މެޑްރިޑް (ޑިސެމްބަރު 21) - ކަލަންޑަރު އަަހަރެއްގައި ރެއާލް މެޑްރިޑަށް އެންމެ ގިނަ ގޯލު ޖަހައިދީގެން ކްރިސްޓިއާނޯ ރޮނާލްޑޯ ހަދާފައި އޮތް ރެކޯޑާ ކީލިއަން އެމްބާޕޭ ހަމަކުރި ގޯލާ އެކު، ރެއާލުން ރޭ ސްޕެނިޝް ލީގުގައި ސެވިއްޔާ އަތުން 2-0 އިން މޮޅުވެއްޖެ އެވެ.
ރެއާލުގައި ހުރެ ކަލަންޑަރު އަހަރެއްގައި ރޮނާލްޑޯ އެންމެ ގިނަ ލަނޑު ޖެހީ، 2013 ވަނަ އަހަރު 59 ގޯލެވެ. ރޭ ސެވިއްޔާ ކޮޅަށް މެޗުގެ 86 ވަނަ މިނިޓްގައި އެމްބާޕޭ ޖެހި ގޯލާ އެކު، އޭނާ ވެސް ވަނީ މި އަހަރު ތެރޭ ރެއާލަށް 59 ގޯލު ޖަހައިފަ އެވެ. އެމްބާޕޭގެ 27 ވަނަ އުފަން ދުވަސް ފާހަގަކުރި ރޭ އޭނާ މި ހާއްސަ ރެކޯޑާ ހަމަކުރިއިރު، މި ޕެނަލްޓީ އަކީ، ރެއާލުގެ ރޮޑްރީގޯ އަށް ސެވިއްޔާގެ ޖުއާންލޫ ސަންޗޭޒް ކުރި ފައުލަކަށް ދިން ޕެނަލްޓީ އެކެވެ.
"އަހަރެންގެ އައިޑަލް ކްރިސްޓިއާނޯ (ރޮނާލްޑޯ) މި ކްލަބްގެ ތާރީހުގައި ހާސިލްކޮށްފައި އޮތް ރެކޯޑަކާ އަހަންނަށް އެއްވަރުކުރެވުމަކީ އަހަންނަށް ލިބިގެންދިޔަ ވަރަށް ބޮޑު ފަހުރެއް،" ރޭގެ މެޗަށް ފަހު، އެމްބާޕޭ ބުންޏެވެ.
ރޮނާލްޑޯ، 59 ގޯލު ޖެހީ، 2013 ވަނަ އަހަރު 50 މެޗު ކުޅެގެންނެވެ. އަދި، ހަތް ހެޓްރިކް ހެދިއިރު، 14 ލަނޑު ޖަހަން ފުރުސަތު ހޯދައިދިނެެވެ. އެމްބާޕޭ އަށް 59 ލަނޑު ޖެހުނީ ރޮނާލްޑޯ އަށް ވުރެން ނުވަ މެޗު އިތުރަށް ކުޅެގެންނެވެ. ފަސް ހެޓްރިކް ހެދިއިރު، ފަސް ލަނޑު ޖަހަން ފުރުސަތު ތަނަަވަސްކޮށްދިނެވެ.
ރޭގެ މެޗުގެ ފުރަތަމަ ހާފުގައި ރެއާލުން ލީޑުނެގީ 38 ވަނަ މިނިޓްގައި ރޮޑްރީގޯ ދިން ބޯޅައަކުން ޖޫޑް ބެލިންހަމް ޖެހި ލަނޑުންނެވެ. ރެއާލަށް މި މެޗުގައި ލަނޑު ޖަހާނެ އިތުރު ފުރުސަތުތަކެއް ރެއާލަށް އަދި އެމްބާޕޭ އަށް ވެސް ލިބި ބޭނުމެއް ނުކުރެވުނެވެ.
މި މޮޅާ އެކު، ރެއާލުން ވަނީ ލީގުގެ އެއް ވަނައިގައި އޮތް ބާސެލޯނާ އަށް ވުރެން އެއް މެޗު އިތުރަށް ކުޅެ، އެއް ޕޮއިންޓަށް ފަރަގުކުޑަކޮށްފަ އެވެ. ބާސެލޯނާ އަށް 17 މެޗުން 43 ޕޮއިންޓް ލިބިފައިވާއިރު، ރެއާލަށް 18 މެޗުން ވަނީ 42 ޕޮއިންޓް ލިބިފަ އެވެ.
އެމްބާޕޭ، ރޮނާލްޑޯގެ ރެކޯޑާ ހަމަކުރި ގޯލާ އެކު ރެއާލަށް މޮޅެއް އެމްބާޕޭ، ރޮނާލްޑޯގެ ރެކޯޑާ ހަމަކުރި ގޯލާ އެކު ރެއާލަށް މޮޅެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ