެ. މީގެ އިތުރުން ސިއްހީ މަރުކަޒުގެ ހިދުމަތް އިތުރުކުރުމާއި ފުޓްސަލް ދަނޑެއްހެދުމުގެ އަމަލީ މަސައްކަތް މިއަހަރު ފަށާނެ ކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވިއެވެ. އެމަނިކުފާނު ވަނީ ނާލާފުށީގެ ރައްޔިތުންގެ ތަރަގީއަށްޓަކައި ކުރިއަށްގެންދާ މަޝްރޫއުތައް ރައްޔިތުން އުއްމީދު ކުރާވަރަށް، ފުރިހަމަކަމާއި އެކީ ހާސިލްކޮށްދެއްވާނެ ކަމުގެ ޔަގީންކަން ދެއްވާފަ އެވެ.
ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގެ ތެރެއިން، ނާލާފުށީގެ ތަރައްގީއާ ގުޅުންހުރި ގިނަ މަޝްރޫއުތަކެއް ވަނީ ރަސްމީކޮށް އިފްތިތާހް ކުރައްވާފަ އެވެ. އެގޮތުން ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ބިންގާ އެޅުމުގެ މަޝްރޫއާއި، ޕޮލިސް ޕޯސްޓުގެ ބިންގާ އެޅުމުގެ މަޝްރޫއުގެ އިތުރުން، އައު ކައުންސިލް އިދާރާގެ އިމާރާތުގެ ބިންގާ ވެސް މިއަދު ވަނީ އަޅުއްވާފަ އެވެ.
ނާލާފުއްޓަށް ރައީސްގެ ވައުދު: ރަށުގެ ސައިޒަށް ވުރެ އިތުރަށް 15 ހެކްޓަރު ހިއްކައިދޭނަން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ