ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޝެއިހު ހަސީނާގެ މައްޗަށް މަރުގެ ހުކުމް އިއްވިތާ މަދު ގަޑިއިރުކޮޅެއްގެ ތެރޭގައި، ބަންގްލަދޭޝްގެ މަސަލަސްކަމާއި ޑިމޮކްރަސީ އާއި ހަމަޖެހުމަށް ރިއާޔަތްކޮށް ހުރިހާ ސްޓޭކްހޯލްޑަރުންނާ އެކު ބިނާކުރަނިވި މަޝްވަރާތަކެއް ކުރާނެ ކަމަށް އިންޑިއާ އިން ބުނެފި އެވެ.
އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީން ބުނީ ބަންގްލަދޭޝްގެ ރައްޔިތުންގެ މަސްލަހަތު އިސްކޮށް މަސައްކަތް ކުރުމަށް އިންޑިއާ ތައްޔާރަށް އޮތް ކަމަށެވެ.
ހަސީނާގެ މައްޗަށް ކުށް ސާބިތުވެ، އިންޓަނޭޝަނަލް ކްރައިމްސް ޓްރައިބިއުނަލް (އައިސީޓީ) އިން ވަނީ އޭނާޣެ މައްޗަށް މަރުގެ ހުކުމް އިއްޔެ އިއްވައިފަ އެވެ. އެ މައްސަލާގައި ހަސީނާގެ އަރިސް އަދި ކުރީގެ ހޯމް މިނިސްޓަރު އަސަދުޒުއްމާން ހާން ކަމާލްގެ މައްޗަށް ވެސް ވަނީ މަރުގެ ހުކުމް އިއްވައިފަ އެވެ.
މިދިޔަ އަހަރުގެ 5 އޯގަސްޓުގައި ވެރިކަމުން ދުރުކުރުމުން، އަވާމީ ލީގްގެ ލީޑަރު ހަސީނާ ދިރިއުޅުއްވަމުން ގެންދަވަނީ އިންޑިއާގަ އެވެ.
"ކުރީގެ ބޮޑުވަޒީރު ޝެއިހް ހަސީނާއާ ބެހޭ ގޮތުން، ބަންގްލަދޭޝްގެ އިންޓަނޭޝަނަލް ކްރައިމްސް ޓްރައިބިއުނަލުން ނިންމި ނިންމުން އިންޑިއާގެ ސަމާލުކަމަށް ވަނީ އައިސްފައި،" އިންޑިއާގެ ހާރިޖިއްޔާ އިން ނެރުނު ބަޔާނެއްގައި ބުންޏެވެ.
އަވަށްޓެރިއެއްގެ ހައިސިއްޔަތުން، އިންޑިއާ ދެމިއޮންނާނީ ބަންގްލަދޭޝްގެ ރައްޔިތުންގެ މަސްލަހަތު އިސްކޮށްދޭނެ ބައެއްގެ ގޮތުގައި ކަމަށް އިންޑިއާ ބުނެ އެވެ. އެ ގައުމުގައި ސުލްހަވެރިކަމާއި ޑިމޮކްރަސީ އާއި ޝާމިލުވުމާއި ހަމަޖެހުން ގާއިމުކުރުމުގެ މައްޗަށް ކަމަށް ވެސް އެ ގައުމުން ބުނެ އެވެ.
"އަޅުގަނޑުމެން އަބަދު ވެސް ހުރިހާ ސްޓޭކްހޯލްޑަރުންނާ އެކު ބިނާކުރަނިވި ގޮތަކަށް މަސައްކަތް ކުރާނަން،" އިންޑިއާގެ ފޮރިން މިނިސްޓްރީން ބުންޏެވެ.
ނަމަވެސް ހަސީނާ އަނބުރާ ގައުމަށް ފޮނުވާލުމަށް ޑާކާއިން އެދުނު ނަމަވެސް އެކަމަށް އިންޑިއާ އިން ވަކި އެއްޗެއް ނުބެނެ އެވެ.
ހަސީނާއަށް ހުކުމް ކުރުމާ އެކު، ބަނގްލަދޭޝްގެ ފޮރިން މިނިސްޓްރީން ވަނީ ވަގުތުން ވަގުތަށް ކުށްވެރިން ބަދަލު ކުރުމުގެ އެއްބަސްވުމުގެ ދަށުން ހަސީނާ އެ ގައުމާ ހަވާލު ކުރުމަށް ގޮވާލައިފަ އެވެ.
"މިއީ ދެ ގައުމުގެ ދެމެދުގައި ގާއިމުކޮށްފައިވާ ކުށްވެރިން ބަދަލު ކުރުމުގެ އެއްބަސްވުމުގެ ދަށުން ވެސް އިންޑިއާ އަށް އޮތް ވާޖިބެއް،" ބަންގަލަދޭޝްގެ ފޮރިން މިނިސްޓްރީން ބުންޏެވެ.
ހަސީނާ ރައްދުގައި ވިދާޅުވީ އެ ހުކުމް އިއްވާފައި ވަނީ ޑިމޮކްރެޓިކް އަގުލަބިއްޔަތު ނެތް ސަރުކާރެއް އުފައްދައި ރިޔާސަތު ބެލެހެއްޓެވި އޮޅުވާލި ޓްރައިބިއުނަލަކުން ކަމަށެވެ.
ހަސީނާގެ ޕާޓީ އަވާމީ ލީގަށް އަންނަ ފެބްރުއަރީ މަހު ބާއްވާ އިންތިހާބުގައި ބައިވެރިވުން ވަނީ މަނާކޮށްފަ އެވެ.
ބަންގްލަދޭޝްގެ މަސްލަހަތު އިސްކުރުމަށް މަސައްކަތް ކުރާނަން: އިންޑިއާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ