ސްކޭމުތަކުގައި އާންމުކޮށް ޖެހެނީ 35 އަހަރުން ދަށުގެ މީހުން، ގިނައީ ފިރިހެނުން: ފުލުހުން

ސްކޭމުތަކުގައި އާންމުކޮށް ޖެހެނީ 35 އަހަރުން ދަށުގެ މީހުން ކަމަށާއި، އަންހެނުންނަށް ވުރެ ގިނައިން ފިރިހެނުން އެފަދަ ސްކޭމްތަކުގައި ޖެހޭ ކަމަށް ފުލުހުން މިއަދު ބުނެފިއެވެ. ޓީވީއެމްގެ ޕްރޮގްރާމަކަށް ދެއްވި މައުލޫމާތުގައި، ސީނިއާ ސާޖަންޓް އަބްދުﷲ ޝަހްމީން ވިދާޅުވީ ފުލުހުންނަށް އެންމެ ގިނައިން ހުށަހަޅާ މައްސަލަތަކުގެ ތެރޭގައި ސްކޭމްގެ މައްސަލަތައް ހިމެނޭ ކަމަށެވެ. އެގޮތުން މިދިޔަ މަހު އެކަނިވެސް 165 މައްސަލަ ހުށައަޅަފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. ޝަހްމީން ވިދާޅުވި ރިޕޯޓުކުރި ސްކޭމްތަކުގެ ތެރެއިން އެންމެ ގިނައީ އީކޮމާސް ނުވަތަ އޮންލައިންކޮށް ތަކެތި ގަނެ ވިއްކުމާއި، ފައިސާ ބަދަލުކުރުމުގެ އިތުރުން, މީހުންގެ މައުލޫމާތު ވަގަށް ނަގައިގެން ކުރާ ސްކޭމްގެ މައްސަލަތައް ކަމަށެވެ. އެ މައްސަލަތަކުގައި މިދިޔަ މަހު 1.2 މިލިޔަން ރުފިޔާ ގެއްލިފައިވާ ކަމަށާއި އޭގެ ތެރެއިން 42 މައްސަލައިގެ ފައިސާ އެއްކޮށް ހޯދައި ދެވިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. އެއީ ހަތަރު ލައްކައަށްވުރެ ގިނަ ފައިސާކަން ޝަހްމީން ފާހަގަކުރެއްވިއެވެ. އޭނާ ވިދާޅުވީ ތަފާސްހިސާބުތަކަށް ބަލާއިރު، ސްކޭމްތަކުގައި ޖެހޭ މީހުންގެ ތެރޭގައި ނިސްބަތުން ގިނައީ، އަންހެނުންނަށް ވުރެ ފިރިހެނުންކަމަށެވެ. އަޅުގަނޑުމެން ޑާޓާތައް ބަލަހައްޓަން ފެށީ މާޗް 17ގެ ފަހުން. އެންޓި ސްކޭމް ސެންޓަރު މަރުކަޒީ ގޮތެއްގައި ފަންކްޝަން ކުރަން ފެށި ހިސާބުން ފެށިގެން. އެގޮތުން ބަލާއިރު ފިރިހެން ބޭފުޅުން މިފަދަ ސްކޭމްތަކުގައި އަންހެނުންނަށްވުރެ ގިނައިން ޝިކާރައަކަށްވަމުންދާކަން ފާހަގަކުރެވޭސީނިއާ ސާޖަންޓް އަބްދުﷲ ޝަހްމީން ޝަހްމީން ވިދާޅުވީ، ހުރިހާ އުމުރެއްގެ މީހުން ވެސް ސްކޭމްތަކުގައި ޖެހޭކަން ފާހަގަވާ ކަމަށާއި ނަމަވެސް ގިނައިން ޖެހެނީ 35 އަހަރުން ދަށުގެ މީހުންކަން ތަފާސްހިސާބުން ދައްކާ ކަމަށެވެ. ރާއްޖޭގައި އާންމު ސްކޭމްތަކުގެ ތެރޭގައި މައިގަނޑު ގޮތެއްގައި ފާހަގަ ކުރެވެނީ ސޯޝަލް މީޑިއާ އެކައުންޓްތައް ހެކް ކޮށްގެން ހިންގާ ސްކޭމްތައް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އެގޮތުން އާންމު ގޮތެއްގައި ފުލުހަށް ހުށަހަޅާ މައްސަލަތަކުގައި ފާހަގަކުރެވެނީ ވައިބާ އެކައުންޓް ހެކްކޮށްގެން، އެ މީހެއްގެ ކޮންޓެކްޓް ލިސްޓްގައި ހުންނަ މީހުންނަށް ފައިސާ ހޯދުމަށާއި، އެހީ ހޯދުމަށް، އެދި މެސެޖްކޮށްގެން ހިންގާ ސްކޭމްތައްކަން ޝަހްމީން ފާހަގަކުރެއްވިއެވެ. މީގެ އިތުރުން، ފިޝިން ލިންކްތައް ގުރޫޕްތަކަށް ޝެއާ ކޮށްގެން ސްކޭމް ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވިއެވެ. ސްކޭމްތަކުން ރައްކާތެރިވުމަށް، ލިންކުތައް ނުވަތަ ޕޯސްޓްތައް އައުމުން ބަލަންވާ ވަރަށް ބެލުމަށާއި، ފޯނުތަކުގެ ސެކިއުރިޓީ ވަރުގަދަކޮށް ބެހެއްޓުމަށް ސަމާލުކަން ދިނުމަށް ޝަހްމީން އިލްތިމާސްކުރެއްވިއެވެ. އަދި ސްކޭމް ކުރަން ބޭނުންކުރާ ކަމަށް ބެލެވޭ ލިންކެއް ލިބިއްޖެ ނަމަ އަވަހަށް ފުލުހަށް ރިޕޯޓް ކުރުމަށް ވެސް އޭނާ އެދިވަޑައިގަތެވެ. ރާއްޖޭގައި ރަސްމީ އިދާރާތަކާއި ސަރުކާރު ކުންފުނިތަކުގެ ނަމުގައި ވެސް މެސެޖުތައް ފޮނުވައިގެން، ސްކޭމް ކުރުން ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ