މެންބަރުން އިލްމީ ބަހުސް ކުރަން ހޭނެން ވަގުތުކޮޅެއް ނަގާނެ: އަބްދުއްރަހީމް
20 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އިލްމީ ބަހުސް ކުރަން ހޭނެން ވަގުތުކޮޅެއް ނަގާނެ ކަމަށް މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ. އަބްދުއްރަހީމް ވިދާޅުވީ މަޖިލީހުގެ ތަޅުމުގައި ބިލުތަކުގެ އިބްތިދާއީ ބަހުސް ކުރިއަށްދާއިރު ވާދަވެރި ސިޔާސީ ޕާޓީތައް އޮންނަ ކަމަށް ވާނަމަ ސިޔާސީ ވާހަކަ ދެކެވޭނެ ކަމަށެވެ. އެއީ ސުވާލެއް ވެސް އޮތް ކަމެއް ނޫން ކަމަށާއި، އެއް ބަޔަކު އަނެއް ބަޔަކަށް ރައްދު ވެސް ދޭނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.މަޖިލީހުގެ ތަޅުމުގައި އިލްމީ ބަހުސް ކުރައްވާ ބައެއް ބޭފުޅުން ތިއްބަވާކަން ފާހަގަކުރައްވައި އެމަނިކުފާނު ވިދާޅުވީ މިހާރު ހިނގަމުންދާ 20 ވަނަ މަޖިލީހުގައި އަލަށް މަޖިލީހާ ގުޅުނު ބޭފުޅުން ގިނަ ކަމަށެވެ. އެހެންކަމުން އެ ބޭފުޅުން އިލްމީ ބަހުސްތައް ކުރެއްވުމަށްޓަކައި މަޖިލީހަށް ހުށަހެޅޭ ބިލުތަކާއި އެހެންވެސް މަސައްކަތްތަކަށް "ހޭނެން ވަގުތުކޮޅެއް ނަގާނެ" ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.އަބްދުއްރަހީމް ވިދާޅުވި ގޮތުގައި ރާއްޖެއަށް ޑިމޮކްރަސީގެ ނިޒާމު އައީ ފުރަތަމަ އެއްވެސް ވަރަކަށް އެކަމަށް ހޭލުންތެރިނުވެ ތިއްބަ އެވެ."މިހާރު މަޑުމަޑުން ރަނގަޅުވަމުން ދަނީ. މިދެންނެވިހެން 17 ވަނަ މަޖިލީހަށްވުރެ 18 ވަނަ މަޖިލީހުގެ ބަހުސްތައް ރަނގަޅު. 19 ވަނަ މަޖިލިސް އެއަށްވުރެ ރަނގަޅުވާނެ. ދެން މިހާރު މިހާތަނަށް އައިއިރު މި މަޖިލިސް ވެސް ދެން ކުރިއަށްދާއިރު އަދި މާ ރަނގަޅުވާނެ،" ސަންގު ޓީވީގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން އަބްދުއްރަހީމް ރޭ ވިދާޅުވި އެވެ.އަބްދުއްރަހީމް މިފަދައިން ވިދާޅުވިއިރު މިހާރު މަޖިލީހުގައި ތިއްބަވާ ބޭފުޅުންގެ ގާބިލުކަމާއި މެދު ގިނަ ރައްޔިތުން އަންނަނީ ސުވާލު އުފައްދަމުން ނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ