ޓިކްޓޮކް ނުވަތަ އިންސްޓަގްރާމް ހުޅުވާލާ ކޮންމެ ފަހަރަކު، ކެހެރި ލާފައިވާ ކުލަގަދަ ހިޔާލީ ޖަނަވާރެއް ފަދަ ކުޅޭ އެއްޗެއް ވީޑިއޯއަކުން ނޫނީ ފޮޓޯއަކުން ނުފެނި މިހާރު ނުދެ އެވެ. މި އާދަޔާހިލާފު ކުޅޭ އެއްޗަށް ކިޔަނީ 'ލަބޫބޫ' އެވެ. އަދި މިހާރު ލަބޫބޫއަކީ ދުނިޔޭގެ އެންމެ މަޝްހޫރު 'ކަލެކްޓިބަލް'އޭ ބުނުން ދޮގަކަށް ނުވާނެ އެވެ.
ލަބޫބޫ އުފެދި، 1.8 ބިލިއަން ޑޮލަރުގެ ފައިދާއެއް ލިބުނު އެއްޗަކަށްވީ ކިހިނެއް ހެއްޔެވެ؟
ލަބޫބޫ އުފެއްދީ ހޮންގް ކޮންގްއަށް އުފަން ކާސިންގް ލަންގް އެވެ. އޭނާގެ އާއިލާ ނެދަލެންޑްސްއަށް ބަދަލުވުމަށް ފަހު ލަންގް ވަނީ ނެދަލެންޑްސްގެ ފުލޯކު ވާހަކަތަކުންނާއި އިހުގެ ސަގާފީ ވާހަކަތަކުން އޭނާގެ ކުރެހުމުގެ މަސައްކަތަށް ހިޔާލު ހޯދައިފަ އެވެ.
ލަންގް 2015ގައި ނެރުނު 'މޮންސްޓާސް' ވާހަކަ ފޮތުގައި އެކި ވައްތަރުގެ ހިޔާލީ ޖަނަވާރު އުޅޭ ކުރެހުންތަކެއް ދައްކާލި އެވެ. މޮރިސް ސެންޑަކް 1963ގައި ނެރުނު 'ވެއާ ދަ ވައިލްޑް ތިންގްސް އާ' ވާހަކަ ފޮތާ އެއްގޮތް ބައެއް ސިފަތައް ލަންގްގެ ވާހަކައިގައި ހުރި ކަމަށް ބައެއް މީހުން ބުނެފައިވެ އެވެ.
ލަބޫބޫ ވިއްކާ ޕްރޮމޯޓު ކުރަނީ އެކި އާޓިސްޓުންނާ ގުޅިގެން ކަލެކްޓިބަލްސް އުފައްދާ ޕޮޕްމާޓްއިންނެވެ. ޗައިނާއަށް ނިސްބަތްވާ އެ ފިހާރައާ އެކު 2019ގައި ހެދި 'އެކްސްކްލޫސިވް' އެއްބަސްވުމެއްގެ ދަށުން ލަންގްގެ 'މޮންސްޓާސް' ކެރެކްޓަރުތައް 'ކަލެކްޓިބަލް ޓޯއިސް'ގެ ގޮތުގައި ނެރެން ފެށި އެވެ. އޭގެ ސަބަބުން ޕޮޕްމާޓްއަށް ވަރަށް ބޮޑަށް ފައިދާވި އެވެ.
ލަބޫބޫގެ ކުރިން ޕޮޕްމާޓްއިން އުފެއްދި ކުޅޭ ތަކެތީގެ ތެރޭގައި ފާއިތުވި އަހަރުތަކުގައި މުޅި ދުނިޔެއަށް މަޝްހޫރުވި 'ސޮނީ އެންޖަލްސް' ހިމެނެ އެވެ.
'ސްމާފް' ނުވަތަ 'ސުޕަ މާރިއޯ ބްރަދާސް'ގެ 'ޓޯޑް' ގޮތަށް ލަބޫބޫއަކީ ވެސް ގްރޫޕެކެވެ. އެންމެ ކެރެކްޓަރެއް ނޫނެވެ. ލަބޫބޫއަކީ ވަލު ތެރޭގައި ދިރިއުޅޭ ބައެކެވެ. ލަބޫބޫގެ ގަބީލާއެއްގައި 100 ވަރަކަށް ލަބޫބޫ ހިމެނެ އެވެ. ލަބޫބޫއަކީ ވަރަށް ހިތްހެޔޮ، މަޖާ، އެކަމަކު ލާނެތް މިޒާޖެއްގެ ހިޔާލީ ޖަނަވާރެއް ކަމަށް (ނުވަތަ ކުޑަ ފުރޭތައެކޭ ބުނެވިދާނެ) ލަންގް ބުނެފައިވެ އެވެ.
ލަބޫބޫ ގަބީލާގައި މުޅިން ވެސް އުޅެނީ އަންހެން ލަބޫބޫ އެވެ. އެއީ އެކަމަކު ގަބީލާގެ ކަތީބު ފިޔަވަ އެވެ. ގަދަ މުށި ކުލައިގެ ކެހެރި ހުންނަ ފިރިހެން ލަބޫބޫ ކަތީބަށް ކިޔަނީ 'ޒިމޮމޮ' އެވެ.
ބައެއް ލަބޫބޫ ކެރެކްޓަރުތައް ތަފާތެވެ. އެގޮތުން ޓައިކޮކޮ، ޕަޓޯ އަދި ޔަޔަ ފަދަ ކެރެކްޓަރުތައް ފަރުމާކޮށްފައިވަނީ އެކި ސިފަތަކަށެވެ. އަދި ކޮންމެ ކެރެކްޓަރަކަށް ތަފާތު މިޒާޖަކާއި ކުރު ވާހަކައެއް ތައްޔާރުކޮށްފައިވެ އެވެ.
ޕޮޕްމާޓްގެ އުފެއްދުންތައް އެކި ސައިޒުގެ 'ވައިނިލް ފިގާސް،' 'ޕްލަޝް ޑޯލްސް،' ގަހަނާ އަދި 'ބްރޭންޑަޑް އެޕޭރަލްސް'ގެ ގޮތުގައި ވެސް ނެރެ އެވެ. ލަބޫބޫ ގާތްގަނޑަކަށް 300 ވައްތަރުގެ ތަފާތު ގޮތްގޮތަށް ނެރެފައިވެ އެވެ.
އޮކްޓޫބަރު 2023ގައި ނެރުނު 'ދި އެކްސައިޓިން މެކަރޮން' ސީރިޒްގައި މަޑު ކުލަކުލައިގެ ލަބޫބޫ ހިމެނުނެވެ. އަދި މި ސީރީޒް ވެގެން ދިޔައީ ޕޮޕްމާޓްގެ މަގުބޫލު އަދި ވިޔަފާރި ރަނގަޅު ކަލެކްޝަނަކަށެވެ.
މި ކަލެކްޝަނަށް ފަހު ލަބޫބޫގެ 'ކަލެކްޓިބަލްސް' ޑިޒައިނަށް ތަފާތު ބަދަލުތައް ގެންނަން ފެށި އެވެ. އަދި ލަބޫބޫގެ މަޝްހޫރު 'ޕްލަޝް' ތަޅުދަނޑި ފޫ ނެރުނެވެ.
'ހޭވް އަ ސީޓް' ސީރީޒްގައި ތަފާތު ގޮތްގޮތަށް ލަބޫބޫގެ އަތްފައި އަނބުރާލެވެ އެވެ. އަދި މޫނުގެ ސިފައަށް ވެސް ބަދަލުތަކެއް ގެނެސްފައި ހުއްޓެވެ. މިއީ މިހާތަނަށް ލަބޫބޫގެ އެންމެ މަގުބޫލު ސީރީޒް ވެސް މެ އެވެ.
ލަބޫބޫއެއް ގަންނަން އެތަކެއް ގަޑިއިރު ވަންދެން މީހުން ޕޮޕްމާޓް ފިހާރައިގެ ބޭރުގައި ކިއު ހަދައިގެން ތިބެ އެވެ. އަދި އޮންލައިންކޮށް އެ ފިހާރައިގެ ވެބްސައިޓުން ގަންނަން ލިބުމަކީ ވެސް ފަސޭހަކަމެއް ނޫނެވެ. އައިޓަމެއް ލާތާ މިނެޓެއް ތެރޭ ވިކި ހުސްވެ އެވެ. މި ހިސާބަށް ލަބޫބޫގެ މަގުބޫލަކަން ދިޔައީ ސޯޝަލް މީޑިއާ އިންފްލުއެންސަރުންގެ ސަބަބުންނޭ ބުނެވިދާނެ އެވެ.
މަޝްހޫރު ކޭ-ޕޮޕް ގްރޫޕް ބްލެކް ޕިންކްގެ ލަވަކިއުންތެރިއާ ލީސާ މި އަހަރުގެ ކުރީކޮޅު އޭނާގެ އިންސްޓަގްރަމް ސްޓޯރީއެއްގައި ލަބޫބޫ ޕްލަޝީއެއް ދައްކާލި އެވެ. އަދި އޭގެ ފަހުން އެކި ފަހަރު މަތިން އޭނާ ވަނީ އެކި ޑިޒައިނާ އަތްދަބަސްތަކުގައި ލަބޫބޫ އަޅުވާފައި ހުރިތަން ދައްކާލައިފަ އެވެ. ބްލެކް ޕިންކުގެ ރޮސޭއަށް ލީސާ ލަބޫބޫއެއް ހަދިޔާ ކުރި އެވެ. އަދި ދާދި ފަހުން ވެނިޓީ ފެއާ މަޖައްލާއިން ވަނީ ލީސާގެ ޕޮޕްމާޓް ކަލެކްޝަނާ ބެހޭގޮތުން ވީޑިއޯއެއް ޝާއިއުކޮށްފަ އެވެ. ދެކުނު އިރުމަތީ އޭޝިއާގެ ގައުމުތަކުގައި ލަބޫބޫ މަގުބޫލުވާން ދިމާވި މައިގަނޑު އެއް ސަބަބަކީ ލީސާ ކަމަށް ބެލެވެ އެވެ.
އެއަށްފަހު އިތުރު އެހެން ސެލެބްރިޓީއިން ވެސް ލަބޫބޫ ފޯރީގައި ބައިވެރިވާން ފެށި އެވެ. ވަކިން ހާއްސަކޮށް އެ މީހުންގެ ޑިޒައިނާ އަތްދަބަސްތަކުގައި އަޅުވާލަން އެންމެ އެކަށީގެންވާ އެއްޗަކީ ލަބޫބޫއެއް ކަމަށް ދައްކާލި އެވެ.
ލަބޫބޫގެ މަގުބޫލުކަން ބޮޑުކަމުން މިހާރު އެއިން އެއްޗެއް ގަންނަން ލިބުމަކީ ފަސޭހަ ކަމެއް ނޫނެވެ. މި ދަތިކަމުގެ ސަބަބުން އެމެޒޮން އަދި އެހެން ވެބްސައިޓުތަކުން އެ އެއްޗެހި އަލުން ވިއްކުން އާއްމުވެއްޖެ އެވެ.
ލަބޫބޫގެ ރީޓެއިލް އަގު އާއްމުކޮށް އުޅެނީ 8 ޑޮލަރާއި 28 ޑޮލަރާ ދެމެދުގަ އެވެ. ލިމިޓެޑް އެޑިޝަން ލަބޫބޫ އާއްމުކޮށް ވިއްކަން ފަށަނީ 167 ޑޮލަރުންނެވެ. އެކަމަކު ލިމިޓެޑް އެޑިޝަން ލަބޫބޫއެއްގެ 'ރީސޭލް' އަގު އާއްމުކޮށް އުޅެނީ 1،000 ޑޮލަރުގަ އެވެ. ބައެއް ނީލަންތަކުގައި ލަބޫބޫ 31،000 ޑޮލަރަށް ވެސް ވިއްކާފައިވެ އެވެ.
މި އާދަޔާހިލާފު ޑިމާންޑުގެ ސަބަބުން ވަގު އައިޓަމްތައް އިތުރުވާން ފަށައިފި އެވެ. އަދި އަސްލެއް 'ފޭކެއް' ވަކިކުރަން ނޭނގޭ ވަރަށް ނަކަލު ލަބޫބޫ ގިނަވެއްޖެ އެވެ.
ތައިލެންޑުގެ ސަރުކާރުން ދާދި ފަހުން ވަނީ ވަގު ލަބޫބޫ އާއި ލަބޫބޫގެ ރީސޭލް ސްކޭމްތަކަށް ސަމާލުވާން އާއްމުންނަށާއި ޓޫރިސްޓުންނަށް ގޮވާލައިފަ އެވެ. އޮންލައިން ޕްލެޓްފޯމްތަކުގައި 'ފޭކް' ލަބޫބޫއެއް ފާހަގަ ކުރާނެ ގޮތް ކިޔައިދީފައި އެބަހުއްޓެވެ. އަދި މިކަހަލަ 'ފޭކް' ލަބޫބޫއަށް މީހުން 'ލަފޫފޫ'އޭ ކިޔާ އުޅެ އެވެ.
ލަބޫބޫއެއް ފެނުނީމާ އެކި މީހުން ދެކެނީ އެކި ގޮތަށެވެ. ބައެއް މީހުންނަށް އެއީ ވަރަށް ހުތުރު އަދި ބިރުވެރި ސިފައެއް ޖަހާ ބުދެއް ގޮތަށް ފެނެ އެވެ. އަނެއްބައި މީހުންނަށް އެއީ ވަރަށް ލޯބި އަދި ހިތްގައިމު ސިފައެއްގެ ކުޅޭއެއްޗެކެވެ.
ލަބޫބޫގެ ޑިޒައިންގައި އެކުލެވިގެންވަނީ އިންސާނުންނަށް އާއްމުކޮށް ކަމުދާ ސިފަތަކެކެވެ. އޭގެ ބޮޑު ދެ ލޮލާއި ވަށް މޫނާއި ކުޑަ ހަށިގަނޑުގެ ސަބަބުން، ކުޑަކުއްޖެއްގެ ސިފަތަކެއް ރަމްޒުކޮށްދެ އެވެ. މި ސިފަތަކުގެ ސަބަބުން އެ އެއްޗަށް ޝައުގު އުފެދި އެއާ މެދު ރައްކާތެރިކަމުގެ އިހުސާސެއް ކުރުވަ އެވެ. މި އިހުސާސަށް ކިޔަނީ 'ބޭބީ ސްކީމާ' އެވެ. ބޭބީ ސްކީމާގެ ސަބަބުން ގިނަ ބަޔަކަށް ލަބޫބޫއަކީ ވަރަށް ލޯބި ކެރެކްޓަރެއް ގޮތަށް ފެނެ އެވެ. އެއީ ވެސް ގިނަ ބަޔަކު މި ބުދު ގަންނަން ބޭނުންވާ ސަބަބެއް ކަމުގައި ބެލެވެ އެވެ.
މޮބް ޓެކްއިން ޝާއިއުކުރި ރިޕޯޓެއްގައި ބުނިގޮތުގައި ލަބޫބޫ އާއްމުކޮށް ގަންނަނީ 18 އަހަރާއި 34 އަހަރާ ދެމެދުގެ އަންހެނުންނެވެ. އަދި އެ މީހުންނަކީ އާއްމުކޮށް 'މެޓްރޮޕޮލިޓަން ސިޓީ'އެއްގައި ނުވަތަ ސިޓީއެއް ކައިރީގައި ދިރިއުޅޭ ބައެކެވެ. މީގެ އިތުރުން އެ މީހުންނަކީ ޔުނިވާސިޓީއެއްގައި ކިޔަވާ ދަރިވަރެއް ނޫނީ ވަޒީފާއަކަށް ދާ މީހަކަށް ވުން އެކަށީގެންވެ އެވެ.
ލަބޫބޫ މައިގަނޑު ގޮތެއްގައި އެއްކުރަނީ ބޮޑެތި މީހުންނެވެ. އަދި އޭގެ ފަހަތުގައި ވަނީ ވަރަށް އާދައިގެ އެކަމަކު ފުން ސަބަބެކެވެ. އެއީ ކުޑައިރު ކޮންމެ މީހެއް ވެސް އިހުސާސު ކުރި ފޮނި، އުފާވެރި ހަނދާންތައް އާ ކުރުމުގެ ނިޔަތުގައި ލަބޫބޫ ފަދަ ކުދި ކުޅޭ ސާމާނު އެއްކުރުމެވެ. ލަބޫބޫ ފަދަ 'ކަލެކްޓިބަލް' އެއްޗެތިން މީހުންނަށް ހިތްހަމަޖެހުމާއި 'ނޮސްޓެލްޖިއާ' ލިބެ އެވެ.
ވަކިން ހާއްސަކޮށް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މިހާރު ހިނގަމުންދާ ހަމަނުޖެހުންތަކާއި ހަނގުރާމަތައް އަދި މީހުން ތަޖުރިބާކުރަމުންދާ އިގުތިސޯދީ ދަތިތަކުން ކުރިމަތިވާ ހާސްކަމުން މީހާގެ ސިކުނޑިއަށް ކޮންމެވެސް މިންވަރެއްގެ ހިތްހަމަޖެހުމެއް މިކަހަލަ އާދައިގެ 'ލޯބި' ކުޅޭ އެއްޗަކުން ގެނެސްދޭ ކަމަށް ބައެއް މީހުން ދެކެ އެވެ.
ލަބޫބޫގެ 'ބްލައިންޑް ބޮކްސް' އަކީ ކަލެކްޓަރުންގެ ތެރޭގައި ވަކިން ހާއްސަކޮށް މަގުބޫލު ވައްތަރެކެވެ. 'ބްލައިންޑް ބޮކްސް'އެއްގައި ވަނީ ކޮން ވައްތަރެއްގެ ލަބޫބޫއެއް ކަމެއް ނޭނގޭނެ އެވެ. އެއީ އެ ފޮށި ހުޅުވީމަ ނޫނީ ނޭނގޭ ކަމެކެވެ. މީގެ ސަބަބުން ލަބޫބޫއެއް ގަންނަ އިރު 'ސަޕްރައިޒް އެލެމެންޓު' ވަރަށް ބޮޑަށް އިހުސާސު ކުރެވެ އެވެ. އަދި އެއިން ފޮއްޓެއްގައި ހާއްސަ 'ސިއްރު' ލަބޫބޫއެއް އިނުން ވެސް އެކަށީގެންވެ އެވެ. މީގެ ސަބަބުން ލަބޫބޫ ގަތުމަކީ 'ޝޮޕިން'އަށް ވުރެ އިތުރު ތަޖުރިބާއެއް އިހުސާސު ކޮށްލަން ލިބޭ ފުރުސަތަކަށް ވެ އެވެ.
މި 'ސަޕްރައިޒް އެލެމެންޓު'ގެ ސަބަބުން 'ޑޮޕަމިން ލޫޕް'އެއް އިހުސާސުވެ އެވެ. އެއީ 'ބްލައިންޑް ބޮކްސް'ގެ އެތެރޭގައި ވަނީ ކޮން އެއްޗެއްކަން ނޭނގި އެ އެއްޗެއް ގަތުމަށް ފަހު، ފޮށި ހުޅުވައިފައި އަނެއްކާވެސް އަނެއް ފޮށި ހުޅުވަން އިތުރަށް ކެތްމަދުވުމެވެ. މި 'ޑޮޕަމިން ލޫޕް'ގެ ސަބަބުން މީހުން ގަންނަނީ އެންމެ ލަބޫބޫއެއް ނޫނެވެ. ގިނަ ފަހަރަށް ސެޓެއްގެ ބްލައިންޑް ބޮކްސް ގަނެ އެވެ. މިއީ ވަރަށް ދެވިހިފާ ކަމެކެވެ.
ޕޮޕްމާޓްގެ އުފެއްދުންތަކުގެ ތެރެއިން 'ބްލައިންޑް ބޮކްސް'އިން ލިބޭ ފައިދާ ކޮންމެ އަހަރަކު ގާތްގަނޑަކަށް %143 އިތުރުވާ ކަމަށް އެ ކުންފުނީގެ ލިޔެކިޔުންތަކުން ވަނީ ހާމަވެފަ އެެވެ.
'ބްލައިންޑް ބޮކްސް' އިން އުފައްދާ 'ޑޮޕަމިން ލޫޕް' އަށް ދެވިހިފުމަކީ ޖުވާ ކުޅުން ފަދަ ކަމެއްކަން ދިރާސާ ކުރާ މީހުން ފާހަގަކުރެ އެވެ. ފަހުގެ ދިރާސާތަކުން ދައްކާ ގޮތުގައި ޖުވާ ކުޅުމުގެ ޑިމާންޑު އިތުރުވެއްޖެ އެވެ. އަދި 'ބްލައިންޑް ބޮކްސް' ފަދަ ކަންކަމަކީ ޖުވާ ކުޅުމަށް މަގުފަހިވާ ކަންކަމަށްވުން އެކަށީގެންވެ އެވެ.
ޓިކްޓޮކްގައި މިހާރު އެންމެ އާއްމު އެކައްޗަކީ ލަބޫބޫ 'އަންބޮކްސިން' ވީޑިއޯތަކެވެ. މިއީ ޕޮޕްމާޓްއަށް ހިލޭ ލިބޭ ބްރޭންޑު ޕްރޮމޯޝަންތަކެކެވެ.
'އަންބޮކްސިން' ވީޑިއޯތަކަށް އޮތް ޑިމާންޑު ބޮޑުކަމުން ކޮންޓެންޓު ކްރިއޭޓަރުން އަބަދުވެސް އެ އިރެއްގައި އެންމެ މަޝްހޫރު ކަމަކަށް ވީޑިއޯ ތައްޔާރު ކުރެ އެވެ. މިވަގުތު ލަބޫބޫގެ މަގުބޫލުކަމުގެ ސަބަބުން އެންމެ ގިނައިން ފެންނަނީ ލަބޫބޫގެ ވިޑިއޯތަކެވެ. އަދި މީގެ ސަބަބުން ލަބޫބޫއެއް ގަންނަން ބޭނުން ނުވާ މީހާގެ ވެސް ހިޔާލު ބަދަލުކޮށްލަން ނުފޫޒު ފޯރުވަ އެވެ.
ލަބޫބޫގެ މަގުބޫލުކަމާ އެކު ޓިކްޓޮކްގައި ދައުރުވަމުން އަންނަ އެއް ވާހަކައަކީ ލަބޫބޫ އާއި ކުރީގެ މެސަޕޮޓޭމިއާގައި ފުރޭތައެއް ކަމަށް ގަބޫލުކުރި ޕަޒޫޒޫއާ އެއްގޮތްކަމެވެ. ޕަޒޫޒޫގެ ޝައިތޯނީ ސިފަތައް ލަބޫބޫގައި ވެސް ހިމެނޭ ކަމަށް މީހުން ކިޔަ އެވެ. ގޭތެރެއަށް ލަބޫބޫއެއް ގެނައި ފަހުން އަމިއްލައަށް ގޭގެ ބޮކިތައް ނިވިދިއްލެން ފަށާފައިވާާ ކަމަށާއި ލަބޫބޫ ބައިންދާފައި އިންނަ ތަނުން އަމިއްލައަށް ގުޑާފައި ހުންނަ ކަމަށް ބުނާ ވާހަކަތައް ވެސް ސޯޝަލް މީޑިއާގައި ދައުރުވެ އެވެ.
މުސްލިމް ޝޭހުންނާއި ކްރިސްޓިއަން ފާދިރީން ވެސް ލަބޫބޫއަކީ ޝައިތޯނީ އެއްޗެއް ކަމަށް ބުނެފައިވެ އެވެ. އަދި 'ނޯޑިކް' ފުލޯކު ވާހަކަތަކުގައި އުޅޭ ފުރޭތައަކަށް ނިސްބަތްވާ ބުދެއް ގެންގުޅުމަކީ ދީނީ ގޮތުން އެންމެ ރަނގަޅު ކަމެއް ކަމަށް ނުބެލެވޭ ކަމަށް ރާއްޖޭގެ ބައެއް ޝޭހުން ވެސް ވަނީ ބުނެފަ އެވެ.
ލަބޫބޫއަކީ މިފަދަ ފުރޭތައެއް ކަމަށް ދައްކާ ވާހަކައަށް ޕޮޕްމާޓްއިން ސީދާ އެއްވެސް އެއްޗެއް އަދި ބުނެފައެއް ނެތެވެ. އެއް ބަޔަކު ބުނާ ގޮތުގައި ޕަޒޫޒޫ އާއި ލަބޫބޫއާ ގުޅުން އޮންނަ ކަމަށް ބުނަނީ ހީއެއްގެ މައްޗަށެވެ. އަދި އެއީ އެއްވެސް ހަގީގަތެއް ނެތް ވާހަކައެކެވެ.
މި ޒަމާނުގައި ތަޖުރިބާ ކުރާ ކޮންމެ ޓްރެންޑްއެއް ނޫނީ 'ހައިޕް'އެއް އަވަސް ދުވެއްޔެއްގައި ބަދަލުވެ އެވެ. އެއް ދުވަހު މަގުބޫލު އެއްޗެއް އަނެއް ދުވަހު އެއީ އެންމެ 'ކޫލް' އަދި ސަޅި އެއްޗަށް ނުވުން އެކަށީގެންވެ އެވެ. މިހާތަނަށް ފެނުނު 'ސްޓޭންލީ ކަޕް'ގެ ފޯރި ނޫނީ ވައިރަލްވި ދުބާއީ ޗޮކުލެޓަކީ މީގެ ރަނގަޅު މިސާލުތަކެވެ.
ލަބޫބޫގެ މަގުބޫލުކަން އަންނަ އަހަރު ފެށެންވާއިރަށް ފަނޑުވެ ނިމުން އެކަށީގެންވެ އެވެ. އަދި މުޅިން އެހެން އެއްޗެއްގެ ފޯރި އަނެއްކާވެސް މުޅި ދުނިޔެއަށް ފެތުރުން އެކަށީގެންވެ އެވެ.
ޓިކްޓިކްއިން އަބަދު މި ފެންނަ ލަބޫބޫއަކީ އަސްލު ކޯއްޗެއް؟
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ