މުސާރަ ބޮޑުކުރީމަ އިންފްލޭޝަން ބޮޑުވެ, ގެއްލުން ވާނެ, އެކަން ކުރެވޭނީ ވަގުތު ނަގައިގެން: ސިޔާމް
ދައުލަތުގެ އެކި ފަންތީގެ ވަޒީފާތަކުގައި ތިބި އެތައް ހާސް މުވައްޒަފުންނެއްގެ މުސާރަ މި މަހުން ފެށިގެން ބޮޑު ކުރަން ރައީސް ޑރ. މުޙައްމަދު މުއިއްޒު ނިންމަވާފައިވާއިރު, އޭގެ ސަބަބުން އިންފްލޭޝަން ބޮޑުވެ, ގެއްލުންތަކަކާ ކުރިމަތި ވާނެ ކަމަށް, އެމްޑީއޭގެ ރައީސް އަދި މީދޫ ދާއިރާގެ މެންބަރު އަޙްމަދު ސިޔާމް މުޙައްމަދު މިއަދު ވިދާޅުވެއްޖެއެވެ. އަންނަ އަހަރަށް ލަފާ ކުރާ ދައުލަތުގެ ބަޖެޓުގެ ބަހުސްގައި ވާހަކަދައްކަވަމުން ސިޔާމް ވިދާޅުވީ, ކުރިއަށް އޮތްތަނުގައި މުސާރަތައް ބޮޑުކޮށްފި ކަމަށްވާނަމަ, ތަކެއްޗާއި ޚިދުމަތުގެ އަގުތައް, ނުވަތަ އިންފްލޭޝަނަށް ބޮޑެތި މައްސަލަތައް ކުރިމަތި ވާނެ ކަމަށެވެ. "މީގެ ޚަރަދު ވަރަށް ބޮޑު ވެގެންދާނެ. މީގެ ގެއްލުން ވެސް ވަރަށް ބޮޑު ވެގެން ދާނެ. އަޅުގަނޑު ދެކޭގޮތުގައި މުސާރަތައް ބޮޑު ކުރެވިދާނެ. އެކަމަކު އެ ބޮޑު ކުރެވޭނީ ވަގުތުތަކެއް ދީގެން،" ސިޔާމް ވިދާޅުވިއެވެ. https://www.sun.mv/213955 މި ފަހުން މަޖިލީހުގެ ބަޖެޓު ކޮމެޓީއަށް މައުލޫމާތު ދެއްވަމުން, އެމްއެމްއޭގެ ގަވަރުނަރު އަހުމަދު މުނައްވަރު ވިދާޅުވީ މުވައްޒަފުންގެ މުސާރަތައް އެއްފަހަރާ ބޮޑުކުރުމުން ޕްރެޝަރެއް އަތުވެދާނެކަމަށާއި, އެ އޮތޯރިޓީން ސަރުކާރަށް ލަފާ ދިނީ ބަހާލައިގެން މުސާރަތައް ބޮޑުކުރަން ކަމަށެވެ. ނަމަވެސް ސަރުކާރުން ވަނީ އެއް ފަހަރާ އެތައް ހާސް ރުފިޔާއެއް އެކެއްގެ މުސާރައަށް އިތުރުވާގޮތަށް އެތައް ބައެއްގެ މުސާރަ ބޮޑު ކޮށްދީފައެވެ. ބަހުސްގައި އިތުރަށް ވާހަކަ ދައްކަވަމުން ސިޔާމް ވިދާޅުވީ މިއަދު މިތިބީ ވަރަށް ދަތި ހާލުގައި ކަމަށެވެ. މީގެ ދެ އަހަރު ކުރިން ކޮމާޝަލް ނުވަތަ ވިޔަފާރި ބޭންކްތަކުން ލޯން ނަގަމުން ގެންދިޔައީ ހަތް ޕަސެންޓާއި އަށް ޕަސެންޓާ ދޭތެރޭ އިންޓްރެސްޓް ރޭޓެއްގައި ނަމަވެސް މިހާރު އެ ލޯނު ދެމުން ދަނީ 10 ޕަސެންޓާއި 11 ޕަސެންޓާއި 12 ޕަސެންޓާ ދޭތެރޭގައި ކަމަށް ސިޔާމް ވިދާޅުވިއެވެ. "އޭގެ މާނައަކީ އިގްތިސާދަށް ވަންނަ ފައިސާގެ އަގު ވަރަށް ބޮޑުވެއްޖެއޭ. ފައިސާގެ އަގު ބޮޑުވާން ޖެހޭ އެންމެ ބޮޑު ސަބަބަކީ އަޅުގަނޑުމެންގެ ރިސްކު ބޮޑުވުން. ރާއްޖޭގެ ދަރަނި އިންތިހާއަށް ބޮޑުވުން،" ސިޔާމް ވިދާޅުވިއެވެ. https://www.sun.mv/214082 އެ މަނިކުފާން ވިދާޅުވީ އަންނަ އަހަރު ދައުލަތުން ދަރަނީގެ ގޮތުގައި އެއް ބިލިއަން ޑޮލަރު ދައްކަން ޖެހޭއިރު, އެ ދެއްކެން އޮތީ ބޮންޑު ވިއްކައިގެން ކަމަށެވެ. އެއީ ވެސް ދަރަންޏަށް ފައިސާ ނެގުމެވެ. އެހެންކަމުން ރާއްޖޭގެ ޚަރަދުތައް މިހާރަށް ވުރެން ބޮޑަށް ކުޑަ ކުރަން ޖެހޭ ކަމަށް ސިޔާމް ވިދާޅުވިއެވެ. އެގޮތުން މިހާރު މި ކުރާ ޚަރަދު 40 ޕަސެންޓް ކުޑަ ކުރަން ޖެހޭ ކަމަށް ވިދާޅުވިއެވެ. ސިޔާމް ވިދާޅުވީ މި ކުރާ ޚަރަދުތަކަކީ ކޮން ކަމަކަށް ކުރާ ހަރަދުތަކެއް ތޯ ވިސްނާލަން ޖެހޭ ކަމަށެވެ. މިސާލެއް ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ އެތައް މިލިއަން ރުފިޔާއެއް ޚަރަދުކޮށްގެން ހަދާފައިވާ ގިނަ އެއާޕޯޓްތަކަކީ ބަރަވެލި ފިޔަވާ އިތުރު އެއްޗެއް އަރާނެ އެއާޕޯޓްތަކެއް ނޫން ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ