ޕެންޝަން އޮފީސް މެދުވެރިކޮށް އެމްއެމްއޭ ލައްވައި ފައިސާ ޗާޕު ކުރަނީ ގާނޫނާ ހިލާފަށް، އަންނަ އަހަރު ވެސް ކުރާނެ: އަމީރު ޕެންޝަން އޮފީސް މެދުވެރިކޮށް އެމްއެމްއޭ ލައްވައި ފައިސާ ޗާޕު ކުރަނީ ގާނޫނާ ހިލާފަށް، އަންނަ އަހަރު ވެސް ކުރާނެ: އަމީރު

ޕެންޝަން އޮފީސް މެދުވެރިކޮށް މަރުކަޒީ ބޭންކު ލައްވައި ފައިސާ ޗާޕުކުރަން ސަރުކާރުން ކުރަމުންދާ ކަންކަމަކީ ގާނޫނާ ހިލާފު ކަމެއް ކަމަށާއި އަންނަ އަހަރު ވެސް ސަރުކާރަށް ފައިސާ ބޭނުންވުމުން، ޕެންޝަން އޮފީސް މެދުވެރިކޮށް އަންނަ އަހަރު ވެސް ސަރުކާރުން ފައިސާ ހޯދާނެ ކަމަށް ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެ އެވެ.
އިތުބާރު ހުރި މަސްދަރުތަކުން އަދަދު ނޫހަށް ބުނީ މި މުއާމަލާތް ކުރިއަށް ގެންދަނީ އެމްއެމްއޭއިން 2.5 ބިލިއަން ރުފިޔާ، ޕެންޝަން ފަންޑަށް އިންވެސްޓުކުރުމުން، ޕެންޝަން ފަންޑުން އެ ފައިސާ ފިނޭންސް މިނިސްޓްރީގެ ބޮންޑަކަށް އިންވެސްޓުކުރާ ގޮތަށެވެ.
އެކަމާ ގުޅިގެން ކަންބޮޑުވުން ފާޅުކޮށް އަމީރު ވިދާޅުވީ ފައިސާ ޗާޕު ނުކޮށް 2.5 ބިލިއަން ރުފިޔާގެ ޓީބިލް ގަންނާނެ ގޮތެއް ނޯންނާނެ ކަމަށެވެ. އެއީ އެމްއެމްއޭގެ ޖެނެރަލް ރިޒާވުގައި އެވަރުގެ ކެޕޭސިޓީއެއް ނުހުންނާނެ ކަމަށާއި މިއީ އެމްއެމްއޭގެ މައިގަނޑު މަސްއޫލިއްޔަތުތަކާ ހިލާފު ކަމެއް ކަމަށް ވެސް އަމީރު ވިދާޅުވި އެވެ.
"މި މުއާމަލާތުގެ ސަބަބުން މިހާރު ވެސް ގޯސްވެފައިވާ އިންފްލޭޝަންގެ މައްސަލަ އިތުރަށް ގޯސްވާނެ. އަދި އެކްސްޗޭންޖު ރޭޓު (ކަޅު ބާޒާރު) އިތުރަށް ގޯސްވާނެ. ޕެންޝަން މެންބަރުންގެ ފައިސާގެ އަގު އިންފްލޭޝަންއާއެކު ދަށްވެގެން ދާނެ،" އަމީރު ލިޔުއްވި އެވެ.
ދައުލަތުގެ ހަރަދަށް ޒިންމާވުމުގެ ގާނޫނުގައި ފައިސާ ޗާޕު ކުރެވޭނެ ގޮތްތައް ބަޔާންކޮށްފައިވާ ކަމަށާއި ކޮވިޑުގެ ދުވަސްވަރު ފައިސާ ޗާޕުކުރީ މަޖިލީހަށް ހުށަހަޅައި، ބަހުސްކޮށް، ގާނޫނުގައި ބުނާ ގޮތަށް ކަމަށް އަމީރު ވިދާޅުވި އެވެ. ފައިސާ ޗާޕުކުރަން ޖެހޭ ހާލަތެއް މިވަގުތު ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.
"ސަރުކާރަށް ބޭރުން ފައިސާ ހޯދަން ނުކުޅެދި އަދި އެތެރެއިން ފައިސާ ހޯދާނެ އިތުރު ގޮތްތަކެއް ނެތުމުން، ޕެންޝަން އޮފީސް މެދުވެރިކޮށް ބިލިއަނުން ފައިސާ ހޯދުން، މިއީ އާ ކަމެއްގެ ފެށުން. މިއީ ފުރަތަމަ ފަހަރަކަށް ނުވާނެ. ސަރުކާރަށް ފައިސާ ބޭނުންވެ، އިތުރަށް ޕެންޝަން މެދުވެރިކޮށް ފައިސާ މި އަންނަ އަހަރު ވެސް ހޯދާނެ،" އަމީރު ލިޔުއްވި އެވެ.
އަދަދު ނޫހަށް މައުލޫމާތު ދިން މަސްދަރުތަކުން ބުނީ މި މުއާމަލާތްތައް ކުރިއަށް ގެންދަން ފެންނަ ކަމަށް ޕެންޝަން އޮފީހުގެ ބޯޑުން މި ހަފުތާގައި ނިންމާފައިވާ ކަމަށެވެ.
މިކަމާ ގުޅޭ ގޮތުން ޕެންޝަން އޮފީސް، އެމްއެމްއޭ އަދި ސަރުކާރުން ވެސް އަދި އެއްވެސް ވާހަކައެއް ނުބުނެ އެވެ.
ފައިސާ ޗާޕްކުރުމަކީ، މަރުކަޒީ ބޭންކު، އެމްއެމްއޭ މެދުވެރިކޮށް ދިވެހި އިގުތިސޯދަށް ފައިސާ ނެރުމެވެ. އެހެންވެ، އެމްއެމްއޭ އިން ޕެންޝަން ފަންޑަށް އިންވެސްޓުކޮށް، ޕެންޝަން ފަންޑުން ސަރުކާރަށް ފައިސާ ދިނުން، ފައިސާ ޗާޕްކުރުމަށް ވާނެ އެވެ.
މި އަހަރު ކުރީކޮޅު 14 ބިލިއަން ރުފިޔާ ޗާޕްކުރަން އުޅުނީ، ހުޅުމާލޭން ބޮޑު ބިމެއް އެމްއެމްއޭއަށް ގަނެ، އެ ބިމުގެ އަގުގެ ގޮތުގައި އެ ފައިސާ ދޭ ގޮތަށެވެ. އެކަން މަޑުޖެހުނީ އިންތިހާއަށް ފާޑުކިޔުން އަމާޒުވުމާ ގުޅިގެންނެވެ.
އެ ފަހަރު ފައިސާ ޗާޕްކުރަން އެމްއެމްއޭއިން ނިންމުމުން އެ އިދާރާގެ ބޯޑުގެ ދެ މެންބަރަކު އިސްތިއުފާ ދިނެވެ. ފައިސާ ޗާޕްކޮށްފި ނަމަ ޑޮލަރުގެ އަގު 24ރ. އަށް އަރާނެ ކަމަށް، ކުރީގެ ރައީސް މުހައްމަދު ނަޝިދު އޭރު ވިދާޅުވި އެވެ.
މުއިއްޒު ތަންފީޒުކުރައްވަން ފެއްޓެވި ޑޮލަރު މާރުކުރަން މަޖުބޫރުކުރާ ސިޔާސަތާ ގުޅިގެން މިހާރު ޑޮލަރުގެ އަގު 20ރ. އިން މަތީގައި ހުންނަތާ ގިނަ ދުވަސްތަކެއް ވެއްޖެ އެވެ. ނަތީޖާއެއްގެ ގޮތުން މުދަލުގެ އަގު ދަނީ އުފުލެމުންނެވެ. އަދި ވިޔަފާރިތަކަށް ގެއްލުންތައް ކުރިމަތިމަތިވާ ކަމަށް ވިޔަފާރިވެރިން ބުނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ