އަލަށް!: ޙަފްޞާ ބިންތި ޢުމަރު ޙަފްޞަތުގެފާނު ވާހަހަކަ 01: އިސްލާމްވެވަޑައިގަތުމާއި ފިރިކަލުން ޝަހީދުވުން

ޢަލީ އިޙްޞާން ފިރާޤް
 
އުއްމުލް މުއުމިނީން ޙަފްޞާ ރަޟިޔަﷲ ޢަންހާއަކީ ދެވަނަ ޚަލީފާ އަމީރުލް މުއުމިނީން ޢުމަރު ބްނުލް ޚައްތާބު ރަޟިޔަﷲ ޢަންހުގެ ދޮށީ ދަރިކަނބަލުންނެވެ. އެކަމަނާގެ މައިކަނބަލުންގެ ނަންފުޅަކީ ޒައިނަބު ބިންތި މަޡްޢޫނެވެ. ޒައިނަބު ބިންތި މަޡްޢޫނަކީ މަޝްހޫރު ޞަޙާބީ ޢުޘްމާން ބިން މަޡްޢޫން ރަޟިޔަالله ޢަންހުގެ އުޚުތެކެވެ. މަޝްހޫރު ޞަޙާބީ އަދި ފަޤީހުލް އުއްމާގެ ނަންފުޅުން މަޝްހޫރުވެވަޑައިގެންފައިވާ ޢަބްދުالله ބިން ޢުމަރު ރަޟިޔަﷲ ޢަންހަކީ ޙަފްޞަތުގެފާނާ އެއްބަނޑު އެއްބައްޕާފުޅު ބޭފުޅެކެވެ. ޙަފްޞަތުގެފާނަށްވުރެ ޢަބްދުالله ބިން ޢުމަރު ރަޟިޔަﷲ ޢަންހު ހަ އަހަރު ހަގުފުޅެވެ. އަދި އެކަމަނާގެ އެއްބަނޑުއެއްބައްޕާފުޅު ބޭފުޅުންގެ ތެރޭގައި ޢަބްދުއްރަޙްމާން އޭ ކިޔުނު އަޚަކުވެސް ހިމެނެއެވެ. 
އުއްމުލް މުއުމިނީން ޙަފްޞާ ރަޟިޔަﷲ ޢަންހާ އެއްބައްޕާފުޅު ބޭފުޅުންގެ ތެރެއިން ފާހަގަކޮށްލެވޭ ބޭފުޅަކީ ޢާޞިމެވެ. ޢާޞިމުގެ ދަރިކަނބަލުން ލައިލާއާ ކާވެނި ބައްލަވައިގަތީ އުމަވީ ޚިލާފަތުގެ އަމީރެއްކަމުގައިވާ ޢަބްދުލް ޢަޒީޒު ބިން މަރުވާނާއެވެ. އުމަވީ ޚިލާފަތުގައި މިޞްރުގެ ގަވަރުނަރުކަމުގައި ހުންނެވީ އޭނާއެވެ. ޢަބްދުލް ޢަޒީޒު އާއި ލައިލާގެ ކާވެނިފުޅުން މަޝްހޫރު ޚަލީފާ ޢުމަރު ބިން ޢަބްދުލްޢަޒީޒު ލިބިވަޑައިގެންނެވިއެވެ. ޢުމަރު ބިން ޢަބްދުލްޢަޒީޒު ގެ ކާފާފުޅު ޢާޞިމް އާއި ޙަފްޞަތުގެފާނަކީ އެއްބައްޕާފުޅު ދެބޭފުޅުންކަމުން ޙަފްޞަތުގެފާނަކީ ޢުމަރު ބިން ޢަބްދުލްޢަޒީޒުގެ ބޮޑުދައިތާފުޅެކެވެ. ނަމަވެސް ޢުމަރު ބިން ޢަބްދުލްޢަޒީޒު އުފަންވެވަޑައިގަތުމުގެ ކުރިން ޙަފްޞަތުގެފާނު އަވަހާރަވެއްޖެއެވެ. އެހެންކަމުން ޙުރުމަތްތެރި ބޮޑުދައިތާފުޅު ދެކެވަޑައިގަތުމުގެ ޝަރަފެއް ލިބިވަޑައިއެއް ނުގަންނަވައެވެ.  
އިމާމު ޒަހަބީ ސިޔަރު ޢައުލާމުއް ނުބަލާއުގައި ބަޔާން ކުރައްވައިފައިވާ ގޮތުގައި  ޙަފްޞާ ރަޟިޔަﷲ ޢަންހާ އުފަންވެވަޑައިގަތީ މާތް ރަސޫލާ صلّى اللّـه عليه وسلّم  ރަސޫލުކަމާގެން ފޮނުއްވުމުގެ ފަސްއަހަރު ކުރިން މައްކާގައެވެ. ޤުރައިޝުން ކަޢުބާ ބިނާކުރަމުން ގެންދިޔަ ދުވަސްވަރުގައެވެ. 
ޙަފްޞަތުގެފާނު އިސްލާމްވެވަޑައިގަތީ އެކަމަނާގެ ބަފައިކަލުން ޢުމަރު ބްނުލް ޚައްޠާބު ރަޟިޔަﷲ ޢަންހު އިސްލާމްވެވަޑައިގެންނެވި ދުވަސްވަރުގައެވެ. އޭރު އެކަމަނާގެ އުމުރުފުޅުން ގާތްގަނޑަކަށް ދިހަ އަހަރުފުޅެވެ. އިސްލާމްދީނުގެ އެންމެ ކުރީކޮޅުގައި އިސްލާމްވެވަޑައިގެންނެވި އެއްބޭކަލަކީ ސަހުމްވަހައިގެ ޒުވާނެއްކަމުގައިވާ ޚުނައިސް ބިން ޚުޒާފާ ރަޟިޔަﷲ ޢަންހުއެވެ. އެކަލޭގެފާނު އިސްލާމްވެވަޑައިގެން ދުވަސްކޮޅަކު މައްކާގައި އުޅުއްވުމަށްފަހު މުސްލިމުން ޙަބަޝާއަށް ކުރެއްވި ދެވަނަ ހިޖްރައިގައި ބައިވެރިވެވަޑައިގެންނެވިއެވެ. އެކަލޭގެފާނު ޙަބަޝާގައި އުޅުއްވުމަށްފަހު އެނބުރި މައްކާއަށް ވަޑައިގެން ޙަފްޞަތުގެފާނާ ކާވެނިފުޅު ބައްލަވައިގެންނެވިއެވެ. ދުވަސްކޮޅަކުން އެދެކަނބަލުން މައްކާގައި ތިއްބެވުމަށްފަހު ޢުމަރުގެފާނާއެކުގައި މަދީނާއަށް ހިޖްރައަށް ވަޑައިގެންފިއެވެ.  
ފިރިކަލުން ޝަހީދުވުން: 
މުސްލިމުން މަދީނާއަށް ގޮސް އެތަނުގައި ރަނގަޅަށް ހަމަޖެހިނުލެވެނީސް މުޝްރިކުން މުސްލިމުންނާ ދެކޮޅަށް ހަނގުރާމަ އިއުލާންކޮށްފިއެވެ. އެގޮތުން ކުރެވުނު އެންމެ ބޮޑު އެއް ހަނގުރާމައަކީ ހިޖްރައިން ދެވަނަ އަހަރު ކުރެވުނު ބަދުރު ހަނގުރާމައެވެ. ބަދުރު ހަނގުރާމައިގައި ޙަފްޞާ ރަޟިޔަﷲ ޢަންހާ ގެ ލޮބުވެތި ފިރިކަލުން ޚުނައިސް ބިން ޚުޒާފާ ރަޟިޔަﷲ ޢަންހު ބައިވެރިވެވަޑައިގެންނެވިއެވެ. އެކަލޭގެފާނު ނުހަނު ޖޯޝާފޯރީގައި ހަނގުރާމަ ކުރައްވަނިކޮށް މުޝްރިކުން ދިން ހަމަލާތަކެއްގައި އެކަލޭގެފާނުގެ ގައިކޮޅުގެ އެތައް ތަނެއް ޒަޚަމްވިއެވެ. 
ބަދުރު ހަނގުރާމައިގައި ކާމިޔާބު ލިބުނީ މުސްލިމުންނަށެވެ. އެ ހަނގުރާމައިގައި ޙަފްޞަތުގެފާނުގެ އާއިލާގެ ބޭފުޅުންގެ ތެރެއިން ހަތްބޭކަލަކު ބައިވެރިވެވަޑައިގެންނެވިއެވެ. އެއީ އެކަމަނާގެ ބަފައިކަލުން ޢުމަރުގެފާނާއި ފިރިކަލުން ޚުނައިސް ބިން ޚުޒާފާ ރަޟިޔަﷲ ޢަންހު އާއި ބަފައިފުށުގެ ބޮޑުބޭބޭފުޅު ޒައިދު ބްނުލް ޚައްޠާބު ރަޟިޔަﷲ ޢަންހު އެވެ. މައިފުށުގެ ތިން އަޚުންކަމުގައިވާ ޢުޘްމާން ބިން މަޡްޢޫން ރަޟިޔަالله ޢަންހު އާއި ޤުދާމާ ބިން މަޡްޢޫން ރަޟިޔަالله ޢަންހު އާއި ޢަބްދުالله ބިން  މަޡްޢޫން ރަޟިޔަالله ޢަންހުއާއި ސާއިބު ބިން ޢަބްދުالله ބިން މަޡްޢޫން ރަޟިޔަالله ޢަންހުއެވެ. 
ކޮންމެއަކަސް ބަދުރު ހަނގުރާމައިގައި ޚުނައިސް ބިން ޚުޒާފާ ރަޟިޔަﷲ ޢަންހުއަށް ލިބިވަޑައިގެންނެވި ޒަޚަމުތަކަށް ފަރުވާ ކުރެއްވުމަށްޓަކައި އެކަލޭގެފާނު މަދީނާއަށް ގެނެވުނެވެ. ޙަފްޞަތުގެފާނު ނުހަނު އޯގާވެރިކަމާއެކު ފިރިކަލުންނަށް ޚިދުމަތްކުރައްވައި ފަރުވާކުރައްވަމުން ގެންދެވިއެވެ. ނަމަވެސް ފިރިކަލުންގެ ޒަޚަމްތައް ފަސޭހަފުޅުވާ ގޮތެއްނުވިއެވެ. ދުވަސްތަކެއްވުމަށްފަހުގައި ޚުނައިސް ބިން ޚުޒާފާ ރަޟިޔަﷲ ޢަންހު އަވަހާރަވެއްޖެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ