ކޮލަމާފުއްޓަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނުކަމަށް ބުނެ އެ ރަށު 4 ޒުވާނުން ހައްޔަރުކޮށްފި

ގއ. ކޮލަމާފުއްޓަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު ހަތަރު މީހުން އިއްޔެ ހައްޔަރުކޮށްފިއެވެ. ފުލުހުން މިއަދު މައުލޫމާތު ދިން ގޮތުގައި މި މައްސަލާގައި ހައްޔަރުކުރި މީހުންނަކީ: ގއ. ކޮލަމާފުށި، ކައުސަަރު އުމުރުން 26 އަހަރުގެ ހަސަން ރައްޔާން ރާޝިދު ގއ. ކޮލަމާފުށި، ސޯސަންގެ އިސްމާއިލް ހައިޒަމް ހަބީބް (22އ) ގއ. ކޮލަމާފުށި، ޝަބްނަމްގެ 25 އަހަރުގެ ޢަލީ ޖަނާހް ޖަޢުފަރު ގއ. ކޮލަމާފުށި، ލީނާމަންޒިލް އިބްރާހީމް އަޒާން މުޙައްމަދު (19އ) ފުލުހުން މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ވަނީ، އެ މީހުން އަތުލައިގަތީ ކޮލަމާފުއްޓަށް މަސްތުވާކަތަކެތި އެތެރެކުރާ ކަމަށް ފުުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން އިއްޔެ ހިންގި އޮޕަރޭޝަނެއްގައި ލޯންޗެއް ބަލައި، ފާސްކުރުމަށް ފަހުގައި ކަމަށެވެ. އެގޮތުން، އެ މީހުން ބަލައި، ފާސްކުރުމުގެ ތެރޭގައި ގިނަ އަދަދެއްގެ މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި 30 ރަބަރު ޕެކެޓާއި ފިލްމު ހުސްކުރި ދެ ދަޅު ފެނުނު ކަމަށެވެ. އޭގެތެރެއިން އެކަކުގެ ހަށިގަނޑު ބަލައި، ފާސްކުރިއިރު، މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި ހަތް ސެލޯފިން ކޮޅު ފެނުނު ކަމަށާއި އެތަކެތީގެ ބަރުދަނުގައި 44.38 ގުރާމު ހުރި ކަމަށް ފުލުހުން މައުލޫމާތުދެއެވެ. މި މައްސަލައިގައި ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރުމުން ހާޒިމް 12 ދުވަހަށް ބަންދުކުރުމަށާއި ބާކީ ތިން މީހުން ހަތް ދުވަހަށް ބަންދު ކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ. ފުލުހުން އަންނަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ