ލޯބިވެގެންވެސް ކައިވެނިނުކޮށް ލަސްކުރާ މައްސަލައިގަ އަންހެނުންނަށް އެންމެ ބޮޑަށް ފައިދާކުރާނެ ގޮތް- ތަޖުރިބާއިން

ލޯބިވިޔަސް ލޯބިވެގެން އެކުގައި އުޅުނަސް ކައިވެނިނުކޮށް ލަސްކުރާ މައްސަލައަކީ މިއަދު އެންމެ ބޮޑު އެއް މައްސަލައެވެ. އެންމެ ގިނަ އަންހެނުންގެ އެއް ޝަކުވާއެވެ. އެހެންވެ ވިސްނައިލުން މުހިންމު ކަމެއް ފާހަގަކޮށްލާނަމެވެ.  
މިގޮތަށް ކަންކަންވުމަށް މެދުވެރިވާ އެންމެ ޢާންމު ސަބަބަކީ ކައިވެނި ނުކުރިނަމަވެސް ފިރިހެންމީހާގެ ބޭނުންތައް ފުއްދައިދެވޭ ކަމެވެ. އެއީ އެންމެ ބޮޑު ފާފައެއް ނަމަވެސް އެކަމަކަށް ނުބަލައެވެ. ގިނަ އަންހެނުންނަށް ހީކުރެވިފައި އޮންނަނީ އެހެން ނޫންނަމަ ލޯބިވެރިޔާ ތިމާއާއި ވަކިވެ އެކަންކޮށްދޭނެ އެހެން މީހަކު ހޯދައިފާނެކަމަށެވެ. އެހެންވެ އެމީހުންނަށް ނަރަކައަިގެ ޢަޛާބަށްވުރެ ބޮޑަށް ބިރުގަނެވެނީ ލޯބިވެރިޔާ ގެއްލިދާނެ ކަމަށެވެ.  
މިއީ ހުރިހާ ގޮތަކުންވެސް އެންމެ ގެއްލުން ހުރި ވިސްނުމެވެ. މިޘާލަކަށް ކައިވެނިކުރުމުން ފުދެންޖެހޭ ބޭނުންތައް ކައިވެނިނުކޮށްވެސް ފުއްދޭނަމަ ކައިވެނިކުރުމުގެ ބޭނުން ކުޑަވެގެންދެއެވެ. އެޙާލަތުގައި ވިސްނޭނީ ކައިވެނި ކުރުން އަވަސްކުރުމުގެ ބޭނުމެއް ނެތްކަމަށެވެ. އެއީ ކައިވެނި ކުރުމުން މިނިވަންކަން ގެއްލުމުގެ އިތުރުން ގިނަ ޒިންމާތަކެއް އުފުލަންޖެހޭނެތީއެވެ.
ރަނގަޅަށް ވިސްނާށެވެ. ލޯބިވާވަރުން އޭނާ ހިތްއެދޭ ހުރިހާ ކަންކަން ކޮށްދިނަސް އެއީ އޭނާ ހިފެހެއްޓޭނެ ސަބަބެއް ނޫނެވެ. އަދި ކައިވެނިކުރުން އަވްސްކުރާނެ ސަބަބެއްވެސް ނޫނެވެ. އެއިގެ ބަދަލުގައި ތިބާއާއި ކައިވެނިކުރުމުން އޭނާގެ ދިރިއުޅުމަށް ލިބޭނެ ހަމަޖެހުމާއި ކުރިއެރުން ނިކަން އަންގައިދީބަލާށެވެ. އެއިރުން ކައިވެނިކުރަން އަވަސްވެގަންނާނެއެވެ.  
މިއީ އަހުރެން ބުނާ ބަހެއް ނޫނެވެ. ދިރާސާއިން އެނގޭ ކަމެކެވެ. ލޯބިވެގެން އުޅެފައި ކައިވެނިނުކޮށް އެހެން މީހުންނާއި ކައިވެނިކުރާ މީހުންގެ 90 އިންސައްތަ މީހުން އެގޮތަށް ކަންތައް ކުރަނީ ލޯބިވެގެން އުޅޭ މީހާއަށްވުރެ އަނެކާގެ ކިބައިން ތިމާއަށް ލިބޭނެ ހަމަޖެހުމާއި ކުރިއެރުން ބޮޑުވާނެކަން އެނގުމުންނެވެ.  
އަދިވެސް އެއް ކަމެއް ފާހަގަކޮށްލާނަމެވެ. ކައިވެނިނުކޮށް ލޯބިވެރިޔާގެ ބޭނުންތައް ފުއްދައިދޭނަމަ އެކަމުން އެނގެނީ އޭނާގެ ކިބައިގައި އެއްވެސް ހަރުދަނާ ކަމެއް ނެތްކަމެވެ. ރިވެތި އަޚްލާޤެއްވެސް ނެތްކަމެވެ. އަދި އެއީ އަންހެނާގެ އިތުބާރުވެސް ގެއްލިގެންދާ ކަމެކެވެ. ރަނގަޅު ދިރިއުޅުމަކަށް ވިސްނާ ފިރިހެނުން އެކަންކަމަށް ވިސްނާނެއެވެ.  
ވީމާ ހަމައެކަނި މިކަންކަމަށް ވިސްނާލިޔަސް އެންމެ ފައިދާހުރި ގޮތަކީ ތިމާގެ ޢިއްފަތްތެރިކަން ޙިމާޔަތްކުރުންކަން ވިސްނި ޤަބޫލުކުރެވޭނެއެވެ. އިން ޝާ ﷲ
 
- އިސްލާމީ ތިލަފަތުގެ ދަރުސަކުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ