ލުބްނާނަށް ހަމަލާދީ މީހުން މެރުމަށް ހިންގާ ޖަރީމާތައް ނުހުއްޓާނެކަމަށް އިސްރާއީލު ބުނެފި
ޓެލްއަވީވު (2 ނޮވެންބަރު 2025): ލުބްނާނަށް ހަމަލާދީ މީހުން މެރުމަށް ހިންގާ ޖަރީމާތައް ކުރިޔަށް ގެންދާނެކަމަށާއި އެކަން ހުއްޓާނުލާނެކަމަށް ޔަހޫދީ އިސްރާއީލުން ބުނެފިއެވެ. ދެކުނު ލުބްނާނަށް ހަމަލާދީ ލުބްނާނުގެ އާންމުންގެ ހަތަރު މީހަކު ޝަހީދުކޮށްލުމަށްފަހު އިސްރާއީލުގެ ޚާރިޖީ ވަޒީރު އިސްހާގް ކާޓްސް ބުނީ އިސްރާއީލުން ލުބްނާނަށް ދޭ ހަމަލާތައް ކުރިޔަށްގެންދާނެކަމަށާއި އެ ހަމަލާތައް ހުއްޓުވަން އިސްރާއީލަށް މަޖުބޫރު ކުރެވޭނެ އެއްވެސް ފަރާތެއް ނޯންނާނެކަމުގައެވެ. އިސްރާއީލު ގެންދަނީ ހަމަލާތައް ހުއްޓާލުމުގެ އެއްބަސްވުމާ ޚިލާފަށް ލުބްނާނުގެ އެކި ސަރަހައްދުތަކަށް ހަމަލާދީ މީހުން މަރައި ލުބްނާނަށް ބޮޑެތި ގެއްލުންތަކެއް ދެމުންނެވެ. މި އެއްބަސްވުމާ ޚިލާފަށް ފާއިތުވި އެއް އަހަރު ތެރޭގައި އިސްރާއީލުން 4،000އަށް ވުރެ ގިނަ ހަމަލާ ލުބްނާނަށް ދީފައިވާކަމަށް ލުބްނާނުގެ ސިފައިން ބުނެއެވެ. އިސްރާއީލުވަނީ ދެކުނު ލުބްނާނުގެ ބައެއް ސަރަހައްދުތައް ގަދަބާރުން ހިފައި އެ ތަންތަނަށް ވެރިވެގެންފައެވެ. އިސްރާއީލުގެ ޚާރިޖީ ވަޒީރު ކާޓްސް ބުނި ގޮތުގައި ދެކުނު ލުބްނާނުން ވެސް އިސްރާއީލު ނުފައިބާނެއެވެ. އަދި ލުބްނާނުގެ އިތުރު ސަރަހައްދުތައް ހިފަން ޖެހިއްޖެނަމަ ހިފާނެއެވެ. އިސްރާއީލު 1982 ވަނަ އަހަރު ވެސް ލުބްނާނަށް އަރައިގަނެ ދެކުނު ލުބްނާނުގެ ސަރަހައްދެއް ހިފައި އެ ސަރަހައްދުތަކަށް ވެރިވެގަތެވެ. ނަމަވެސް ފަހުން ހިޒްބުﷲގެ މުޖާހިދުން އެ ސަރަހައްދުގައި އެކިފަހަރު މަތިން ބޮން ގޮއްވައިގެންނާއި ހަމަލާތައްދީ އިސްރާއީލު ސިފައިންގެ އެތައް ބަޔަކު މަރަން ފެށުމުން އެ ކަމަށް ކެތްނުވެގެން އެންމެ ފަހުން އިސްރާއީލު ވަނީ ދެކުނު ލުބްނާނުން އެއްކޮށް ފައިބައިފައެވެ. މިފަހަރު ދެކުނު ލުބްނާނުގެ ބައެއް ސަރަހައްދުތައް އިސްރާއީލުން ހިފީ ޣައްޒާގެ ރައްޔިތުންގެ ދިފާއުގައި ލުބްނާނުގެ ހިޒްބުﷲ ޖަމާއަތުން އިސްރާއީލާ ދެކޮޅަށް ފެށި ހަނގުރާމައިގައި އިސްރާއީލުން ހިންގި ޓެރަރިސްޓް އޮޕަރޭޝަންތަކުގައި ހިޒްބުﷲއަށް ބޮޑެތި ގެއްލުން ލިބުމުންނެވެ. އެ ގެއްލުންތަކާއެކު ވަގުތީ ގޮތުން ހިޒްބުﷲ ބަލިކަށިވުމުން އެ ދަނޑިވަޅުގެ ބޭނުން ހިފައިގެންނެވެ. ހިޒްބުﷲ ވަގުތީ ގޮތުން ބަލިކަށިވީ މައިގަނޑު ތިން ސަބަބަކާ ގުޅިގެންނެވެ. އެއީ ޓެރަރިސްޓް އޮޕަރޭޝަނެއްގައި އިސްރާއީލުން ހިޒްބުﷲގެ ޕޭޖަރުތައް ގޮއްވާލުމާއެކު ހިޒްބުﷲ މުޖާހިދުންގެ އެތައް ބަޔަކު ޝަހީދުވެ ދެހާހަށް ވުރެގިނަ މުޖާހިދުންނާއި ކޮމާންޑަރުން ޒަޚަމްވުމާއި ޓެރަރިސްޓް ހަމަލާއެއްގައި ހިޒްބުﷲގެ ޒައީމް ހަސަން ނަސްރުﷲ ޝަހީދުކޮށްލުމާ ގުޅިގެންނެވެ. މީގެއިތުރުން މިދަނޑިވަޅު ބަލައި ސޫރިޔާގެ އިދިކޮޅު އައިއެސް ޖަމާއަތް ކަމަށްވާ ހައިއަތު ތަހްރީރުއްޝާމް ހަނގުރާމަވެރިން ވެރިރަށް ދިމޝްގަށް އަރައި ބައްޝާރުލްއަސަދުގެ ވެރިކަން ވައްޓާލުމާއެކު އީރާނުން ސޫރިޔާ މެދުވެރިކޮށް ހިޒްބުﷲ އަށް ސަޕްލައިކޮށްދޭ ހަތިޔާރުގެ ސަޕްލައި އެއްކޮށް ވަނީ ހުއްޓުމަކަށް އައިސްފައެވެ. މިއީ ހިޒްބުﷲ އަށް ލިބުނު ވަރަށް ބޮޑު ބަލިކަށިކަމެކެވެ. މި ކަންކަމުން ހިޒްބުﷲ އަރައިގަތުމަށް އަހަރުތަކެއް ނަގާނެކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ. އަނެއްކޮޅުން އެމެރިކާގެ ފިއްތުންތަކާއެކު ލުބްނާން ސަރުކާރުން ގެންދަނީ ހިޒްބުﷲ އަތުން ހަތިޔާރު ނިގުޅައި ގަތުމަށްވެސް މިހާރު މަސައްކަތް ކުރަމުންނެވެ. ނަމަވެސް ހިޒްބުﷲ ގެންދަނީ މިކަމާ ދެކޮޅު ހަދަމުންނެވެ. އިސްރާއީލުން ތަކުރާރުކޮށް ލުބްނާނަށް ހަމަލާދީ ލުބްނާނުގެ ބައެއް ސަރަހައްދުތައް ހިފާފައިވަނީ ހިޒްބުﷲގެ ބަލިކަށިވި މި ވަގުތުގެ ނާޖާއިޒު ފައިދާ ނަގައިގެންނެވެ. ހިޒްބުﷲ އަދިވެސް އޮތީ ޖިހާދު ކުރެވޭ ހާލަތުގައި ކަމަށްވިޔަސް ސޫރިޔާ މެދުވެރިކޮށް އީރާނުން ލިބޭ ހަތިޔާރުގެ ސަޕްލައި ހުއްޓިފައިވާތީ އާއި ލުބްނާން ސަރުކާރުގެ ޕްރެޝަރުތަކުގެ ސަބަބުން އިސްރާއީލާ ދެކޮޅަށް ޖިހާދުގެ ހަރަކާތްތައް މި ވަގުތު ފެށުން ހިޒްބުﷲ އަށްވަނީ ދަތިކަމަކަށް ވެފައެވެ. ޣައްޒާގެ ދިފާއުގައި ހިޒްބުﷲ އިސްރާއީލަށް ހަމަލާތައް ދިން ދުވަސްވަރު ލުންނާން އާ އިންވެެގެންވާ އިސްރާއީލުގެ ސަރަހައްދުތަކާއި އިސްރާއީލުގެ ޖަލީލު ސަރަހައްދުގެ 80 އިންސައްތަވަނީ ފުނޑާލާފައެވެ. އަދި ހިޒްބުﷲގެ ހަމަލާތަކުގައި އިސްރާއީލުގެ 160އަށް ވުރެގިނަމީހުން ވަނީ މާރާލާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ