ދުވާލަކު އެއް ފަހަރު އޮރެންޖު ޖޫސް ނުބޮއެ ވާކަށް ނެތް ދުވާލަކު އެއް ފަހަރު އޮރެންޖު ޖޫސް ނުބޮއެ ވާކަށް ނެތް

ޑޮކްޓަރުން އަބަދުވެސް ބުނާ ވާހަކައެއް އޮވެއެވެ؛ ހެނދުނުގެ ނާސްތާގައި ޖޫސް ތައްޓެއް ހިމަނާށެވެ! އެކަމަކު ޑޮކްޓަރުންގެ އެ ނަސޭހަތް އަޑުއަހަނީ އަހަރެމެންގެ ތެރެއިން ކިތައް މީހުން ހެއްޔެވެ؟ ރިހަޔާ ރޮއްޓާ ނުވަތަ ހުނި ރޮއްޓާ މަސްހުނި އަދި އެއާ އެކީ ކޮފީ ނުވަތަ ކަޅު ސައި ނުބޮއެ ފަރަކު ނުޖެހެއެވެ. އޭރު އައިސް އަލަމާރި ތެރޭގައި އޮވެގެން ވަޅޯވެ ރޫ ޖެހެމުން އެދަނީ ހަފުތާއެއް ކުރިން ގަތް އޮރެންޖުތަކެވެ.
މޮލިކިއުލާ ނިއުޓްރީޝަން އެންޑް ފުޑް ރިސާޗް ކިޔާ ޖާނަލްގައި ދާދި ފަހުން ޝާއިއުކޮށްފައިވާ ދިރާސާ ރިޕޯޓެއްގައި ބުނެފައިވާ ގޮތުން ހެނދުނު އޮރެންޖު ޖޫސް ތައްޓެއް ބޮއެލުމުން، ހިޔާލަށް ވެސް ނުގެނެވޭހާ ގިނަ ސިއްހީ ފައިދާތައް ލިބެއެވެ. މި ދިރާސާގައި ބުނެފައިވާ ގޮތުން ކޮންމެ ދުވަހަކު ހެނދުނު އޮރެންޖު ޖޫސް ބޯ މީހުންގެ ހިތާއި މެޓަބޮލިކް ނިޒާމުގެ ޖީންތަކުގެ ހީވާގިކަން އިތުރުވެއެވެ.
މި ދިރާސާގައި 20 މީހުން ބައިވެރިކޮށް، ގާތްގަނޑަކަށް ދެ ޖޯޑުގެ ހާލިސް އޮރެންޖު ދިޔަ (ފެނާއި ހަކުރު ފަދަ އިތުރު އެއްޗެއް ނާޅައި)، ދެ މަސްދުވަސް ވަންދެން ކޮންމެ ދުވަހަކު ބޯން ދިނެވެ. އެމެރިކާ އާއި ބްރެޒީލްގެ ސައެންސްވެރިން ބައިވެރިވި މި ދިރާސާގައި، އޮރެންޖު ޖޫހުގެ ދެ މަސްދުވަހުގެ ޑޯޒް ހަމަކުރުމަށް ފަހު، ބައިވެރިންގެ ދިފާއީ ނިޒާމުގެ ސެލްތަކަށް އައިސްފައިވާ ބަދަލުތައް ވަޒަންކުރިއެވެ.
ސައެންސްވެރިންނަށް ފާހަގަކުރެވުނު ގޮތުގައި، ދިފާއީ ނިޒާމުގެ ސެލްތަކުގެ 1700 އަށް ވުރެ ގިނަ ޖީންއަށް ބަދަލުތައް އައިސްފައިވެއެވެ. ގަވާއިދުން ކޮންމެ ދުވަހަކު އޮރެންޖު ޖޫސް ބުއިމުން، އެމީހުންގެ ހަށިގަނޑުގެ ދިފާއީ ސެލްތަކުގެ ޖީންތަކަށް ބޮޑެތި ބަދަލުތަކެއް އައެވެ. އެ ގޮތުން އައި މުހިންމު ބަދަލުތަކުގެ ތެރޭގައި، ހަށިގަނޑުގައި ދުޅަތައް އުފެދޭ މިންވަރު މަދުވުމާއި ދުޅަހެޔޮ ލޭ ނާރުތަކުގެ މަސައްކަތަށް ހީވާގިކަން އައުން ހިމެނެއެވެ.
މި ބަދަލުތައް ފާހަގަކުރެވުނަސް، އެ މީހެއްގެ ހަށިގަނޑުގެ ބަރުދަނުގެ ނިސްބަތުން، ބަދަލު އައި ޖީންތައް ވެސް ތަފާތުވިކަން ފާހަގަކުރެވުނެވެ. އެމީހެއްގެ އިސްކޮޅާއި އުމުރާ އަޅައި ބަލާއިރު، އާދައިގެ ބަރުދަނެއްގައި ހުންނަ މީހާގެ ހަށިގަނޑުން އެންމެ ބޮޑު ބަދަލެއް އައިކަން ފާހަގަކުރެވުނީ ހަށިގަނޑުގެ ދުޅަތަކާ ގުޅުން ހުރި ޖީންތަކަށެވެ. އިސްކޮޅާ ނުގުޅޭ މިންވަރަށް ބަރުދަން އިތުރުވެފައިވާ މީހުންގެ ހަށިގަނޑުން އެންމެ ބޮޑު ބަދަލެއް އައިސްފައިވަނީ، ހަށިގަނޑުގައި ހުންނަ ސަރުބީތައް ހަކަތައަށް ބަދަލުކުރުމާ ގުޅޭ ޖީންތަކަށާއި ހަކަތަ ބޭނުންކުރުމާ ގުޅޭ ޖީންތަކަށެވެ.
ސައެންސްވެރިން ދެކޭ ގޮތުގައި ޖީންތަކަށް މި ބަދަލުތައް އަންނަނީ އޮރެންޖު ދިޔައިގައި އެކުލެވޭ ފްލެވޮނޮއިޑްގެ ސަބަބުން ކަމަށް ވެދާނެއެވެ. ފްލެވޮނޮއިޑްއަކީ ގަސްގަހާ ގެހީގައި އަޅާ މޭވާގައި އެކުލެވޭ މާއްދާއެކެވެ. އޭގެ ތެރޭގައި އޮރެންޖާއި ލުނބޯ އަދި ނާރިނގު ފަދަ ހުތް ފޮނި މޭވާތަކާއި ބެރީގެ ބާވަތްތަކާއި ސައިފަތާއި ކޮކޯ ހިމެނެއެވެ.
ފްލެވޮނޮއިޑްއަކީ އެންޓިއޮކްސިޑަންޓެއްގެ ގޮތުގައި ހަށިގަނޑުގައި މަސައްކަތް ކުރާ މާއްދާއެކެވެ. މި ދިރާސާގައި އޮރެންޖު ޖޫހުގެ ސަބަބުން ފެނުނު ނަތީޖާއަށް ބަލާއިރު، އޮރެންޖު ޖޫހަކީ ހިތުގެ ދުޅަހެޔޮކަން ހިމާޔަތްކޮށްދޭނެ އެއްޗެއް ކަމަށް ސައެންސްވެރިން ދެކެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ